Roadha Mihaaru
ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ކޮށްފި

ކާންދެވޭތޯ ޒާހިލްގެ އިތުރު އޮޕަރޭޝަނެއް ބެންކޮކުގައި ކޮށްފި

30 އެޕްރީލް 2017

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްއަށް ކެވޭނެ ގޮތް ހެދުމަށް ބެންކޮކުގައި އަނެއްކާވެސް އިތުރު އޮޕަރޭޝަނެއް ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުން ދާ އިބްރާހީމް ޒާހިލްއަށް ކެވޭނެ ގޮތް ހެދުމަށް ބެންކޮކުގައި އަނެއްކާވެސް އިތުރު އޮޕަރޭޝަނެއް ކޮށްފި އެވެ.

ހދ. ނެއްލައިދުއަށް އުފަން، ޒާހިލް ބެންކޮކްގައި ދެ މަހެއްހާ ދުވަހު ފަރުވާ ކުރުމަށް ފަހު މި މަހުގެ ކުރީކޮޅު ރާއްޖެ އައި ނަމަވެސް، ހާލު އިތުރަށް ގޯސްވާތީ މީގެ ދެ ހަފުތާ ކުރިން އޭނާ ވަނީ އެނބުރި ބެންކޮކަށް ގޮސްފަ އެވެ.

ޒާހިލްގެ ބޭބެއަކު ބުނިގޮތުގައި ބެންކޮކު ހޮސްޕިޓަލުން ވަނީ މިދިޔަ ހުކުރު ދުވަހު ޒާހިލްގެ އަތަށް ހޮޅިއެއް ލައްވައި، އެ ހޮޅި ގޮހޮރާ ގުޅުވައި ކާންދެވޭނެ ގޮތް ހަދައިފަ އެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް ވެސް ބުންޏެވެ.

ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަންގެ އަސަރު ޒާހިލަށް ކޮށްފައި ވަނީ އޭނާގެ ފުއްޕާމެ އާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި އަށެވެ. އޭގެ ސަބަބުން އޭނާ އަށް އެއްގޮތަކަށް ވެސް ނުކެވެ އެވެ. އޭނާ އަށް މި ހުރިހާ ދުވަހު ކާންދެމުން އައީ، ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަަށް ފޮނުވައިގެންނެވެ.

ޒާހިލް މުޅިން ރަނގަޅު ވުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު އެ އޮޕަރޭޝަން ނުކުރެވި ލަސްވަމުން ދަނީ، ޑޮކްޓަރުން ބޭނުންވާ ވަރަށް އޭނާގެ ބަރުދަން އިތުރުނުވާތީ އެވެ.

ޒާހިލްގެ ބޭބެއަކު ބުނީ ކާންދިނުމަށް މީގެ އަހަރުތަކެއް ކުރިން އިންޑިއާއިން ޒާހިލްގެ ބަނޑަށް ގުޅި ހޮޅިއެއް ހަލާކުވުމުގެ ސަބަބުން އޭނާއަށް ކާންދެމުން ދިޔައީ ވަރަށް ހާލުން ކަމަށެވެ. އަދި ހަލާކުވެފައިވާ އެ ހޮޅީގެ ސަބަބުން ޒާހިލްގެ ހާލު ގޯސްވި ނަމަވެސް، އަނަރޫފަކަން ބޮޑުވެގެން ހަށިގަނޑުގެ ތެރޭން އެ ހޮޅި ނުނެގުނު ކަމަށް ބުންޏެވެ.

"ހޮޅި ހަލާކުވެ ގިނަ ދުވަސް ވުމުގެ ސަބަބުން މަސް އަރާ ހަރުވެފައި ވަނީ. ހަގީގަތުގައި އޭނާގެ ހާލު ރަނގަޅު ނުވަނީ ވެސް އެ ހޮޅި އެހެން އިންނާތީ،" ބޭބެ ބުންޏެވެ.

ބެންކޮކު ހޮސްޕިޓަލުން ކުރިން ވަނީ އޭނާއަށް ކާންދިނުމަށް ވަގުތީ ގޮތުން ބަނޑަށް ހޮޅިއެއް ގުޅާފަ އެވެ.

އެ ހޮސްޕިޓަލުން ބުނާ ގޮތުން ޒާހިލްގެ އޮޕަރޭޝަން ކުރެވެން އޮތީ އޭނާގެ ބަރުދަނުގައި މަދުވެގެން 22 ކިލޯ ހުރެގެންނެވެ. އޭނާ އެންމެ ފުރަތަމަ ބެންކޮކަށް ދިޔަ އިރު ހުރީ 16 ކިލޯ ނަމަވެސް ހޮސްޕިޓަލުން ކުރި މަސައްކަތުން ހަތަރު ކިލޯ ވަނީ އިތުރުވެފަ އެވެ.

އެކަމަކު ފަރުވާ ދިގުލައިގެން ދާތީ އެނބުރި ރާއްޖެ އައުމުން އޭނާގެ ހާލު ދެރަވެ، ބަރުދަން އަނެއްކާވެސް 18 ކިލޯއަށް ދަށްވި އެވެ.

ޒާހިލް އަށް އެހީވާން އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު ކަން ދިމާކުރި ގޮތުން ފަރުވާ ލަސްވެ، އިތުރު ފަރުވާ ބޭނުންވާތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުނެ އެވެ.