Roadha Mihaaru
އަލީވަހީދުގެ އޯޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

އަލީ ވަހީދުގެ އޯޑިއޯއެއްގައި ޖިނާއީ މައްސަލައެއް ހިމެނޭތީ ފުލުހުން ބަލަނީ

17 ފެބުރުއަރީ 2020

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައި އަދި ކޮރަޕްޝަނާ ގުޅޭ ވާހަކަތަކެއް ދައްކަވާ އޯޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައި އަދި ކޮރަޕްޝަނާ ގުޅޭ ވާހަކަތަކެއް ދައްކަވާ އޯޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ ކްލިޕްތަކުގެ ތެރެއިން ފުލުހުން ބަލަމުން ދަނީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާ އެކު ދެއްކެވޭ ކޮރަޕްޝަނާ ގުޅޭ ވާހަކަތަކުގެ އޯޑިއޯ އެވެ.

ފުލުހުން މިއަދު ބުނީ ލީކުވި އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށާއި އެކަމަކު އޭގެ ތެރެއިން އެއް އޯޑިއޯއެއްގައި، ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުން ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި އަސްހަދު ވިދާޅުވަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަތުމުގެ ތެރޭގައި، އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާ ހެދި ހުރަސް އެޅޭ ވާހަކަ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓެ) ގެ އެހީގައި އެކަން ނިމިފައިވާ ކަމަށް، އޭނާ ވިދާޅުވެ އެވެ.

މި އޯޑިއާގައި ދައްކާ ވާހަކަ މައްސަލައެއްގެ ގޮތުގައި ބެލެވެނީ އަސްހަދުމެންނަށް 800،000ރ ލިބިއްޖެ ކަމަށް ވިދާޅުވުމުންނެވެ.

ވެހިކަލްތައް ގެނައުމުގެ މުއާމަލާތަށް ހުރަސް އަޅައި، އެކަން "ޕޮލިސް ކޭސް" އަކަށް ހަދަން އުޅޭ ވާހަކަ އަސްހަދު ވިދާޅުވުމުން، އަލީ ވަހީދު ފުލުހުންނަށް ހުތުރު ބަސްތައް ރައްދު ކުރައްވަ އެވެ. ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަށް ވެސް ރައްދު ކުރައްވަނީ ހުތުރު ބަސްތަކެކެވެ. އަލީ ވަހީދުގެ އެހެން އޯޑިއޯތަކެއް ވެސް ވަނީ ލީކްކޮށްފަ އެވެ. އެ އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތް ކުރައްވައި އެހެން ބަޔަކު ތިބި ތަނެއްގައި ވަރަށް ހަޑި ހުތުރު ބަހުން އަލީ ވަހީދު ވާހަކަ ދައްކަވަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު އަށް ވެސް ގުޅުއްވައި ދަށުދަރަޖައިގެ ވާހަކަތަކެއް އަލީ ވަހީދު ދައްކަވާ އޯޑިއޯއެއް ވެސް މީގެ ތެރޭގައި ހިމެނެ އެވެ..

އެކަމަކު، މިއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދައުރުކުރަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކެއް ކަމަށެވެ. އަދި އެކަން ޔަގީންކުރުމަށް، އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގުމަށް އަމިއްލަ އަށް މިއަދު ގޮވާލެއްވި އެވެ.