Roadha Mihaaru
އޯޑިއޯއަކީ އިންތިޚާބާ ގުޅޭ ގޭސްގަނޑެއް: އަޑުބަރޭ

ލީކުވި އޯޑިއޯ: އަޑުބަރޭ ވިދާޅުވަނީ "އެއީ އިންތިޚާބަށް ހިންގާ ގޭސްގަނޑެއް" ކަމަށް!

16 ފެބުރުއަރީ 2020

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯތަކާ ހެދި އަމާޒުވާ ފާޑުކިއުންތަކުގެ ދިފާއުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު ނުކުންނަވައި އެ އޯޑިއޯތަކަކީ އެފްއޭމްގެ އިންތިޚާބާ ދިމާކޮށް ހިންގާ ގޭސްގަނޑެއް ކަމަށް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ނިސްބަތްކުރައްވައި ހަޑިހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯތަކާ ހެދި އަމާޒުވާ ފާޑުކިއުންތަކުގެ ދިފާއުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިއަދު ނުކުންނަވައި އެ އޯޑިއޯތަކަކީ އެފްއޭމްގެ އިންތިޚާބާ ދިމާކޮށް ހިންގާ ގޭސްގަނޑެއް ކަމަށް ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ އޯޑިއޯތައް ލީކުކުރާނެ ކަމުގެ އިންޒާރު ކުރިން ދީ، ޓުވިޓާގައި ބައިބަޔަށް އާއްމުކުރި އޯޑިއޯތަކާ ހެދި އަލީ ވަހީދަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ. އަޑުބަރޭ ވެސް ވާހަކަ ދައްކަވާ އެ އޯޑިއޯގައި، އަލީ ވަހީދު ވަނީ ކެބިނެޓުގައި އެކުގައި މަސައްކަތް ކުރައްވާ އެހެން ބައެއް ވަޒީރުން ވަރަށް ދަށްކޮށްލައްވައި ހުތުރުބަސްތައް ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތީ، އޯޑިއޯގައި އަޑު އިވޭ ގޮތުގައި، އޭނާ ރައީސްކަން ކުރައްވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގަތް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށެވެ. އަމީނަކީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާނުކުރައްވައި، ރައްޔިތުންގެ ކުރިމަތީގައި މަޝްހޫރުވާން އުޅޭ ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ކޮވިޑް ވައިރަހުގެ ކަންކަމުގައި އަމީންގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަތީ އޭނާ އަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތަކާ ގުޅިގެން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް އަށް ފާޑުވިދާޅުވި އިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި އެ ކޯލަށް ފަހު އޭނާ އަށް ނިސްބަތްކުރައްވައި ހުތުރުބަހުން މުއާމަލާތްކުރާ އޯޑިއޯ ވެސް ވަނީ ލީކްކޮށްލައިފައި އެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރާ އެ އޯޑިއޯތަކަކީ އަބުރުކަތިލުމުގެ އަމަލެއް ކަމަށް އަލީ ވަހީދު ވިދާޅުވެފައި ވަނިކޮށް އަޑުބަރޭ ކުރެއްވި ޓުވީޓުގައި ވަނީ މިނިސްޓަރުގެ ވާހަކަ އަށް ބާރުދެއްވައިފަ އެވެ. މިކަމާ ބެހޭ ގޮތުން ދެ ބޭފުޅުން ވެސް މީޑިއާއާ ވާހަކަ ދައްކަވާކަށް ބޭނުމެއް ނޫނެވެ.

އޯޑިއޯތައް އާއްމުވުމުން ނުރުހުމާއި ފާޑުކިއުން އަމާޒުވެފައިވާ ދެ ބޭފުޅުން ވެސް ދިފާއުވެވަޑައިގަތީ ޓުވީޓަކުންނެވެ. މިނިސްޓަރު އަލީ ވަހީދުގެ ޓުވީޓާ ގުޅުވައި އަޑުބަރޭ ކުރެއްވި ޓުވީޓުގައި ވެސް ވިދާޅުވީ "އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން" ކަމަށެވެ.

