Roadha Mihaaru
ކާނަލް ނާޒިމްގެ ބައްޕަ އަވަހާރަވެއްޖެ

ކާނަލް ނާޒިމްގެ ބައްޕަ އަވަހާރަވެއްޖެ

17 ފެބުރުއަރީ 2020

ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއްރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއްރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

އަބްދުއްރަޝީދަކީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ކުރީގެ އާރުސީއެންސީ އަދި މިހާރު އާރުސީސީގެ ޗެއާމަނެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ވަޑާންގެއެއްގެ ގޮތަށް ރަޝީދު 72، އޭނާގެ އަމިއްލަ ގެ މ. ސީނުކަރަންކާގޭގައި ފެށި މަސައްކަތް، ފަހުން ކޮންސްޓްރަކްޝަން ކުންފުންޏަކަށް ބަދަލުވެ، އެ ކުންފުނި އަންނަނީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ބޮޑެތި އިމާރާތްތައް ހަދަމުންނެވެ.

އަބްދުއްރަޝީދު އަވަހާރަވީ، ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ފަރުވާ އަކަށް ސްރީ ލަންކާ އަށް ވަޑައިގެންނެވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް، މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ރަޝީދު އާލާސްކަންފުޅާ އުޅުއްވާތާ ހައެއްހަ އަހަރު ވެއްޖެ ކަމަށް އާއިލާ އިން ބުނެ އެވެ.

ރަޝީދު އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތީ، އާރުސީސީގެ ފަރާތުން ހުޅުމާލޭގއި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖެނުއަރީ 16 ގަ އެވެ. އާއިލާގެ މެމްބަރުންނާ އެކު ރަޝީދު އެ ހަފުލާއިން ފެނުނުއިރު ވެސް އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އެވެ.

އެއީ، ރަޝީދުގެ އެދިވަޑައިގަތުމަކަށް، އަޅާ މިސްކިތެއް ކަމަށާއި މިސްކިތެއް އެޅުމަކީ ރަޝީދުގެ އަބަދުގެ ވެސް އުންމީދެއް ކަމަށް އާއިލާ އިން ބުނެ އެވެ.

ރަޝީދު އަވަހާރަވިއިރު، އަނބިކަނބަލުންނާއި 10 ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.