ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާތައް ބޭންކް އެކައުންޓްތަކުގައި ހުއްޓާ ކުއްލިއަކަށް ގެއްލެނީ އާންމުންގެ ހޭލުންތެރިކަން ކުޑަކަމާއި ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ބަޔަކު ނަގައިގެންނެވެ. މިކަން ގައުމީ ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ބޭންކިން ނިޒާމުގެ ތެރެއިން ހިންގާ މިފަދަ މުއާމަލާތްތަކުގެ މައްސަލަ ދައުލަތުގެ ތަހުގީގީ އިދާރާތަކުން ބަލަބަލާ ތިއްބާ އެ ފައިސާތައް ގެއްލި، އެތައް ބަޔަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތައް ދަނީ ލިބެމުންނެވެ.
21 އޯގަސްޓް 2024
ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާތައް ބޭންކް އެކައުންޓްތަކުގައި ހުއްޓާ ކުއްލިއަކަށް ގެއްލެނީ އާންމުންގެ ހޭލުންތެރިކަން ކުޑަކަމާއި ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ބަޔަކު ނަގައިގެންނެވެ. މިކަން ގައުމީ ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ބޭންކިން ނިޒާމުގެ ތެރެއިން ހިންގާ މިފަދަ މުއާމަލާތްތަކުގެ މައްސަލަ ދައުލަތުގެ ތަހުގީގީ އިދާރާތަކުން ބަލަބަލާ ތިއްބާ އެ ފައިސާތައް ގެއްލި، އެތައް ބަޔަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތައް ދަނީ ލިބެމުންނެވެ.
ރަސްމީ އިދާރާތަކުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެއް އަހަރު ތެރޭގައި ސްކޭމްތަކުގައި އޮޅުވާލައިގެން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ވެ އެވެ. ބައެއް މައްސަލަތަކުގައި އެންމެ 10 މިނެޓް ތެރޭގައި 1.9 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކައުންޓްތަކުން ނަގާފައި އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުނު ނަމަވެސް ނުލިބި ގެއްލުނު ފައިސާތައް ވެސް ނިސްބަތުން މަދެއް ނޫނެވެ. އޭގެ އެއް ސަބަބަކީ މިފަދަ ފައިސާ ދައުރުކުރާ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ހަނިވެފައި އޮތުމެވެ.
މިކަމާ ގުޅިގެން، ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްތައް ހިފެހެއްޓުމުގެ ކޯޓު އަމުރެއް ލިބެންދެން އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް މިހާރު ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގައި ވަނީ ފުލުހުންގެ ސަބް އިންސްޕެކްޓާއިން ފެށިގެން މަތީ ރޭންކުގެ އޮފިސަރެއްގެ އަމުރަށް އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށެވެ. މާނައަކީ މި އިސްލާހުގެ ދަށުން ބާރު ލިބެނީ ވަގުތީ ގޮތުން އެކައުންޓް ހިފެހެއްޓުމަށެވެ. ނަމަވެސް މި ބިލް ވެގެން ދިޔައީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުން ބޮޑުވި މައްސަލައަކަށެވެ.
"ޖަޒުބާތުގައި ޖެހިގެން ގާނޫނު ހެދުން ހުއްޓާލަންވެއްޖެ."
ސްކޭމްގެ މައްސަލަތަކުގައި ފުލުހުންނާއި ބޭންކުތަކަށް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވަނީ ފައިސާ ގެއްލުނުކަން ރިޕޯޓްކުރިޔަސް ފައިސާ ޖަމާވި އެކައުންޓްތައް ވަގުތުން ފްރީޒް ނުކުރާތީ އެވެ. އެކަމަކު، ބޭންކިން ގާނޫނު އޮންނަ ގޮތުން އެކައުންޓްތަކުގައި ހުންނަ ފައިސާ ކޯޓު އަމުރެއް ނެތި ހިފެހެއްޓުމަކީ ބޭންކްތަކަށް އާންމު އުސޫލުން ކުރެވޭނެ ކަމެއް ނޫނެވެ. ޝައްކު ކުރެވޭ މުއާމަލާތްތަކުގައި ވެސް ފައިސާ ހިފެހެއްޓުމުގެ ބާރު ބޭންކްތަކަށް އޮންނަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ލިބިގެންނެވެ.
