Roadha Mihaaru
އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފި

އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން ރެޑް ނޯޓިސް ނެރެފި

03 މާޗް 2022

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާއަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ހާޒިރުކޮށްދޭން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން، އޭނާ ހޯދަން ރެޓް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާއަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ހާޒިރުކޮށްދޭން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން، އޭނާ ހޯދަން ރެޓް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ އެކު ނެރުނު ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރެޑް ނޯޓިސް ނެރެފައިވާ ކަމަަށް ފުލުހުން ބުންޏަސް އިންޓަޕޮލްގެ ވެބްސައިޓުގައި އަދި ނޯޓިސް އާއްމުކޮށްފައެއް ނުވެ އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުއްދަތެއް ނެތް ގޮތަށް ޕާސްޕޯޓްދޫކޮށް ބޭސްފަރުވާ އަށް ކްރިމިނަލް ކޯޓުން "ފުރުވާލުމުން"، އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޝަރީއަތަށް ހާޒިރު ނުވެގެން ދެ މަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ވެސް ހުކުމްކުރި އެވެ. އެ ހުކުމް ތަންފީޒު ކުރަން އޭނާ ނުގެނެވިގެން އުޅެނިކޮށް، ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާވެސް ވަނީ އޭނާ ޝަރީއަތަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފަ އެވެ.

ރެޑް ނޯޓިސް ނެރުނީ އަމުރުގެ ތަރުޖަމާއެއް ހޯދައިގެން އޭނާ ގެނައުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. އަލީ ވަހީދު ހައްޔަރު ކޮށްގެން ޝަރީއަތަށް ހާޒިރުކޮށްދޭން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން އެ މައުލޫމާތު ބޭރުގެ އެކި އެޖެންސީތަކާ ވެސް ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ.

އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރުމުން ގައުމުތަކަށް އަރުވަން ދެކޮޅުހަދާނެތީ، ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު މިއީ އަދިވެސް އޭނާ ރާއްޖެ ގެނެވޭނެ ނޯޓިސްއެއް ނޫނެވެ.

ރެޑް ނޯޓިސް ނެރެގެން ވެސް ކޯޓު އަމުރެއް ނެރެގެން ވެސް ގެނެވޭނީ އެ މީހަކު ހުރި ގައުމަކާ އެެކު އެކްސްޓްރެޑިޝަން ގާނޫނުގެ ދަށުން ކުށްވެރިން ނުވަތަ ތުހުމަތު ކުރެވޭ މީހުން ބަދަލު ކުރެވޭނެ ބައިލެޓެރަލް އެއްބަސްވުމެއް އޮތް ނަމަ އެވެ. އޭނާ ދިރިއުޅުއްވާ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް އަދި ނެތެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، އަލީ ވަހީދު މިހާރު ވަނީ ޔޫކޭ އިން އެސައިލަމަށް އެދިފައި ކަމަށެވެ. އެ މަރުހަލާ އަށް ދެ އަހަރު ހޭދަވާއިރު، އޭގެ ކުރިން އޭނާ ގެނެވޭނެ މަގެއް އޮތް ކަމަކަށެއް ގާނޫނީ ބައެއް ބޭފުޅުން ވެސް ގަބޫލެއް ނުކުރައްވަ އެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް ފުރަން ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޣައިރު ހާޒިރުގައި ހުކުމްކުރި އިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

އޭނާ ހޯދަން ފުލުސް އޮފީހުގައި އެދިފައިވަނިކޮށް، މާލެ ވަޑައިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ގޮސް އެ ހުކުމް އޭނާ ތަންފީޒުކުރައްވަނީ ހުޅުމާލެ ޖަލުގަ އެވެ.