Roadha Mihaaru
މިނިސްޓަރުގެ އުންމީދަކީ އަގު ހެޔޮ ހައުސިން މާކެޓެއް

މިނިސްޓަރުގެ އުންމީދަކީ އަގު ހެޔޮ ހައުސިން މާކެޓެއް އުފެދުން

16 ނޮވެމްބަރ 2021

އަމިއްލަ ފަރާތްތަކުން ހަދާ މިކްސްޑް ރެޒިޑެންސް ނުވަތަ ހުރިހާ ފަންތިއަކަށް ހާއްސަ ހައުސިން ޔުނިޓްތަކާ އެކު ރާއްޖޭގައި ހައުސިން ސެކަންޑަރީ މާކެޓެއް އުފެދުމަކީ އެންމެ ބޮޑު އުންމީދު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމިއްލަ ފަރާތްތަކުން ހަދާ މިކްސްޑް ރެޒިޑެންސް ނުވަތަ ހުރިހާ ފަންތިއަކަށް ހާއްސަ ހައުސިން ޔުނިޓްތަކާ އެކު ރާއްޖޭގައި ހައުސިން ސެކަންޑަރީ މާކެޓެއް އުފެދުމަކީ އެންމެ ބޮޑު އުންމީދު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާރްސީސީން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި "ދަ ބްލޫ ހެވަން" ގެ ނަމުގައި ހަދާ މިކްސްޑް އެޕާޓްމަންޓްތައް ރަސްމީކޮށް ލޯންޗުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، މާލޭގައި ގެދޮރު ބޭނުންވާ 17،000 އާއިލާ އެބަ ތިބި ކަމަށާއި އެ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާރްސީސީން ބޭއްވި އިވެންޓުގައި މިނިސްޓަރު މުހައްމަދު އަސްލަމް (މ) އަދި އާރްސީސީގެ ޗެއާމަން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް --ފޮޓޯ: ނިޝާން އަލީ/މިހާރު

އާރްސީސީން ބޭއްވި އިވެންޓުގައި މިނިސްޓަރު މުހައްމަދު އަސްލަމް (މ) އަދި އާރްސީސީގެ ޗެއާމަން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް --ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ވިދާޅުވީ އާރްސީސީން ހަދާ އެޕާޓްމެންޓްތަކުގެ ތެރެއިން 50 ޕަސެންޓަކީ މެދުފަންތީގެ މީހުންނަށް ލިބޭނެ ތަންތަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ގެދޮރު އެޅުމުގެ ޕްރޮޖެކްޓްތައް ހިންގާނީ ހުރިހާ ފަންތިތަކެއްގެ އެޕާޓްމެންޓްތައް ހިމެނޭ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެދޮރުގެ ސެކަންޑަރީ މާކެޓެއްް އޮންނަން ޖެހޭ. މިކްސް ޑިވެލޮޕްމެންޓްގެ ތެރެއިން ހައުސިން ސެކަންޑަރީ މާކެޓެއް އުފެދުމަކީ އުންމީދު،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އެ ވިދާޅުވި ގޮތަށް ގެދޮރުގެ ސެކަންޑަރީ މާކެޓެއް އުފެއްދިއްޖެ ނަމަ އޭގެ މާނަ އަކީ އެޕާޓްމަންޓްތައް ޑިވެލޮޕާއަތުން ގަތުމަށް ފަހު އެހެން ފަރާތްތަކަށް ވިއްކާ ހިސާބަށް މާކެޓް ފުޅާވުމެވެ. މިގޮތަށް އެޕާޓްމަންޓް ގަނެ ވިއްކުމުގެ މާކެޓެއް އުފެދުމުން ފައިނޭންސް ކުރަން ފަސޭހަވާ ގޮތަށް، ހެޔޮ އަގުތަކުގައި ގެދޮރު ގަތުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.

އާރްސީސީން އަޅާ އިމާރާތުގެ މޮޑެލްއެއް. މި ޕްރޮޖެކްޓް ހަވާލުކުރީ މިދިޔަ މެެއި މަހު---ފޮޓޯ: ނިޝާން އަލީ/މިހާރު

އާރްސީސީން އަޅާ އިމާރާތުގެ މޮޑެލްއެއް. މި ޕްރޮޖެކްޓް ހަވާލުކުރީ މިދިޔަ މެެއި މަހު---ފޮޓޯ: ނިޝާން އަލީ/މިހާރު

އާރްސީސީގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މިއީ އާރްސީސީގެ 50 އަހަރުވީ ދިގު ތާރީހުގައި ވެސް މިފަދަ ޕްރޮޖެކްޓެެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ. މިދިޔަ ދެތިން އަހަރު، އާރްސީސީން ހިންގާ ޕްރޮޖެކްޓްތައް ފުޅާވެ މިވަގުތު ވެސް އެއް ބިލިއަން ރުފިޔާގެ އަގު ހުރި ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް. ތަފާތު ކޮންސެޕްޓަކަށް މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ވެސް. އަޅުގަނޑުމެން ޕްރޮޖެކްޓް ބިޑުން ކާމިޔާބުކުރީ އެންމެ އަގު ހެޔޮކޮށް ހުށަހަޅައިގެން. އެކަމަކު އެންމެ ފެންވަރު ރަނގަޅުކޮށް މި އިމާރާތް ތަރައްގީކުރާނީ،" އޭނާ ވިދާޅުވި އެވެ.

އާރްސީސީން 161 ހައުސިން ޔުނިޓް އަޅަ އެވެ. މީގެ ތެރެއިން ބޮޑު ބައި ދޫކުރަނީ ކޮންޓްރޯލް އަގުތަކެއްގަ އެވެ.