މަޖިލީހުގެ ޖަލްސާއެއް ހިނގަނީ --- ފޮޓޯ/މަޖިލިސް
އެހެންވެ، ކުއްލިއަކަށް ބޮޑެތި އަދަދުތަކުން އެކައުންޓްތަކަށް ފައިސާ ޖަމާވިޔަސް، ފިޔަވަޅު އެޅުމުގައި ބޭންކްތަކަށް ގާނޫނީ ގޮތުން އޮންނަ ބާރު ކުޑަ އެވެ. އަނެއްކޮޅުން، އެކައުންޓަކަށް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވާ ކޮންމެ ފަހަރަކު ބޭންކްތަކުން އެކަން ހުއްޓުވަން ވެއްޖެ ނަމަ ހުއްދަ ގޮތުގައި ހިންގާ އެތައް މުއާމަލާތްތަކެއް ވެސް ހުއްޓުމަކަށް އައިސް، އެތައް ބަޔަކަށް ދަތިތައް ކުރިމަތިވާނެ އެވެ. އެހެންކަމުން ތަހުގީގީ އިދާރާއަކުން އެންގި ނަމަވެސް ކޯޓު އަމުރެއް ނެތި އެކަން ކުރުން ގާނޫނީ ގޮތުން ފަސޭހައެއް ނޫނެވެ.
މިފަދަ މައްސަލަތަކުގައި މިހާރު ގާނޫނީ ގޮތުން ފުލުހުންނަށް އޮންނަ ބާރު ވެސް ކުޑަ އެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާ އޮންނަ ގޮތުން ބޭންކް އެކައުންޓްތައް ފްރީޒް ކުރެވޭނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިގެން ބަލަމުންދާ ބެލުންތަކުގައި ކުށަކާ ގުޅޭ ކަމެއް ފެނިއްޖެ ނަމަ ކޯޓު އަމުރެއް ހޯދައިގެންނެވެ. ނަތީޖާއަކީ ކޯޓު އަމުރު ހޯދަން ހޭދަވާ ވަގުތުތަކުގައި ތެރޭގައި ފައިސާތައް އެކި އެކައުންޓްތަކުގައި ދައުރުކޮށް، ލޯ މަތިން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމެވެ.
"އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ."
ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ސްކޭމްތަކުން ހޯދާ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް އަވަސް އަވަހަށް ދައުރުކޮށް، އިތުރު ފައިސާތަކާ އެއާ އެއްކޮށް، އަސްލު އޮޅުވާލަމުންދެ އެވެ. ނަމަވެސް ކޯޓު އަމުރެއް ލިބެން ހޭދަވާ ވަގުތުގައި ފައިސާ ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަމެއް މިއީ ގާނޫނީ ގޮތުން. އެކައުންޓްތަކުގައި މި ދައުރުވަމުންދާ ފައިސާ އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ. އެހެން ނޫނީ ރެޕިޑް ރެސްޕޮންސްގެ ރިކަވަރީގެ ކަންތައްތަކެއް ނުކުރެވޭ،" ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް މަރިޔަމް ރަޝީދާ ވިދާޅުވެފައި ވެ އެވެ.
ނަމަވެސް ފުލުހުންގެ އަތްމައްޗަށް މިފަދަ ބާރެއް ދޫކޮށްލުމާ މެދު ބައެއް މީހުން ކަންބޮޑުވުމަކީ ފުލުހުންނާ މެދު އިތުބާރު ނެތުމެވެ. ފުލުހުންނަށް ބާރުތަކެއް ދީފި ނަމަ އޭގެ ނާޖާއިޒު ފައިދާ ނަގައި، ސައްހަ ގޮތުގައި ހިންގާ މުއާމަލާތްތައް ވެސް ހިފަހައްޓަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބައެއް މީހުން ދެކެ އެވެ.
