Roadha Mihaaru
ކޮވިޑް-19:ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުން ހުއްޓިއްޖެ

ކޮވިޑް-19: ޔޫރަޕަށް ރޯމަސް އެކްސްޕޯޓު ކުރުން ހުއްޓިއްޖެ

16 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ރޯ މަސް އެކްސްޕޯޓު ކުރުން ހުއްޓިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ރޯ މަސް އެކްސްޕޯޓު ކުރުން ހުއްޓިއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަންނެލި އެކްސްޕޯޓު ކުރާ އެންސިސް އިން ބުނީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުން ގާތްގަނޑަކަށް 99 ޕަސެންޓް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. މިހާރު ހަމައެކަނި ރޯމަސް އެކްސްޕޯޓު ކުރަނީ އެމެރިކާއަށެވެ. ޔޫރަޕްގެ މާކެޓު ހުއްޓުމަކަށް އައުމުން އެކަމުގެ ނޭދެވޭ އަސަރު ކުންފުންޏަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ރޯމަސް އެކްސްޕޯޓް ކުރަނީ ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސަށެވެ.

ރޯމަހުގެ އިތުރުން ޔޫރަޕަށް ދަޅު މަސް ވެސް ރާއްޖެއިން އެކްސްޕޯޓްކުރެ އެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ޔޫރަޕްގެ މާކެޓަށް އެއްވެސް ދަތިކަމެއް ނެތި ދަޅު މަސް އެކްސްޕޯޓު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ތައިލެންޑަށް ގަނޑުކުރި މަސް އެކްސްޕޯޓު ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯމަސް އެކްސްޕޯޓު ކުރުމަށް ދަތިތައް ކުރިމަތި ވަނީ، ގައުމުތަކުގެ ރެސްޓޯރެންޓްތަކާއި ހޮޓާތައް ހުއްޓުމަކަށް އައިސް އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައި އޮތުމުން ކަމަށް ބެލެވޭ ކަމަށް ފައުޒީ ވިދާޅުވި އެވެ.

"މި ދުވަސްވަރު ހުރި އޯޑަރުތަކަށް ދަޅު މަސް އެކްސްޕޯޓު ކުރަމުން އަންނަނީ. ރާއްޖޭގައި ދަތިތައް ދިމާވަނީ ޔޫރަޕަށް ރޯމަސް އެކްސްޕޯޓް ކުރާ އަމިއްލަ ކުންފުނިތަކަށް،" އޭނާ ވިދާޅުވި އެވެ.

ފެކްޓަރީގައި މަސް ރައްކާކުރާ ގުދަނަކަށް ވެއްދުމަށް ތައްޔާރުގައި ބަހައްޓާފައިހުރި މަސް ކޮށިތަކެއް.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފެކްޓަރީގައި މަސް ރައްކާކުރާ ގުދަނަކަށް ވެއްދުމަށް ތައްޔާރުގައި ބަހައްޓާފައިހުރި މަސް ކޮށިތަކެއް.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަސް އެކްސްޕޯޓް ކުރުމުގައި ކުރިމަތިވެފައި ދަތިތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކްސްޕޯޓް ކުންފުނިތަކާއި މަސްވެރިން ވަނީ އިއްޔެ ފިޝަރީސް މިނިސްޓަރު މަރިޔަމް ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން މަސްވެރިކަމުގެ ދާއިރާ އަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވިފައިވެ އެވެ.

ހައްލު ހޯދަން ހުށަހެޅި ކަންކަން

- މަސްވެރިންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ ގޮތް ހޯދުން

- މަސްވެރިންގެ ބޭންކް ލޯނުތައް ދެއްކުމުގައި މިހާރަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް

- މަސް އެކްސްޕޯޓު ކުރާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ގޮތްތަކެއް ހޯދުން

މިކަންކަމަށް ހައްލުތަކެއް ހޯދަވައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ މަސްވެރިންނާއި އެކްސްޕޯޓަރުންނަށް ޔަގީންކަން ދީފަ އެވެ.

ރާއްޖޭގެ އެކްސްޕޯޓުގެ ދާއިރާގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަހުގެ ބާވަތްތަކުންނެވެ. މީގެ ތެރެއިން ވެސް ގާތްގަނޑަކަށް 60 ޕަސެންޓަކީ ރޯމަހުން ލިބޭ އާމްދަނީ އެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ކަޅުބިލަ މަހާއި ކަންނެއްޔެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ. މުޅި ދުނިޔެއަށް ފެތުރެމުންދާ މި ބަލިމަޑުކަމާ އެކު ރާއްޖޭގެ އިގްތިސާދަށް މީގެ އަސަރުތައް ކުރަމުންދާ އިރު މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.