Roadha Mihaaru
މަންޑޭގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަނީ

ކޯޓު އަމުރަކަށް މަންޑޭގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަނީ

18 ނޮވެމްބަރ 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ)ގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަން ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ)ގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަން ފަށައިފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފުލުހުން އޭނާގެ އެޕާޓްމެންޓުގައި މިރޭ ހަރަކާތްތެރިވަމުން ވަނީ އެ ތަކެތި ހިފެހެއްޓުމަށް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އޭގެ ތެރޭގައި އަގުބޮޑު ކާރާއި ގަހަނާއާއި އިތުރު ބައެއް ހިފާގެންގުޅޭ ތަކެތި ވެ އެވެ.

އެނގިފައިވާ ގޮތުގައި މި ތަކެއްޗަކީ މީހުންނަށް އޮޅުވާލައިގެން އެޕާޓްމެންޓުތައް ވިއްކައިގެން ލިބުނު ފައިސާއިން ގަތް އެއްޗެއް ކަން ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.

ފުލުހުން މިރޭ ބުނި މީޑިއާތަކަށް ބުނި ގޮތުގައި ފުލުހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ ބަލައި ފާސްކުރަމުންނެވެ.

މި މައްސަލަ ފެންމަތިވުމާއެކު، ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.

ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގަ އެވެ.

ހަންބޯ ކޮމްޕެނީގެ ކުންފުނީގެ 95 ޕަސެންޓް ހިއްސާ ޝިއުން ޖިން އަށް އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ. ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.