"ޖަޒުބާތުގައި ޖެހިގެން ގާނޫނު ހެދުން ހުއްޓާލަން ވެއްޖެ. ޕޮލިހަށް ތި ބާރު ދީގެން ނުވާނެ. ބޭންކުގެ ގަވާއިދުތައް ވަރުގަދަ ކުރަންވީ. ގިނަ ފަހަރު ސްކޭމްގައި ޖެހެނީ އެއް ދުވަހުން މުއްސަނދި ވާން އުޅޭ މީހުން،" އާންމުންގެ މީހަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.
"އެކައުންޓް އެއްކޮށް ފްރީޒްވެއްޖިއްޔާ އެ ބައެއްގެ ވިޔަފާރި ހުއްޓޭނެ."
އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ --- ފޮޓޯ/މިހާރު
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވި ގޮތުގައި ފުލުހުންނަށް ހައްދެއް ނެތި އެ ބާރު ދޫކޮށްލައިފި ނަމަ ސައްހަ ގޮތުގައި ހިންގާ މުއާމަލާތްތައް ވެސް ހުއްޓުވި، އެތައް ބަޔަކަށް ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވެ، އޭނާ ވިދާޅުވީ ފުލުހުންނަށް ބާރު ދޭން ޖެހޭނީ މުޅި އެކައުންޓް ހިފެހެއްޓުމުގެ ބަދަލުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފައިސާގެ އަދަދު ހިފެހެއްޓުމަށެވެ.
"މުޅި އެކައުންޓް އެއްކޮށް ފްރީޒް ވެއްޖިއްޔާ އެ ބައެއްގެ ވިޔަފާރި ހުއްޓޭނެ. އެއާ އެކީގައި މީގައި ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު ވެސް ބަޔަކަށް އެބައޮތް. ބަޔަކަށް ލަނޑެއް ދިނުމުގެ މަގްސަދުގައި ވެސް މިކަން ކޮށްލެވިދާނެ މިހާރު މި އޮތްގޮތުން،"" މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވި އެވެ.
ނަމަވެސް ބިލް ހުށަހެޅުއްވި މެމްބަރު ކުޑޫ ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު އިތުބާރުގެ މައްސަލަ އޮތަސް، ސްކޭމްގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ފުލުހުންނަށް ކަމަށް ވާތީ ފައިސާ ހޯދުމަށްޓަކައި ފުލުހުން ބޭނުންވާ ބާރުތަކެއް ދޭންޖެހެ އެވެ.
"ފުލުހުން މިކަން ކުރަން ތިބެނީ. ފުލުހުންނާ ދިމާލަށް ދާން މި ޖެހެނީ. ފުލުހުން ވިދާޅުވަނީ މިކަން ކުރެވެން އޮތީ މިހެން ހަދައިގެންނޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޒިންމާއެއްހެން އެ ބޭފުޅުން ވިދާޅުވާ ގޮތަށް ކަމެއް ކޮށް ދިނުމަކީ،" ކުޑޫ ވިދާޅުވި އެވެ.
ބޭންކިން ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގަމުންދާ ސްކޭމްތައް ހުއްޓުވައި، މީހުންގެ ފައިސާ ސަލާމަތް ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެކަމަށްޓަކައި ފުލުހުންނަށް ވެސް ގާނޫނީ ގޮތުން ބާރުތަކެއް އޮތުން މުހިންމެވެ. ނަމަވެސް އޭގެ އަނެއްކޮޅުން، މީހުންގެ މާލީ މުއާމަލާތްތައް ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު ފުލުހުންނަށް ދީފި ނަމަ އެކަމުން ދެން ނިކުމެދާނެ މައްސަލަތަކަށް ވެސް ވިސްނާލުން މުހިންމެވެ.
ސްކޭމްތަކުގައި އެކައުންޓް ހިފަހައްޓަން ޕޮލިހަށް ބާރުދެނީ
ކޯޓުއަމުރު ނެތި އެކައުންޓް ހުއްޓުވޭނެ ހައްލަކަށް އެދެފި
ސްކޭމްތަކާ ގުޅިގެން 500 އެކައުންޓް ބްލޮކް ކޮށްފި
ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލަ މާދަމާ ފަށަނީ
ހައްޔަރު ކުރާއިރު ޔުނިފޯމް އަޅަން ނުޖެހޭ ގޮތް ހަދަނީ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