Roadha Mihaaru
ކޯޓުއަމުރު ނެތި އެކައުންޓް ހުއްޓުވޭނެ ހައްލަކަށް އެދެފި

ސްކޭމްތަކުގައި ކޯޓު އަމުރަކާ ނުލައި އެކައުންޓުތައް ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވޭ: ފުލުހުން

31 ޖުލައި 2024

ސްކޭމްގެ މައްސަލަތަކުގައި، ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޭމްގެ މައްސަލަތަކުގައި، ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މިއަދު ބުނެފި އެވެ.

އެސްއޯއީ ކޮމިޓީގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓްތަކުގައި ފައިސާ ހޯލްޑްކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތް ކަމަށެވެ.

އެސްއޯއީ ކޮމިޓީގައި ފުލުހުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްއޯއީ ކޮމިޓީގައި ފުލުހުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޭންކް އެކައުންޓެއްގައި ހުރި ފައިސާ ހުއްޓުވާ ނަމަ، އެކަން ކުރަން ޖެހެނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިހާރު ސްކޭމްގެ މައްސަލަތަކުގައި އަޅުގަނޑުމެންނަށް ކޯޓު އަމުރެއް ނަގާނެ ފުރުސަތެއް ނުލިބޭ، އެކަން މި ހިނގަނީ ވަރަށް ރެޕިޑްކޮށް (އަވަސްއަވަހަށް). އެހެންވީމަ އަޅުގަނޑުމެންނަށް ގާނޫނުގެ ތެރެއިން އެކައުންޓްތަކުގައި ދައުރުވަމުންދާ އެ ފައިސާ ހުއްޓުވޭނެ ގޮތެއް އެބަ ބޭނުންވޭ،" މަރިޔަމް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަމެއް މިއީ ގާނޫނީ ގޮތުން، އެކައުންޓުތަކުގައި މި ދައުރުވަމުންދާ ފައިސާ އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ. އެހެން ނޫނީ ރެޕިޑް ރެސްޕޮންސް ރިކަވަރީގެ ކަންތައްތަކެއް ނުކުރެވޭނެ."

މި މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހާ ބައްދަލުކުރަން އެދިގެން ދެ ފަހަރެއްގެ މަތިން ބައްދަލުވުން ބާއްވަން ތާވަލުކުރި ނަމަވެސް، ބައްދަލުވުންތައް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްއޯއީ ކޮމިޓީގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ އިތުރުން، މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ހޯދަން ޖެހޭ މައުލޫމާތު ވެސް ކޯޓު އަމުރަކާ ނުލައި، ޒާތީ މައުލޫމާތު ނުހިމެނޭ ގޮތަށް، ބޭސިކް ސަބްސްކްރިޕްޝަން ޑީޓެއިލްސް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހޭ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ބޭންކުތަކާއި މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ރިއަލް ޓައިމްގައި ފުލުހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ސްކޭމްތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެސްއޯއީ ކޮމިޓީގައި ފުލުހުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތައް މަދުކުރުމަށްޓަކައި ހެދި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިސްވެރިން މިއަދު އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރީ ގައުމީ ބޭންކް ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށެވެ. ފުލުހުންގެ އިތުރު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ އިސްވެރިން ވެސް އެ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފަ އެވެ.