Roadha Mihaaru
ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި

ކާންދިނުމަށް ޒާހިލްގެ ގޮހޮރަށް ހޮޅި ލައްވައިފި

21 ނޮވެމްބަރ 2016

ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ހދ. ނެއްލައިދުއަށް އުފަން އިބްރާހިމް ޒާހިލްއަށް ތައިލެންޑުގެ ބެންކޮކުގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާއަށް ކެވޭނެ ގޮތް ހެދުމަށް ގޮހޮރަށް ހޮޅިލައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ހދ. ނެއްލައިދުއަށް އުފަން އިބްރާހިމް ޒާހިލްއަށް ތައިލެންޑުގެ ބެންކޮކުގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާއަށް ކެވޭނެ ގޮތް ހެދުމަށް ގޮހޮރަށް ހޮޅިލައްވައިފި އެވެ.

ގިނަ ބައެއްގެ އެހީތެރިކަމާއެކު ފައިސާ އެއްކޮށްގެން، ރާއްޖޭން ބޭރުގައި ފަރުވާ ދެމުން އަންނަ ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ބަލިވެގެން ނުކެވޭތީ މީގެ ކުރިން ވެސް އޭނާއަށް ކާންދެމުން ދިޔައީ ހޮޅިގުޅައިގެންނެވެ. އެކަމަކު ބަނޑުން ލޯވަޅެއް ތޮރުފައިގެން، ބޭރުން ހޮޅިގުޅައިގެން އޭރު ޒާހިލްއަށް ދެވެނީ ހަމައެކަނި ދިޔާ އެއްޗެއްސެވެ.

ޒާހިލްގެ ބޭބެއަކު ބުނީ އޭނާއަށް އެއްވެސް ފަރުވާއެއް ކުރެވޭނީ ރަނގަޅު އެއްޗެހި ކާންދީ، ގައިގައި ވަރުޖައްސައިގެން ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވާންދެން ހޮޅިގުޅައިގެން، ހަމައެކަނި ދިޔާ އެއްޗެހި ދިނުމުން ޒާހިލްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަ ވެފަ އެވެ.

އެހެންވެ، ހަށިގަނޑުގެ އެތެރޭން، ގޮހޮރަށް ހޮޅިލެއްވުމުން އާއްމުކޮށް މި ކާ އެއްޗެހި ކެވޭނެ ކަމަށް އާއިލާއިން ބުންޏެވެ.

މި އޮޕަރޭޝަނަށް ފަހު ޒާހިލް އަދި ރަނގަޅެއް ނުވެ އެވެ. އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

"ހާލާ މެދު އަދި އެއްޗެކޭ ބުނާކަށް ނޭނގޭ. އުއްމީދު މިކުރަނީ ރަނގަޅުވާނެ ކަމަށް،" ޒާހިލްގެ ބޭބެ ބުންޏެވެ.

އޭނާ ބުނީ އެއްވެސް އޮޕަރޭޝަނެއް ކުރެވޭނީ ޒާހިލް ގައިގާ ވަރުޖެހުމުން ކަމަށް ވުމުން، ދެން އޮޕަރޭޝަން ކުރެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އެކަމަށް ދެ މަހެއް ވަރު ނަގާފާނެ ކަމަށް ވެސް ބުންޏެވެ.

"10 ދުވަހަށްވުރެ އިތުރުވެެއްޖެ ނަމަ އަނެއްކާ ވެސް އިތުރު އެހީ ހޯދަން ޖެހޭނެ. 10 ދުވަހަށް އަޅުގަނޑުމެން ލަފާކުރަނީ 1.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް،" ޒާހިލްގެ ބޭބެ ބުންޏެވެ. އޭނާ ބުނީ އައިސީޔޫން އަވަހަށް ދޫކޮށްލައި، ގޭގައި ބާއްވައިގެން ކާންދެވޭ ވަރުވެއްޖެ ނަމަ ދެތިން މަސް ބެންކޮކުގައި މަޑުކުރެވޭނެ ކަމަށެވެ.

ޒާހިލްއަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.