Roadha Mihaaru
އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ

އަހަރުތަކަކަށް ފަހު ޒާހިލްގެ ބަލި ދެނެގަނެވިއްޖެ

01 ޑިސެމްބަރ 2016

ޖެހިފައިވަނީ ކޮން ކަހަލަ ބައްޔެއްކަން ނޭނގި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލަށް ޖެހިފައިވާ ބަލި، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުން ދެނެގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖެހިފައިވަނީ ކޮން ކަހަލަ ބައްޔެއްކަން ނޭނގި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލަށް ޖެހިފައިވާ ބަލި، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ ބެންކޮކް އިންޓަނޭޝަނަލް ހޮސްޕިޓަލުން ދެނެގެންފި އެވެ.

ޒާހިލްގެ މަންމަ، ރަމްޒިއްޔާ ހާރޫން މިއަދު ބުނީ އޭނާގެ ދަރިފުޅަށް ޖެހިފައިވަނީ ސީއެމްވީ އަދި އައިޖީއީ ސިންޑްރޮމް ކިޔާ އިންފެކްޝަނެއް ހިމެނޭ ބައްޔެއް ކަމަށެވެ. އަދި ޒާހިލަށް އެ އިންފެކްޝަނުގެ އަސަރުކޮށްފައި ހުރީ އޭނާގެ ފުއްޕާމެ އާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި އަށް ކަމަށާއި އޭގެ ސަބަބުން އޭނާ އަށް އެއްގޮތަކަށް ނުކެވޭ ކަމަށް ބުންޏެވެ.

އެކަމަކު އިންފެކްޝަން ދެނެގަނެވި، ޑޮކްޓަރުން އެ އަށް ބޭސްދިނުމުން މިހާރު އެ އިންފެކްޝަން ހަށިގަނޑުގެ ތެރޭގައި އެއްގޮތަކަށް ވެސް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރަމްޒިއްޔާ ބުންޏެވެ.

އިންފެކްޝަނުގެ ސަބަބުން ކާ އެއްޗެއް ނުކެވި، އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފަ އެވެ. ޒާހިލް އަށް މި ހުރިހާ ދުވަހު ކާންދެމުން އައީ، ބަނޑުން ލޯވަޅެއް ތޮރުފައިގެން ސިރިންޖަކުން ދިޔާ އެއްޗެހި ގޮހޮރަަށް ފޮނުވައިގެންނެވެ.

އެންމެ ކުޑައިރުއްސުރެ ޒާހިލް ބަލިވެ އުޅުނު ނަމަވެސް، އޭނާ އަށް ޖެހިފައިވަނީ ސީދާ ކޮން ބައްޔެއްކަން އެއްވެސް ޑޮކްޓަރަކަށް ބުނެދޭކަށް ނޭނގުނެވެ.

ރަމްޒިއްޔާ ބުނީ ޑޮކްޓަރުންނަށް އެ އިންފެކްޝަން ދެނެގަނެވުނީ، ބަނޑަށް ގުޅާފައިވާ ހޮޅީގެ ބަދަލުގައި، ކަރު ތެރެ އިން އޭނާގެ ގޮހޮރަށް ހޮޅިއެއް ލައްވައިގެން ކާންދިނުމަށް ބެންކޮކު ހޮސްޕިޓަލުން އެންމެ ފަހުން ކުރި އޮޕަރޭޝަނުންނެވެ.

އެ އޮޕަރޭޝަނުގައި އޭނާގެ ގޮހޮރަށް ގުޅި ހޮޅި، މާބޮޑަށް ހިމަވެގެން އޭގެ ބޭނުމެއް ނުހިފުނު ނަމަވެސް ދަރިފުޅަށް ޖެހިފައިވާ ބަލި އަހަރުތަކަކަށް ފަހު ދެނެގަނެވުމުން އާއިލާ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"މިހާތަނަށް އައި އިރު އެއްވެސް ޑޮކްޓަރަކަށް ނޭނގުނު މިއީ އަސްލު ކޮން ބައްޔެއް ކަމެއް. ބައެއް ޑޮކްޓަރުން ބުނަނީ މިއީ ހަމުގެ ބައްޔެކޭ. ގިނަ ޑޮކްޓަރުންނަކަށް ކޮން ބައްޔެއް ކަމެއް ބުނެދޭކަށް ނޭނގުން،" އިންޑިއާ ފަދަ ގައުމުތަކުގެ ގިނަ ޑޮކްޓަރުންގެ ގާތުން ވެސް ދަރިފުޅަށް ފަރުވާ ހޯދާފައިވާ ރަމްޒިއްޔާ ބުންޏެވެ.

ބެންކޮކްގެ ހޮސްޕިޓަލާ ހަވާލާދީ އޭނާ ބުނީ މި އިންފެކްޝަން އެކި މީހުންނަށް ޖެހެނީ އެކި ގުނަވަނަށް ކަމަށެވެ. އަދި ޒާހިލަށް މި އިންފެކްޝަނުގެ އަސަރު ކުރީ އޭނާ މަންމަގެ ބަނޑުގައި އޮތް ދުވަސްވަރު ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ރަމްޒިއްޔާ ބުންޏެވެ.

އޭނާ ބުނީ ޒާހިލު ވަރަށް ތުއްތު އިރު ހަމުގެ މައްސަލަތައް ދިމާވި ކަމަށާއި އެންމެ ކުރިއްސުރެ ހުންނަނީ ބޮލާއެކު މުޅި ގައިން ހަން ފޮޅިފައި ކަމަށެވެ. އަދި ނުކެވުމުގެ މައްސަލަ އޭނާ އަށް ދިމާވީ އުމުރުން ދިހަ އަހަރުގައި ކަމަށް ބުންޏެވެ.

"ކުޑައިރު ވެސް ވަރަށް ކުޑަކޮށް ކާނީ. އެތިކޮޅެއް ކާލާފައި ބަނޑުބޮޑުވެއްޖޭ ބުނާނެ. އުމުރުން ދިހަ އަހަރުގައި އެއްގޮތަކަށް ވެސް ނުކެވެން ފެށީ،" ރަމްޒިއްޔާ ބުންޏެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ޒާހިލަށް ނުކެވުމާއި ހަމުގެ މައްސަލަ އަކީ އެ އިންފެކްޝަނުގެ ސަބަބުން ދިމާވި ކަމެކެވެ.

ޖެހިފައިވާ ބަލި ހޯދި، އެ ކަމަށް ފަރުވާ ކުރެވުނު ނަމަވެސް ޒާހިލްގެ ކާއެއްޗެހި ދަތުރުކުރާ ހޮޅި ވަނީ ވަރަށް ބޮޑަށް ހިމަވެފަ އެވެ. އެހެންވެ، އެކަން ރަނގަޅު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި އޭނާ އެއްކޮށް ފަސޭހަ ވާނީ، އެ އޮޕަރޭޝަން ކާމިޔާބުވެ، އަލުން ކެވޭ ގޮތްވުމުން ކަމަށް ރަމްޒިއްޔާ ބުންޏެވެ.

އެކަމަކު އޮޕަރޭޝަން ކުރެވެން އަންނަނީ މިހާރު 16 ކިލޯ ހުންނަ އެ ކުއްޖާގެ ބަރުދަން 20 ކިިލޯ އަށް އިތުރުވެގެންނެވެ. އެއްގޮތަކަށް ވެސް އަނގައިން ކާއެއްޗެހި ނުކެވޭތީ، ބަރުދަން އިތުރުކުރުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ.

ޒާހިލް އަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކްގައި މަޑުކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުންޏެވެ.