Roadha Mihaaru
9 ދުވަސް ތެރޭގައި 1.8 މިލިއަން ނަގައި ދޮވެލި ގޮތް

ނުވަ ދުވަސް ތެރޭގައި 1.8 މިލިއަން އެކައުންޓުން ނަގައި ދޮވެލި ގޮތް

19 ފެބުރުއަރީ 2024

މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު ފުލުސް އޮފީހަށް މީހަކު ހުށަހެޅީ އިސްލާމިކް ބޭންކްގައި އޭނާ ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ބަޔަކު ފޭރިގަތް މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭގައި ފުލުހުން ވަނީ މައްސަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހަކު ދަނެގަނެ، ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު ފުލުސް އޮފީހަށް މީހަކު ހުށަހެޅީ އިސްލާމިކް ބޭންކްގައި އޭނާ ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ބަޔަކު ފޭރިގަތް މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭގައި ފުލުހުން ވަނީ މައްސަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހަކު ދަނެގަނެ، ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ގެއްލުނު ގިނަ ފައިސާ ބޭންކް އެކައުންޓްތަކުގައި ހޯލްޑްކޮށް، ބަލައި ފާސްކޮށްގެން ވެސް ފައިސާތަކެއް ހޯދާފައިވާއިރު، މި ޖަރީމާ ހިންގާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަން ފުލުހުންގެ ތަހުގީގަށް އެއްކުރި މައުލޫމާތުން މިހާރު ވަނީ އެނގިފަ އެވެ.

ވިކްޓިމް ނުވަތަ ގެއްލުން ލިބުނު މީހާގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވަނީ ތިން މީހެއްގެ އެކައުންޓަކަށެވެ. އެ ތަނުން އެކެއްގެ އެކައުންޓަށް ފަސް ފަހަރެއްގެ މަތިން އެއް މިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ. އެ މީހާ ވަނީ އޭނާގެ ނަމުގައި ހުރި އެހެން އެކައުންޓްތަކަށް އެ ފައިސާ އެކި ފަހަރު މަތިން އެކި ދުވަސްތަކުގައި ޓްރާންސްފާ ކޮށްފަ އެވެ.

މިއީ މި ފޭރުމުގެ ފުރަތަމަ ފަށަލަ އެވެ.

އެ މީހާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކޮށް، އަނެއްކާވެސް އަނބުރައި ޓްރާންސްފާ ކޮށްފައިވަނީ ފޭރުނު ފައިސާތައް ލޭޔަރު ކުރުމުގެ ގޮތުންނެވެ. މިއީ މިފަދަ މައްސަލަތަކުގައި ފައިސާގެ އަސްލު އޮޅުވާލުމަށް އާންމުކޮށް ބޭނުން ކުރާ އުކުޅެކެވެ.

އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމުގެ އިތުރުން ބައެއް ތަންތަނުން ވިޔަފާރި ވެސް ވަނީ ކޮށްފަ އެވެ. އިލެކްޓްރޯނިކް ސާމާނާއި ދޫނި ފަދަ ތަކެތި އޭނާ ގަނެފައިވެ އެވެ. އެކަމަށް ގާތްގަނޑަކަށް 90،000 އެއްހާ ރުފިޔާ ބޭނުންކުރި އެވެ. އޭނާގެ ހަރަދަށް އެކައުންޓްގައި ހަތް ލައްކަ ރުފިޔާ ބަހައްޓާފައި ހުއްޓެވެ.

ދެ ވަނަ މީހާގެ އެކައުންޓަށް ވިކްޓިމްގެ އެކައުންޓުން ޓްރާންސްފާކުރީ 8 ލައްކަ ރުފިޔާ އެވެ. އިތުރު ފައިސާ ފުރަތަމަ މީހާގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފޮނުވި އެވެ. އޭނާ ވެސް ވަނީ އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، ރޯލްކޮށްފަ އެވެ. ތިން ވަނަ މީހާއަށް ފައިސާ ޓްރާންސްފާކޮށްފައިވަނީ އޭނާ އެވެ. ތިންވަނަ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 1.5 މިލިއަން ރުފިޔާ އެވެ.

