Roadha Mihaaru
ނާޒިމްގެ ވެރިކަމެއްގައި ގެދޮރު ހަދާނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު!

ނާޒިމްގެ ވެރިކަމެއްގައި ގެދޮރު ހަދާނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު!

30 އޯގަސްޓް 2023

މި ސަރުކާރުން ގޯތި ދޫކުރި މީހުންނަށް އެ ތަންތަނުގައި ގެދޮރު އަޅައި ދިނުމަށްޓަކައި އޭނާގެ ސަރުކާރެއްގައި ސޮވެރިން ގެރެންޓީ ދޭނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ގޯތި ދޫކުރި މީހުންނަށް އެ ތަންތަނުގައި ގެދޮރު އަޅައި ދިނުމަށްޓަކައި އޭނާގެ ސަރުކާރެއްގައި ސޮވެރިން ގެރެންޓީ ދޭނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވީ، މި ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް އެމްއެންޕީގެ ސަރުކާރެއްގައި އަތުނުލާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ގޯތި ލިބުނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުން ކަމަށް ވިޔަސް އޭނާ ވާނީ އެ ތަންތަން ބިނާކޮށްދެއްވާނެ ބޭފުޅަކަށް ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ އަޅުގަނޑުމެންގެ ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާ ގޮތަށް. އިސްލާމިކް ފައިނޭންސްގެ ތެރެއިން އެ މީހާ އާއި ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން މީހުން ޓްރައިޕާޓީ އެގްރީމަންޓެއްގެ ތެރެއިން އެ މީހާ އަށް ގެދޮރު ބިނާކުރެވޭނެ އުސޫލެއް ހަމަޖައްސާނީ،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކި ވިޔަފާރިވެރިންނަށް ސަރުކާރުން 130 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށާއި އާންމުންގެ ގެދޮރު ބިނާކުރަން ސަރުކާރުން އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސްގެ ތެރެއިން ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.

"އެހެންވީމާ އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ގޯތި ލިބުނު މީހަކަށް އަދި ރާއްޖެތެރޭގައި ގޯތި އޮތް މީހަކަށް ގެދޮރު އެޅޭ ގޮތަށް އަޅުގަނޑު ބޭންކުގެ ތެރެއިން އިންތިޒާމު ހަމަޖައްސާނަން،" ނާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ އަޅުގަނޑުމެންގެ ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާ ގޮތަށް. އިސްލާމިކް ފައިނޭންސްގެ ތެރެއިން އެ މީހާ އާއި ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން މީހުން ޓްރައިޕާޓީ އެގްރީމަންޓެއްގެ ތެރެއިން އެ މީހާ އަށް ގެދޮރު ބިނާކުރެވޭނެ އުސޫލެއް ހަމަޖައްސާނީ،"--- ނާޒިމް

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ނާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް ނިންމި ދެ ޕްރޮކެޓް ވެސް ނިންމައި ދީފައި ވާނީ އޭނާ ހިއްސާވާ އާރުސީސީ ކުންފުނިންނެވެ.

އާރުސީސީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި ނާޒިމް އެ ވިދާޅުވީ، ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓާއި ހުޅުމާލޭގައި ހެދި ވަން ސެންޓްރަލް ހައުސިން އިމާރާތުގެ ވާހަކަ އެވެ.

"އާރުސީސީއަކީ އަޅުގަނޑުގެ ބައްޕަ އާއި އަޅުގަނޑުގެ ބޮޑުބޭބެގެ މަސައްކަތުން މި ހިސާބަށް ގެނެސް އަޅުގަނޑުމެންނާ ހަމައަށް އައި މަސައްކަތެއް. ވަރަށް ތެދުވެރި، އިހުލާސްތެރި ބަޔަކު ތިބި ކުންފުންޏެއް އެއީ. އެ ކުންފުންޏަކީ ދުވަހަށް ކަންކަން ނިންމާ ކުންފުންޏެއް. އެހެންވީމާ އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ސަރުކާރެއްގައި ރާއްޖޭގައި ބޯހިޔާވަހިކަމަކީ ވަރަށް ފަސޭހަ ކަމަކަށް ހަދާނަމޭ،" ނާޒިމް ވިދާޅުވި އެވެ.

"ބިލްޑިންގެއް ނިމެން ނަގާ ގާތްގަނޑަކަށް ދެ އަހަރާއި ދެ އަހަރު ބައި. ގާތްގަނޑަކަށް 120 އެޕާޓްމަންޓްގެ ބިލްޑިންގެއް ނިންމަން ނަގާ 24 މަސް ދުވަސް. އެހެންވީމާ މިހާރު ވެރިކަމާ ހަވާލުވެގެން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެކަން ކުރަން ބޭނުންވެއްޖެ ކަމަށް ވަންޏާ އޭގެ ދެ އަހަރު ފަހުން އެކަން ނިމޭނެ،"--- ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ދޭން ބުނާ މީހަކަށް އެކަން ނުކުރެވި ނޯންނާނެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވެނީ އެކަން ކުރަން ނޭނގޭތީ ކަމަށާާއި ކާމިޔާބު ވާނީ ސަރުކާރު ފެށޭ ތަނުން އެކަން ފަށައިގެން ކަމަށެވެ. ނަމަވެސް ގިނަ ސަރުކާރުތަކުން އެކަން ފަށަނީ ވެރިކަމަށް ތިން އަހަރު ވާ ފަހުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ބިލްޑިންގެއް ނިމެން ނަގާ ގާތްގަނޑަކަށް ދެ އަހަރާއި ދެ އަހަރު ބައި. ގާތްގަނޑަކަށް 120 އެޕާޓްމަންޓްގެ ބިލްޑިންގެއް ނިންމަން ނަގާ 24 މަސް ދުވަސް. އެހެންވީމާ މިހާރު ވެރިކަމާ ހަވާލުވެގެން ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެކަން ކުރަން ބޭނުންވެއްޖެ ކަމަށް ވަންޏާ އޭގެ ދެ އަހަރު ފަހުން އެކަން ނިމޭނެ،" ނާޒިމް ވިދާޅުވި އެވެ.

"އެކަމަކު މި ސަރުކާރުން ވެސް އެކަން ކުރެއްވީ އެހެނެއް ނޫން. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރެއްވީކީ އެހެނެއް ނޫން. އެހެންވީމާ ނުއެއް ނިމޭނެ."