Roadha Mihaaru
އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އަންގަވައިފި

ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އަންގަވައިފި

08 ޖުލައި 2020

އަޚުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަންގަވައިފި އެވެ.

އަޚުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަންގަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަތަކެއްގަ އެވެ. އެކަމަކު، ސަރުކާރުން ރަސްމީކޮށް އަދި އެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ ކަމަށެވެ.

"މިކަމާ ގުޅިގެން މިނިސްޓަ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،" ހޫދުގެ ޓުވީޓުގައި ވެ އެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"‎‏ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑަ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެކަން މިވަގުތު ގެންދަނީ ބަލަމުން،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ފުލުހުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި ފަހުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި، ގައުމަށް ކޮށްދެވުނު ހިދުމަތަށްޓަކައި ފަހުރުވެރިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ކަމަކަށް ސީދާ ވިދާޅުވެފައެއް ނުވެ އެވެ.

"ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދުގެ ޓްވީޓްގައިވެ އެވެ.

މި ޓްވީޓާ އެކު އަލީ ވަހީދު ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" ކަމަށް ލިޔެފައިވާ ފޮޓޯއެއް ޕޯސްޓްކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވަނީ މުވައްޒަފުންގެ ޝަކުވާތައް އައްސަވައި މައްސަލަ ބެއްލެވުމަށް ހުރިހާ ވަގުތެއް ހުސްކުރައްވައިފަ އެވެ. ޖިންސީ ފުރައްސާރަ އަށް އޮތީ ޒީރޯ ޓޮލަރެންސްކަން އަމަލުން ސާބިތުކޮށްދެއްވައިފި ކަމަށާއި އެހެންވެ އެކަމަށް ސެލިއުޓްކުރާ ކަމަށް އެ ޓްވީޓްގައި ބުނެފައިވެ އެވެ.