Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 މާޗް 2020

އިރުފާން ޚާންގެ އެންމެ ފަހުގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައި ވަނިކޮށް އޭނާގެ އެހެން ފިލްމެއް އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިރުފާން ޚާންގެ އެންމެ ފަހުގެ ފިލްމު "އަނގްރޭޒީ މީޑިއަމް" ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައި ވަނިކޮށް އޭނާގެ އެހެން ފިލްމެއް އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފި އެވެ.

އެ ފިލްމަކީ މީގެ ދެ އަހަރު ކުރިން ކެންސަރުގެ ނާދިރު ބައްޔަކަށް ފަރުވާ ހޯދަން ފެށުމުގެ ކުރިން އިރުފާން ކުޅެފައި އޮތް "އަޕްނޯ ސޭ ބޭވަފާއީ" އެވެ. މިއީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

އޭގެ ޑައިރެކްޓަރު ޕްރަކާޝް ބަލޭކަރު ބުނީ އިރުފާންގެ މޮޅު އެކްޓިންއެއް ފެނިގެންދާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 2 ގައި ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ޕްރަކާޝް ބުނިގޮތުގައި "އަޕްނޯ ސޭ ބާވަފާއީ" ސިނަމާތަކަށް ގެންނަ އިރު، މީގެ އެއްވެސް މައުލޫމާތެއް އިރުފާނަކާ ހިއްސާއެއް ނުކުރެ އެވެ.

ސަބަބަކީ ފަރުވާ އަށް އޭނާ 2018 ގެ ފަހުކޮޅު އިނގިރޭސިވިލާތަށް ދިޔަ ފަހުން މުއާލަމާތްތައް ކެނޑިފައިވުމެވެ.

"ވާޖިން ބާނޫޕްރިޔާ" ޖޫން 12 ގައި

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ އުރުވަޝީ ރޮޓޭލާގެ އާ ފިލްމު "ވާޖިން ބާނޫޕްރިޔާ" މި އަހަރުގެ ޖޫން މަހުގެ 12 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ އަޖޭ ލޯހާން ޑައިރެކްޓްކޮށްފައވާ ފިލްމެކެވެ.

"ވާޖިން ބާނޫޕްރިޔާ" އަކީ ކޮލެޖެއްގައި ކިޔަވާ ޒުވާން އަންހެން ކުއްޖަކަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފެމިލީ ކޮމިޑީއެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ގޯތަމް ގްލާޓީ އާއި އަރްޗަނާ ޕުރާން ސިންގާއި ޑެލްނާޒް އިރާނީ އާއި ރަޖީވް ގުޕްތާގެ އިތުރުން ބްރިޖެންދުރަ ކާލާ ހިމެނެ އެވެ.

އުރުވަޝީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޕާގަލްޕަންތީ" އިންނެވެ.

ސަލްމާނާއި ރިތިކްގެ އެމެރިކާ ޓުއާ ކެންސަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ރިތިކް ރޯޝަން އަންނަ މަހު ވަކިވަކިން އެމެރިކާ އާއި ކެނެޑާ އަށް ފަށަން އޮތް ޓުއާތަކެއް ކެންސަލްކޮށްފި އެވެ.

ސަލްމާންގެ "އަޕް ކްލޯޒް އެންޑް ޕާސަނަލް ވިތު ސަލްމާން ޚާން" ގެ ނަމުގައި ބާއްވަން ނިންމި ޓުއާ ކުރިއަށް ގެންދަން ނިންމާފައި އޮތީ އަންނަ މަހުގެ 3-12 އަށެވެ. އެގޮތުން ހަތް ސިޓީއެއްގައި ކޮންސަޓްތަކެއް ބާއްވަން ރޭވި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޓުއާ ވަނީ ކެންސަލްކޮށްފި އެވެ.

މި ސަބަބާ ހުރެ ރިތިކްގެ ޓުއާ ވެސް ކެންސަލްކުރި އިރު، އޭނާ އޮތީ އެމެރިކާ އަށް ނުވަ ދުވަހުގެ ޓުއާއެއް ރާވައިފަ އެވެ. އެއީ ހަ ސިޓީއެއްގައި ކޮންސަޓްތައް ބާއްވާ ގޮތަށެވެ. ނަމަވެސް ޓުއާ ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ވަރުން އަށް އިތުރު ފިލްމެއް

ވަރުން ދަވަނަށް ވަގުތު ނުވެގެން ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "މިސްޓަ ލޭލޭ" ގެ ޝޫޓިން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިރު، ވަރުން އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނިގޮތުގައި ޒުވާން އެކްޓަރު މި ފަހަރު ސޮއިކުރީ މިދިޔަ އަހަރު ކަރަން ޖޯހަރުގެ ދަރުމާގެ ކާމިޔާބު ފިލްމު "ކޭސަރީ" ގެނެސްދިން ޑައިރެކްޓަރު އަނޫރާހް ސިންގްގެ ފިލްމަށެވެ. "ކޭސަރީ" އަކީ އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާ ކުޅުނު ފިލްމެކެވެ.

ފިލްމުފެއާ އިން ބުނިގޮތުގައި އަނޫރާގްގެ އާ ފިލްމަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއާ ގުޅިގެން ހަދާ އެކްޝަން ތުރިލާއެކެވެ. އަދި މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ އެވެ.

އަންނަ މެއި މަހުގެ 1 ގައި ރިލީޒްކުރާ "ކޫލީ ނަމްބަރު 1" ގެ މަސައްކަތް ވަރުން ނިންމާލާފައިވާ އިރު، ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ސްރީރާމް ރަގްވަންގެ "އެއްކީސް" ގަ އެވެ.