Roadha Mihaaru
އަލީ ވަހީދަށް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނަން: ޕޮލިސް

އަލީ ވަހީދަށް ދައުވާކުރަން ވަރަށް އަވަހަށް ޕީޖީ އަށް ފޮނުވާނަން: ފުލުހުން

01 ސެޕްޓެމްބަރ 2020

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި، އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި ނިންމާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ، ޕީޖީ އަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނިންމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާއެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. އެކަމަކު، އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި، 9 ގައި އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ.

މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، އަލީ ވަހީދު ޖުލައި، 19 ގައި ވިދާޅުވީ އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އިންސާފުވެރި ތަހުގީގަކުން ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އަލީ ވަހީދު ވަނީ އިންކާރު ކުރައްވައިފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވެ އަޅުގަނޑު [ފުލުސް އޮފީހުގައި] ދަންނަވާފައި އޮންނާނެ ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" މައްސަލައިގެ ތަފުސީލަށް ވަޑައިނުގެން އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވަޒީރުކަމުން އިސްތިއުފާ ނުދެއްވީ އެ ތުހުމަތުތައް ގަބޫލު ނުކުރައްވާތީ އެވެ. ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވީ އިހުލާސްތެރިކަމާއެކު ކަމަށާއި އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލައާ އަޅުގަނޑު ކުރިމަތިލާނަން،" ވަރަށް ޔަގީންކަމާ އެކު އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ފުރައްސާރައިގެ ތުހުމަތަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.