Roadha Mihaaru
ނާޒިމްގެ ވައުދު: ގައްދޫ-އެއާޕޯޓް ބްރިޖުން ގުޅާލުން

ނާޒިމްގެ ވައުދު: މާވަރުލު އެއާޕޯޓް ތަރައްގީކޮށް، ބްރިޖަކުން ގައްދުއާ ގުޅާލުން

04 ސެޕްޓެމްބަރ 2023

ގދ. ގައްދޫ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އިތުރަށް ތަރައްގީކޮށް، އެ ރަށާއި ގައްދޫ ބްރިޖަކުން ގުޅާލަން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވައުދުވެވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގދ. ގައްދޫ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އިތުރަށް ތަރައްގީކޮށް، އެ ރަށާއި ގައްދޫ ބްރިޖަކުން ގުޅާލަން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވައުދުވެވަޑައިގެންފި އެވެ.

ގައްދޫގައި އެމްއެންޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވިދާޅުވީ، ގައްދު އަށް ކުރިއެރުން ލިބެން އޮތީ އެއާޕޯޓް ތަރައްގީކޮށް ކަމަށެވެ. އޭނާގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ އާއި ބްރިޖުން ގުޅާލުމަށް ފަހު ވަރުގަދަ އާބަން ސެންޓަރަކަށް ހަދާނެ ކަމަށެވެ. ގައްދުއަކީ އެ ވަރުގެ ބޮޑު އާބާދީއެއް އޮތް ތަނެއް ކަމަށާއި މީހުން ގިނައިން ތަނެއްގައި އުޅޭ ނަމަ ތަރައްގީ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މާލެ ނޫން ސަރަހައްދުތައް މީހުން އާބާދުކޮށް، ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ހަދަން ނިންމާފައި ވަނީ އެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.

އާބަން ސެންޓަރެއްގެ ގޮތަށް ގައްދޫ ތަރައްގީ ކުރާއިރު، އިތުރަށް ބިން ހިއްކައި ޒުވާނުންނަށް ގޯތި ދޫކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ހިދުމަތްތައް ވެސް ފުޅާކޮށް ފެންވަރު ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ގައްދޫގައި ވާހަކަ ދައްކަވަނީ: އާބަން ސެންޓަރަކަށް ހާދާނެ ކަމަށް ވިދާޅުވި

ނާޒިމް ގައްދޫގައި ވާހަކަ ދައްކަވަނީ: އާބަން ސެންޓަރަކަށް ހާދާނެ ކަމަށް ވިދާޅުވި

"އަޅުގަނޑުމެންގެ ވިސްނުމަކީ މާލެއެކޭ އެއްގޮތަށް ރިއަލްއެސްޓޭޓް ތަރައްގީ ކުރަން. މި ތަނަށް އާބާދުވާ މީހުންނަށް ފްލެޓް އަޅައި ދިނުން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގައްދޫ އޮތީ އިގުތިސޯދީ ގޮތުން ވަރަށް ގިނަ ފައިދާތައް ނެގޭނެ ސަރަހައްދެއްގައި ކަމަށްވީ ނަމަވެސް، ސަރުކާރުތަކުން އެ ކަމަށް ވިސްނައިފައެއް ނެތެވެ. ސަރުކާރުތަކުން ބޭނުން ވަނީ ރައްޔިތުން ނިކަމެތިކޮށްފައި ބޭއްތިބުމަށް ކަމަށާއި އޭނާ އަންނަނީ އެކަން ބަދަލުކުރުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ސިނާއަތައް ގައްދޫގައި ފުޅާކުރުމަކީ ވެސް ނާޒިމްގެ ޕްލޭންގައި ހިމެނޭ ކަމެކެވެ. ނާޒިމް ވަނީ ގައްދުއާ ޖެހިގެން އޮންނަ ގަން، އޭނާގެ ސަރުކާރެއްގައި ގައްދޫގެ މީހުންނާ ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ތަނުން އިގުތިސޯދީ ނަފާ ގައްދޫގެ މީހުންނަށް ހޯދޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި އަންނަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށްޓަކައި،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވަނީ ގައްދޫގެ މަސްވެރިންނަށް ވެސް ވައުދުތަކެއްވެވަޑައިގެންފަ އެވެ. އޭނާގެ ސަރުކާރެއްގައި ގައްދޫގައި ތެޔޮ ރައްކާކުރެވޭ ގޮތް ހަދާނެ ކަމަށާއި މަސް ރައްކާކުރެވޭ ގޮތަށް ރަނގަޅު ފެންވަރުގެ ކާރުހާނާއެއް ހަދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގައްދޫގައި ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ، ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ވާހަކަ އެވެ.

"މާލެ އިން މީހުން އައިސް މި އާބަން ސެންޓަރު ބަލާލަން އަންނަ ވަރަށް މި ތަން ތަރައްގީ ކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.