Roadha Mihaaru
ގައުމު ކުރިއެރުވުމުގެ މަސައްކަތް ނުހުއްޓޭނެ: ނާޒިމް

ގައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓައެއްނުލާނަން: ނާޒިމް

10 ސެޕްޓެމްބަރ 2023

ގައުމުގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ވާދަކުރެއްވި ފުރަތަމަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އޭނާ އަށް ލިބިވަޑައިގަތީ 1،700 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެމްއެންޕީގެ 10،000 އަށް ވުރެ ގިނަ މެމްބަރުން އޮތް ނަމަވެސް، ނާޒިމަށް ލިބިވަޑައިގަތީ އިއްޔެ ވޯޓު ލީ 225،000 މީހުންގެ 0.8 ޕަސެންޓެވެ. އަދި މަޖިލީހުގައި އޭނާ ތަމްސީލު ކުރައްވައި ދަނގެތި ދާއިރާއިން ވެސް އޭނާއަށް ވޯޓު ދިނީ އެންމެ ފަސް މީހުންނެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރާ އަދާކުރައްވައިފަ އެވެ.

"ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް އަދި ގައުމުގެ ކުރިއެރުމަށް އަޅުގަނޑު ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން، އިންޝާﷲ،" ނާޒިމް ހިއްސާ ކުރެއްވި ކުރު މެސެޖުގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ކެމްޕޭނު ކުރައްވަން އެންމެ 25 ދުވަސް ލިބިވަޑައިގެންނެވި މުއިއްޒު ވަނީ ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. ރައީސަށް ލިބިވަޑައިގެންނެވީ 84،000 އެއްހާ ވޯޓެވެ. އެ ދެ ބޭފުޅުން ވާދަކުރައްވާ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހެވެ.