Roadha Mihaaru
ސްކޭމުން ގެއްލުނު 27 މިލިއަނުން ހޯދުނީ 1 މިލިއަން

ސްކޭމްތަކުގައި 27 މިލިއަން ރުފިޔާ ގެއްލުނުއިރު ހޯދުނީ އެއް މިލިއަން ރުފިޔާ: ފުލުހުން

31 ޖެނުއަރީ 2024

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، އޭގެ ތެރެއިން ރިކަވާކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، އޭގެ ތެރެއިން ރިކަވާކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް ވިދާޅުވީ ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ކަހަލަ ސްކޭމްތަކުގެ މައްސަލާގައި މީހުންގެ އަތުން 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އެއީ 28،000 މައްސަލާގައި ހިމެނޭ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން 27 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ހިންގި ސްކޭމްގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން މި ދެންނެވި 27 މިލިއަން ރުފިޔާގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް ރިކަވާކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ސްކޭމްގެ މައްސަލަތަކަކީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ޖަރީމާތަކެއް ކަމަށެވެ. އަދި މި ކަހަލަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވުމުގެ ސަބަބުން މީގެ އެންމެ ފުނާ ހަމައަށް ދިއުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫން. އެހެންވީމަ ރިކަވާ ކުރެވޭ އަދަދު މަދުވަނީ ވެސް،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން ބުނީ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ ގޮތްތަކުގެ ތެރޭގައި ފްލެޓާއި ބިން ލިބިފައިވާ ކަމަށް ބުނުމާއި އެކި ކަހަލަ ލިންކް ފޮނުވައިގެންނާއި ޕްރޮމޯޝަންތައް ކަމަށް ބުނެ މެސެޖުކޮށްގެންނާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެންނާއި ރިލޯޑާއި ރާސްޓަސް ކުރުވައިގެންނާއި މުދާ ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެންނާ އަދި ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއިންނެވެ.

ސްކޭމްގެ އަމަލުތައް މިހާރު އެންމެ ގިނައިން ހިނގަނީ ޑޮލަރު ވިއްކާ ކަމަށް ބުނެގެންނާއި މުދާ ވިއްކާ ކަމަށް އިޝްތިހާރުކޮށް، އޮޅުވާލައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ އިދާރާ އިން މިއަދު ބުނި ގޮތުގައި، ފަލަސްތީނަށް އެހީވުމަށް ކަމަށް ބުނެ ހުޅުވި ފަންޑަކަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.

ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ މަަސައްކަތް ވެސް ފަށާފައިވާ ކަމަށާއި އެ ސެންޓަރުގެ މަސައްކަތް އަންނަ މާޗު މަހުގެ ތެރޭގައި ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.