އަޑުބަރޭގެ ޓުވީޓް

ދެ ބޭފުޅުންގެ އަޑުކަން ސާފުވާ އޯޑިއޯ ސައްހަ ނޫން ކަމަށް ވިދާޅުވާ ސަބަބު އޮޅުންފިލުވައިނުދީ، ދެން ވިދާޅުވީ ބަޔަކު އެކަން ކުރި ސަބަބެވެ. އަޑުބަރޭ ތުހުމަތު ކުރެއްވި ގޮތުގައި، އޯޑިއޯ ލީކުކޮށްލި މީހުންނަށް އޮތީ އެފްއޭމްގެ އިންތިޚާބަށް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެ ކަމުގެ ބިރެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އޯޑިއޯ ލީކުކޮށްލައި ސިޔާސީ ބަޔަކާ އެކު ޖަރީމާ ހިންގަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. ހަގީގަތް ސާފުކުރަން ބޭނުން ނަމަ އޭނާ އެދިވަޑައިގަތީ މައްސަލަ ތަހުގީގު ކުރުމަށެވެ.

"ޖަވާ އިސްވެ ހުރެ ސިޔާސީ ބަޔަކާ އެކު ހިންގާ ގޭސްގަނޑެއް. ތަހުގީގު ކުރަންވީ، ހަގީގަތް ސާފުވާނެ،" އަޑުބަރޭ ވިދާޅުވި އެވެ.

އޭނާ މި ތުހުމަތު ކުރެއްވި ނަމަވެސް އެފްއޭމްގެ އިންތިޚާބާ ގުޅޭ ގޮތުން އަލީ ވަހީދާ އެކު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް މިހާތަނަށް އާއްމުވެފައެއް ނުވެ އެވެ. ކުޅިވަރާ ގުޅޭ ވާހަކަތަކަކަށް ދެއްކެވީ، އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ދަރިވަރުން ބައިވެރިވުމުގެ އުސޫލު ކަމުނުދާ ވާހަކަ އެވެ.

އެކަމަކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމާ ދެކޮޅަށް މަސައްކަތްކުރައްވައިފަ އެވެ. އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަނުގެ ލީޑާޝިޕް ބަދަލުކުރުމުގެ މަސައްކަތް މަހުލޫފު ކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.

އަލީ ވަހީދު ވަނީ އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފަހުން މަހުލޫފާއި އަލީ ވަހީދު އެފްއޭއެމްއާ އެއް ގަލަކަށް އެރުއްވީ އެވެ. އަދި ބައްސާމް ވަނީ ދެ ވަޒީރުން ހިމަނުއްވައިގެން ގައުމީ ޓީމުގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެއާ އެކު ފެންނަން ފެށީ މަހުލޫފަށް ވުރެ އަލީ ވަހީދު ފުޓްބޯޅަ ކަންކަމުގައި އިސްކޮށް ހުންނެވި މަންޒަރެވެ. އެކަމަކު ފަހުން ކުއްލިއަކަށް ފެނުނީ އެ ކޮމިޓީ އުވާލިތަނެވެ. އޭގެ ފަހުން އަލީ ވަހީދާއި އެފްއޭއެމާ ދެމެދު އަނެއްކާ ވެސް ފެންނަން ފެށީ ދުރުމިނެކެވެ. އެކަމަކު މަހުލޫފު ހުންނެވީ ކުރިން ވެސް ހުންނެވި ގޮތަށް ބައްސާމާ އެކު އެވެ.

އޯޑިއޯއާ ގުޅިގެން ދިފާއުގައި އަލީ ވަހީދާއި އަޑުބަރޭ ޓުވީޓަކުން ފުއްދާލެއްވި ނަމަވެސް އެހެން ވަޒީރުންނަށް ނިސްބަތްކުރައްވައި ހުތުރުބަހުން ދެއްކެވި ވާހަކަތަކާއި ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގެނައުން ރިޝަވަތާ ގުޅުވައި ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހަމައެކަނި ޓުވީޓަކުން ނިންމާލެވޭ ވަރަށް ވުރެން ސީރިއަސް ވާހަކަތަކެއް ވެސް އެބަހުއްޓެވެ.