Roadha Mihaaru
ބަރުދަން ހަމަ ނުވާތީ ޒާހިލް އެނބުރި ރާއްޖެ އަށް

ބަރުދަން ހަމަ ނުވާތީ އޮޕަރޭޝަން ނުކުރެވި ޒާހިލް އެނބުރި ރާއްޖެ އަށް

13 މާޗް 2017

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލް ބެންކޮކްގައި ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ހޯދުމަށް ފަހު، ކުރަންޖެހޭ އޮޕަރޭޝަން ނުކުރެވި އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލް ބެންކޮކްގައި ގިނަ ދުވަސްތަކެއް ވާންދެން ފަރުވާ ހޯދުމަށް ފަހު، ކުރަންޖެހޭ އޮޕަރޭޝަން ނުކުރެވި އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

ޒާހިލްގެ ހާލަތު ރަނގަޅު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު މިހާތަނަށް އައި އިރު އެ އޮޕަރޭޝަން ނުކުރެވުނީ އެކަށީގެންވާ ވަރަށް އޭނާ ބަރު ނުވެގެން ކަމަށާއި އެނބުރި ރާއްޖެ އައީ ބަރުދަން ހަމަނުވެގެން އޮޕަރޭޝަން ނުކޮށް ކަމަށް ޒާހިލްގެ އާއިލާ އިން ބުންޏެވެ.

"އޮޕަރޭޝަން ކުރުމަށް އޭނާގެ ބަރުދަނުގައި 30 ކިލޯ ހުންނަން ޖެހޭ. މިހާރު ހުރީ 20 ކިލޯ. އެހެންވީމަ، އެ ވަރަށް ބަރުވީމައި އެނބުރި ދާން ވެގެން އައީ،" ޒާހިލްގެ ދައްތައަކު ބުންޏެވެ.

އެންމެ ކުޑައިރުއްސުރެ އެ ބަލީގައި އެތައް ވޭނެއް ތަހައްމަލު ކުރި އުމުރުން 17 އަހަރުގެ ޒާހިލް ބެންކޮކަށް ދިޔައިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ. އެކަމަކު ބެންކޮކް ހޮސްޕިޓަލުގައި ދިން ފަރުވާތަކުން އޭނާގެ ބަރުދަނަށް ވަނީ ހަތަރު ކިލޯ އިތުރުވެފަ އެވެ.

ބެންކޮކުގައި ޒާހިލަށް ފަރުވާ ދިން ޑޮކްޓަރުން އެންމެ ފުރަތަމަ ބުނީ ބަރުދަން 20 ކިލޯ އަށް އެރުމުން އޭނާގެ އޮޕަރޭޝަން ކުރެވޭނެ ކަމަށެވެ. އެކަމަކު އެއީ ވަރަށް ބޮޑު އޮޕަރޭޝަނަކަށް ވުމުން ޑޮކްޓަރުން ފަހުން ނިންމީ ބަރުދަން އެ އަށް ވުރެ އިތުރު ކުރާށެވެ.

ޒާހިލް ބެންކޮކްގެ ހޮސްޕިޓަލުގައި: އޮޕަރޭޝަން ކުރުމަށް އޭނާގެ ބަރުދަން އިތުރު ކުރަން ޖެހޭ

ޒާހިލް ބެންކޮކްގެ ހޮސްޕިޓަލުގައި: އޮޕަރޭޝަން ކުރުމަށް އޭނާގެ ބަރުދަން އިތުރު ކުރަން ޖެހޭ

ޒާހިލްގެ ދައްތަ ބުނި ގޮތުގައި ބެންކޮކް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. އެހެންވެ، ފައިސާ ހުރި ވަރަށް ބަލާފައި އާއިލާ އިން ނިންމީ އެނބުރި ރާއްޖެ އަންނަން ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރުންގެ ވެސް ހުއްދަ ލިބުނީމަ އައީ. ދެން އެހާ ވަރަށް ބަރުވީމަ އަނެއްކާ ވެސް ބެންކޮކަށް ދާނީ،" ދައްތަ ބުންޏެވެ.

"ހީވަނީ ދެތިން މަސް ފަހުން ހެން އޮޕަރޭޝަން ކުރެވޭވަރު ވާނީ،"

އޭނާ ބުނީ ޒާހިލް އަށް އަދިވެސް ކާންދެނީ ބަނޑަށް ހޮޅިއެއް ގުޅައިގެން ކަމަށާއި މިހާރު ހަމައެކަނި އޭނާ އަށް ދެނީ ވަކި ހާއްސަ ކިރެއް ކަމަށެވެ.

ޒާހިލްގެ ބޭސްފަރުވާ އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކްގައި މަޑުކުރަން ޖެހޭނެތީ އަދިވެސް ފައިސާ ބޭނުން ވާނެ ކަމަށް އާއިލާ އިން ބުންޏެވެ.