Roadha Mihaaru
މަންޑޭގެ އަގު ބޮޑު މުދާ އެއް އަހަރަށް ހިފަހައްޓައިފި

އޮޅުވާލައިގެން ވިއްކި ފްލެޓްތަކުގެ ފައިސާ އިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ މުދާ ހިފަހައްޓައިފި

19 ނޮވެމްބަރ 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެެއްގެ ދަށުންނެވެ. އެ އަމުރު ނެރުނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށެވެ. ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކަ އެވެ.

އަމުރުގައިވާ ގޮތުން ތަހުގީގު ނިމެން ދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.

އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސްގެ އިތުރުން، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

މަންޑޭގެ ޕެންޓްހައުސް ހުންނަ އެފްޑަބްލިޔު ރެސިޑެންސް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަންޑޭގެ ޕެންޓްހައުސް ހުންނަ އެފްޑަބްލިޔު ރެސިޑެންސް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުން ރޭ މީޑިއާތަކަށް ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ އަންނަނީ ބަލައި ފާސްކުރަމުންނެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.

ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުއްޓަސް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ހަންބޯ ކޮމްޕެނީގެ 95 ޕަސެންޓް ހިއްސާ ޝިއުން ޖިން އަށް އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ. ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކްއާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖެއިން ހަވާލުވި ކުންފުންޏެވެ.

އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.