Roadha Mihaaru
އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް

ލަސްވެގެން އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް

13 ޖޫން 2024

އެންމެ ލަސްވެގެން އަންނަ އޮގަސްޓު މަހަށް އާސަހަރާގެ ހުރިހާ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފަށާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންމެ ލަސްވެގެން އަންނަ އޮގަސްޓު މަހަށް އާސަހަރާގެ ހުރިހާ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފަށާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސަރަހާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ސްޕީޑު މިހާރު އަވަސްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލައި އެންމެ ލަސްވެގެން އަންނަ އޮގަސްޓް މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އާސަހަރާގެ މަސައްކަތް ދިގުލައިގެން ދިޔައީ މަސައްކަތް ކުރިއަށް ދިޔަވަރަކަށް ކުރެހުންތަކަށް ގެންނަން ޖެހުނު ބައެއް ބަދަލުތަކާއި ކޮންޓްރެކްޓަރުންނާ ވިދިގެން ޖެހުނު ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ހައްލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަހަރާގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: މިހާރު

އާ ސަހަރާގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: މިހާރު

އާ ސަހަރާގެ މަސައްކަތް ކުރަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ސްޓްރަކްޗާގެ މަސައްކަތާއި ފިނިޝިންގެ މަސައްކަތް ވަކިވަކިންނެވެ. ސްޓްރަކްޗާގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، ބުނި މުއްދަތަށް މަސައްކަތް ނުނިންމުން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލީ އެވެ. އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

ސްޓްރަކްޗާގެ މަސައްކަތް ފަހުން ހަވާލުކުރީ ބީސިކްސް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށެވެ. އެއީ 4.6 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން ވަނީ ސްޓްރަކްޗާގެ މަސައްކަތް ނިންމައިފަ އެވެ.

ފިނިޝިން މަސައްކަތް ވެސް މިހާރު ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މިދިޔަ މަހު ފަހުކޮޅުގައި އެ މަސައްކަތް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެއީ 2.7 މިލިއަން ރުފިޔާ އަށެވެ.

"ފިނިޝިންގެ މަސައްކަތް ދާއިރުގައި ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ވެސް މަސައްކަތް ކޮށްދޭ. މިހާރު ހުރި މިސްކިތުގެ އެތައް ބައިވަރު މަސައްކަތެއް، ވަރަށް ބޮޑަށް ފެން ފޭބުމައި އެކަހަލަ އާބާތުރަ ފިލުވުމުގެ ބައިވަރު މަސައްކަތްތައް އެބަހުރި،" އާޒިމް ވިދާޅުވި އެވެ.

"މިހާރުގެ ކޮންޓްރެކްޓަރު ހައިމަން ވަނީ އަޅުގަނޑުމެން ކައިރި ބުނެފައި އެ މަސައްކަތްތައް އެ ބޭފުޅުންގެ ހަރަދުގައި ކޮށްދެއްވާނެ ކަމަށް. އެކަމަށްޓަކައި އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.