Roadha Mihaaru
ނާޒިމް ރައީސަށް؛ ފަހަތުން ދުވެވޭނެ ކަމެއް ނޯންނާނެ

ނާޒިމްގެ ރައްދު ރައީސަށް؛ ފަހަތުން ދުވެވޭނެ ކަމެއް ނޯންނާނެ

06 ސެޕްޓެމްބަރ 2023

ފެބުރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ގެއްލުނު ވާހަކަ ދައްކައިގެން ބިރު ދައްކަން ނޫޅުމަށާއި އޭނާގެ ފަހަތުން ދުވެ ސަރުކާރަށް ބެލޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެންޕީގެ ކެމްޕެއިނަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓްގައި ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި "ފެބްރުއަރީ 7"ގައި އޭނާ އަދާކުރެއްވީ އޭނާގެ ގައުމީ ވާޖިބު ކަމަށެވެ. ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ނާޒިމް ވިދާޅުވީ، އޭނާ ކުށްވެރިވާނެ އެއްވެސް ކަމެއް އެ ދުވަހު ކުރައްވާފައި ނުވާނެ ކަމަށެވެ.

އެމްއެންޕީގެ ކެމްޕެއިނަށް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓް.-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ކެމްޕެއިނަށް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓް.-- ފޮޓޯ: އެމްއެންޕީ

"އަޅުގަނޑުމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް. ކޯނީ ރިޕޯޓްގެ ވާހަކަދައްކާނެ ކަމެއް ނެތް. ތަފާތު ވާހަކަދައްކަވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ފަހަތުން ދުވެވޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑުގެ ފަސްބައި ސާފުވާނެ، ފަހަތުން ދުވާނެ އެއްޗެއް ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިދުމަތުގެ 25 އަހަރާއި އިތުރަށް ހިދުމަތް ކުރެވުނު ބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކުގައި މަސައްކަތް ކޮށްފައި އޮންނާނީ."

ނާޒިމް ވިދާޅުވީ މިފަހަރު ދޫދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ބާލައިފައި ކަމަށެވެ.

އެމްއެންޕީގެ ކެމްޕެއިނަށް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، ރަނިންމޭޓް ޑރ. އަދީލްއާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ކެމްޕެއިނަށް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، ރަނިންމޭޓް ޑރ. އަދީލްއާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްއެންޕީ

މިދިޔަ ހޯމަ ދުވަހު ހދ. ނޭކުރަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ރައްކާކޮށްފައި ބާއްވަން ނިންމި ކޯނީ ރިޕޯޓަށް ވެސް ވީ ގޮތެއް ނޭނގޭ ކަމަށާއި އެ މައްސަލަ ބަލަން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ފެބްރުއަރީ 7 ގެ ތަހުގީގަށް ފަހު، ނިންމާފައި އޮތީ 25 އަހަރު ވަންދެން އެ ރިޕޯޓް ރައްކާކޮށްފައި ބޭއްވުމަށެވެ.

އޭގެ ކުރިން ވެސް ކޯނީ ރިޕޯޓް "ނައްތާލީ" ކަމުގެ ތުހުމަތު އޮތީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ކުރީގެ ރައީސަކާއި އެ ރައީސްގެ ކެބިނެޓުގެ ދެ ވަޒީރަކު ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.

އިންކުއަރީ ކޮމިޝަން އެކުލަވާލީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވާން ހިނގާފައިވާ ގޮތް، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބަލައި ހޯދައި، އެކަމުގެ ރިޕޯޓެއް އެކުލަވައިލުމަށެވެ. އެ ވެރިކަން ނިމުނީ އެ ރިޕޯޓުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ރިޕޯޓާ ގުޅިގެން، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު އޮގަސްޓް، 30، 2012 ގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވެސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނީ، އެމްޑީޕީން ތުހުމަތު ކުރި ގޮތަށް ބަޣާވާތަކުން ނޫން ކަމަށާއި ގާނޫނީ ގޮތުން ސައްހަކޮށް ކަަމަށެވެ.