Roadha Mihaaru
އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ތެދުވީ އެކުގައި

އަލީ ވަހީދުގެ "ހަގީގަތް" ހާމަކޮށްދޭން މުވައްޒަފުން ތެދުވީ އެކުގައި

09 ޖުލައި 2020

ކެބިނެޓުގައި އެކުގައި މަސައްކަތް ކުރެއްވި ވަޒީރަކާ ގުޅޭ ގޮތުން މިނިސްޓަރު އަލީ ވަހީދު ދެއްކެވީ ހުތުރު، ބޭއަދަބީ އަދި ސަރުކާރުގެ އެހާ އިސް މަގާމެއްގައި ހުންނެވުމަށް އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަތަކެކެވެ؛ އެކަމަކު އެފަހަރު އެ މައްސަލަ ބަލަނީ ކަމަށް ބުނެ ފާޑުކިއުންތަކުގެ އަޑު ކަނޑުވާލީ އެވެ!

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކެބިނެޓުގައި އެކުގައި މަސައްކަތް ކުރެއްވި ވަޒީރަކާ ގުޅޭ ގޮތުން މިނިސްޓަރު އަލީ ވަހީދު ދެއްކެވީ ހުތުރު، ބޭއަދަބީ އަދި ސަރުކާރުގެ އެހާ އިސް މަގާމެއްގައި ހުންނެވުމަށް އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަތަކެކެވެ؛ އެކަމަކު އެފަހަރު އެ މައްސަލަ ބަލަނީ ކަމަށް ބުނެ ފާޑުކިއުންތަކުގެ އަޑު ކަނޑުވާލީ އެވެ!

ލީކުވި އޯޑިއޯގައި ހުރި ވާހަކަތައް އަޑު ނީވޭ ކަމަށް ހަދައި، އޭރު ފިޔަވަޅު ނޭޅުމުން، އެއް ބަޔަކު ދެކޭ ގޮތުގައި، އުނދަގޫ މި ބޮޑުވީ އަލީ ވަހީދުގެ މުވައްޒަފުންނަށެވެ. މިނިސްޓަރުގެ ޖިންސީ ގޯނާ ކުރިމަތިވެ، ކެތްނުކުރެއްވުނު ކަމުގެ ޝަކުވާތަކާ އެކު ޖެންޑާ މިނިސްޓްރީ އާއި ރައީސް އޮފީހަށް ވެސް މުވައްޒަފުން ދިޔައީ އެވެ. އެ ޝަކުވާތަކުގައި އަލީ ވަހީދަށް ސީރިއަސް ތުހުމަތުތަކެއް ކުރުމުން އޭނާގެ ޖަވާބު ކުރެވެ.

"ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ" ކަމަށް ވިދާޅުވެ ނިންމާލެއްވީ އެވެ!

ސަރުކާރުގެ އެންމެ އިސް ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ (އައިޝާ)އަށް އެ މުވައްޒަފުން ކިޔައިދިނީ އަލީ ވަހީދުގެ "ހަގީގަތެ"ވެ.

އެކަމަކު އެ "ހަގީގަތް" ހާމަވަންދެން މަގާމުގައި ދެމިހުންނެވުމުގެ ފުރުސަތު މިފަހަރު ލިބިވަޑައެއްނުގަތެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް އަރާ ކަމަށްވެ އެވެ. ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ތެރޭގައި، މިއީ ކަންބޮޑުވާން ޖެހޭ އަދަދެކެވެ.

މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައި ވަގުތުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގެވީ، އެނގިފައިވާ ގޮތުގައި، އެ ތުހުމަތުތަކުގައި "ބުރަދަނެއް" ހުރެގެންނެވެ. ރައީސަށް އެ ޝަކުވާތައް ހުށަހެޅީ ސީދާ އެ މުވައްޒަފުންނެވެ. އެ ވާހަކަތައް އަޑުއައްސަވާފައި އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް އޮތީ އަޑު ފެތުރިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވަން ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އަމަލުނުކުރެއްވުމުން އޭނާ މިއަދު ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

އަލީ ވަހީދުގެ މައްސަލަ ހުށައެޅި މުވައްޒަފުންނަށް ޖެންޑާ މިނިސްޓްރީން އަންނަނީ ރައްކާތެރިކަން ދެމުންނެވެ. އަދި ފުލުހުން ވަނީ އެ ތުހުމަތުތައް ތަހުގީގު ކުރަން ވެސް ފަށައިފަ އެވެ.

މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިވި!

ޖިންސީ ގޯނާގެ މައްސަލަ ރަސްމީ އިދާރާތަކާ ހަމައަށް ފޯރިއިރު، އަލީ ވަހީދުގެ އުނދަގޫ ބޮޑުވި މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިވި މައްސަލަތަކެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ.

މުވައްޒަފުންތަކެއް ވަކިވީ "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، އެކި ފަހަރު މަތިންނެވެ. ކުރިން ވެސް މުވައްޒަފުންގެ ތެރޭގައި ދެކެވިފައި އޮތް މި ވާހަކަތައް ތިލަވީ އަލީ ވަހީދުގެ އުނދަގޫ އިންތިހާ އަށް ފޯރިކަމުގެ ހިތްހަމަނުޖެހުންތަކާ އެކު ރަސްމީ އިދާރާތަކަށް މުވައްޒަފުންތަކެއް މައްސަލަ ހުށަހެޅި ހިސާބުންނެވެ.

"ދެ މީހަކު ފުރަތަމަ ވަކިވީ، ތިން ވަނަ މީހާ ވެސް ވީ ގޮތެއް ނުބުނެ ކުއްލިއަކަށް ކެނޑުނީ،" އޭނާ ބުންޏެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުން ކުރާ ތުހުމަތުތައް މަދެއް ނޫނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރަސްމީ ދަތުރުތަކުގައި، މިނިސްޓަރާ އެކު ދާން ޖެހޭ އަންހެނުންނަށް ކުރިމަތިވި އުނދަގޫތަކުގެ އިތުރުން އޮފީސް ތެރޭގައި ވެސް އެކަހަލަ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެ އެވެ.

އެކަމަކު އެއިން އެއްވެސް ތުހުމަތަކާ ބެހޭ ގޮތުން އަލީ ވަހީދު ވާހަކައެއް ނުދައްކަވަ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މީގެ ކުރިން ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. އެހެންކަމުން ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އަޅަން ނިޒާމު ފޭލްވެފައި އޮތް ކަމަށް، ގިނަ ބަޔަކު ދެކޭ ދުވަސްވަރެއްގައި، އަނެއްކާވެސް މި ތިލަވީ އާ މައްސަލަތަކެކެވެ. ގާތްގަނޑަކަށް ޒުވާން 13 އަންހަނަކު އެކުގައި ތެދުވެ މުއައްސަސާތަކަށް ފޯރުކޮށްދިން މެެސެޖުގެ އަޑު ގަދަ އެވެ.