ތިންވަނަ މީހާ ވަނީ އެ އިން 16،000 ރުފިޔާގެ ޕީއޯއެސް ޕޭމަންޓްތައް ހަދައިފަ އެވެ. އޭޓީއެމް މެދުވެރިކޮށް އެއް ލައްކަ ރުފިޔާ ނެގި އެވެ. އަދި އޭނާ ވަނީ އެހެން ތިން ލައްކަ ރުފިޔާ އެހެން އެކައުންޓްތަކަށް ޓްރާންސްފާކޮށްފަ އެވެ.

ގެއްލުން ލިބުނު މީހާގެ އެކައުންޓުން މި ފައިސާ ފޮނުވާފައިވަނީ އެ މީހާގެ ފޯނަށް އަންނަ އޯޓީޕީ ފަދަ މައުލޫމާތުތައް ބޭނުންކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. މިކަން ކޮށްފައިވަނީ ނަމާދު ވަގުތާ ދިމާކޮށް، ގެއްލުން ލިބުނު މީހާ ނަމާދަށް މިސްކަތަށް ދާ ވަގުތު ބަލައިފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ދުވަހެއްގެ މަތިން ނުވަ ފަހަރު އެ މީހާގެ އެކައުންޓުން ވަނީ ފޭރިގަނެފަ އެވެ.

މި މައްސަލާގައި ހައްޔަރުކުރީ:

- އުމުރުން 24 އަހަރުގެ އަންހެނެއް.

- އުމުރުން 24 އަހަރުގެ ފިރިހެނެއް.

- އުމުރުން 23 އަހަރުގެ ފިރިހެނެއް.

- އުމުރުން 16 އަހަރުގެ ކުއްޖަކަށް ތުހުމަތު ކުރެވޭ.

1.8 މިލިއަން ރުފިޔާ ޓްރާންސްފާކުރި ގޮތުގެ މައުލޫމާތު މީޑިއާ އަށް ދިނުމަށް މިއަދު ބޭއްވި ބްރީފިންގައި ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

1.8 މިލިއަން ރުފިޔާ ޓްރާންސްފާކުރި ގޮތުގެ މައުލޫމާތު މީޑިއާ އަށް ދިނުމަށް މިއަދު ބޭއްވި ބްރީފިންގައި ހެޑް އޮފް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 16 އަހަރުގެ ކުއްޖާގެ ބައިވެރިވުން މި މައްސަލާގައި އޮތް ގޮތް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި ގެއްލުން ލިބުނު މީހާގެ ފޯނު މެދުވެރިކޮށް ފައިސާތައް ފޭރިގަންނަން އެހީތެރިވެފައިވަނީ އެ ކުއްޖާ އެވެ.

މި މައްސަލާގައި ދެން ހިމެނޭ ތިން މީހުންގެ ތެރެއިން އެކަކީ މިފަދަ މައްސަލަތަކުގެ ރެކޯޑް އޮތް މީހެކެވެ.

ގެއްލުނު ފައިސާ ހޯދައި، ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މިކަމަށް އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަން ފުލުހުން ފާހަގަކުރި އެވެ. މިހާތަނަށް މި ފޭރުމުގައި އެއްވެސް ބޭންކެއްގެ މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޭރުނު ފައިސާތަކުން ވިޔަފާރި ވެސް ކޮށްފައިވާއިރު، އެކަން ކޮށްފައިވާ ފިހާރަތަކުގެ އެހީގައި އެ ފައިސާ ވެސް އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހިމެނޭ މީހުންގެ ބޭންކްގައި ހޯލްޑްކޮށްފައިވާ ފައިސާ:

- ތިންވަނަ މީހާގެ އެމްއައިބީގެ އެކައުންޓްގައި 8 ލައްކަ ރުފިޔާ.

- ފުރަތަމަ މީހާގެ އެމްއައިބީގެ އެކައުންޓްގައި ދެ ލައްކަ ރުފިޔާ.

- ދެ ވަނަ މީހާގެ އެކައުންޓްގައި 80،000 ރުފިޔާ.

- ތިންވަނަ މީހާގެ ބީއެމްއެލްގެ އެކައުންޓްގައި އެއް ލައްކަ ރުފިޔާ.

- ފުރަތަމަ މީހާގެ ބީއެމްއެެލް އެކައުންޓްގައި 1،600 ރުފިޔާ.

- ދެ ވަނަ މީހާގެ ބީއެމްއެލްގެ އެކައުންޓްގައި 5،000 ރުފިޔާ.