Roadha Mihaaru
ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، ދެން ހައްލު!

ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، އޭގެ ފަހުން ހައްލު!

31 އޯގަސްޓް 2023

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުން ހިންގާއިރު އާންމުންގެ އެއް ޝަކުވާއެއް އޮވެ އެވެ. ހަމަ އާއި އިސާފު ނެތުމެވެ. ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހާ ބެލޭނެ ދެފުށް ފެންނަ ނިޒާމެއް ނެތުމެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ވޯޓަކާ ދިމާކޮށް، ހާއްސަކޮށް ރިޔާސީ އިންތިހާބާ ދިމާކޮށް ގެދޮރު ދޫކުރަން ފަށަ އެވެ. ދެން އިވެނީ އެންމެ ބޭނުންވާ މީހާ އެކަހެރި ކޮށްފައި އެހެން މީހުންނަށް ދޭ ވާހަކަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުން ހިންގާއިރު އާންމުންގެ އެއް ޝަކުވާއެއް އޮވެ އެވެ. ހަމަ އާއި އިސާފު ނެތުމެވެ. ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހާ ބެލޭނެ ދެފުށް ފެންނަ ނިޒާމެއް ނެތުމެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ވޯޓަކާ ދިމާކޮށް، ހާއްސަކޮށް ރިޔާސީ އިންތިހާބާ ދިމާކޮށް ގެދޮރު ދޫކުރަން ފަށަ އެވެ. ދެން އިވެނީ އެންމެ ބޭނުންވާ މީހާ އެކަހެރި ކޮށްފައި އެހެން މީހުންނަށް ދޭ ވާހަކަ އެވެ.

އެކަމަކު، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވަނީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އެ ސިޔާސަތު އެއްކޮށް ދޫކޮށްލައްވާނެ ކަމަށެވެ.

ނާޒިމްގެ ހައުސިން ސިޔާސަތުގައި އެންމެ އިސްކަން ދީފައި ވަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުން ކަނޑައަޅައި އޭގެ ފަހުން ފްލެޓް ވިޔަސް ގޯތި ވެސް ދޭން ފެށުމަށެވެ. އޭގެ ކުރިއަށް އެ ކަމުގައި އެއްވެސް ކަމެއް ނުކުރުމަކީ ނާޒިމް ބޭނުންވާ ގޮތެވެ.

އޭނާގެ ކެމްޕެއިން މެނޭޖަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ، ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުން ސާފުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް އެންމެ ޒަރޫރީ މީހާ އަށް އިސްކަންދޭ ތަރުތީބު ނެތުމުން ކަމަށެވެ.

"ފުރަތަމަ ކަމަކަށް އެ ނީޑް އޮތީ ކޮން ބަޔަކަށް ކަން އެބަޖެހޭ އެނގެން. އެއީ އެންމެ މުހިންމު ކަމެއް. އެ އެބަޖެހޭ ކެޓަގަރައިޒް ކުރަން. އެންމެ ނިކަމެތި މީހުންނަކީ ކޮބައިކަން. ދެން ތިބި މީހުންނަކީ ކޮބައިކަން،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އުޝާމް ވިދާޅުވި އެވެ.

މާލެ ތަރައްގީ ކުރުމަށް އެމްއެންޕީން ގެންގުޅޭ ސިޔާސަތު ހާމަކުރަން ބޭއްވި ޖަލްސާގައި އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލެ ތަރައްގީ ކުރުމަށް އެމްއެންޕީން ގެންގުޅޭ ސިޔާސަތު ހާމަކުރަން ބޭއްވި ޖަލްސާގައި އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މައްސަލައިގެ ހައްލަކީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލަށް ގެދޮރު އަޅައި ދިނުމާއި ނުހެދި ހުރި ގޯތިތައް ހަދައި ދިނުމެވެ. އެކަމަކު، ދެން ކުރިމަތިވާ މައްސަލައަކީ ބޭންކުތަކުން ލޯނު ނުލިބުމެވެ. ބޭންކުގައި 35 ޕަސެންޓް އިކުއިޓީ ބެހެއްޓޭނެ ފެންވަރުގެ މީހުން ރާއްޖޭގައި މަދެވެ.

"އެހެންވީމާ އެމްއެންޕީން މިކަން ކުރާނެ ގޮތަކީ އެ 35 ޕަސެންޓަކީ ސަރުކާރުން ގެރެންޓީ ކޮށްދޭ އެއްޗަކަށް ހަދައި ދޭނީ. ކީއްވެހޭ ބޮޑެތި ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ސޮވެރިން ގެރެންޓީ ދެވޭއިރު ނިކަމެތި މީހަކު ގެދޮރު ހެދުމަށްޓަކައި އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ނުކޮށްދެވެންވީ. އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ކޮންދެވޭ ނަމަ ވަރަށް ގިނަ ބަޔަކަށް ލޯނު ލިބޭނެ. އޭގެ މާނައަކީ މިހާރު ނުހެދި ހުރި ވަރަށް ގިނަ ބިންތަކެއް ހެދޭނެއޭ،" އުޝާމް ވިދާޅުވި އެވެ.

ނާޒިމްގެ ހައުސިން ސިޔާސަތުގެ މުހިންމު ބައެއް ބައިތައް:

1- ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު.

2- ބޯހިޔާވަހިކަމާ ގުޅުން ހުރި ލޯނުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަކުރުން.

3- ރަށްވެހިކަމުން ވަކިވާން އަގެއް ނުނެގުން.

4- ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4،000ރ. އަށް ކުޑަކުރުން.

5- ދަރިން ނެތް މީހުންނާއި ކައިވެނި ނުކުރާ މީހުންނަށް ވެސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ގޮތް ހެދުން.

6- ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންނަށް ރެންޓް ސަޕޯޓް.

7- ކުންފުނިތަކުގެ ބަދަލުގައި، ބޯހިޔާވަހިކަމަށް ހާއްސަ އިދާރާއެއް އުފެއްދުން.

ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ކަންތައް ކޮށްގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ އެވެ.

އުޝާމް ވިދާޅުވީ، އެންމެ މުއްސަނދި މީހާ އަށް ވެސް ހިޔާ ފްލެޓް ލިބިފައިވާ ކަމަށާއި މުއްސަނދި މީހުންނަށް މި ފަހަރު ދޫކުރި ގޯތިތައް ވެސް މާލެ އިން ލިބިފައިވާ ކަމަށެވެ.

ކެމްޕެއިން ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ: އޭނާގެ ސަރުކާރެއްގައި ގެންގުޅޭނީ ގެދޮރު ހަދާފައި ދޫކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވި.

ކެމްޕެއިން ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ: އޭނާގެ ސަރުކާރެއްގައި ގެންގުޅޭނީ ގެދޮރު ހަދާފައި ދޫކުރުމުގެ ސިޔާސަތު ކަމަށް ވިދާޅުވި.

"އެހެންވީމާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމުގެ ސިޔާސަތުގައި އެބައުޅޭ މައްސަލައެއް. ބޮޑެތި ކުލި ދައްކައިގެން ނޫޅެވިގެން މި އުޅެނީ އެންމެ ނިކަމެތި މީހާ އަށް. އެ މީހުންގެ މައްސަލަ ހައްލު ކޮށްފައި ނޫނިއްޔާ އަޅުގަނޑުމެން ކުރިއަކަށް ނުދާނަން. ވަރަށް އިންޑިޕެންޑެންޓް ބަޔަކު ލައްވައިގެން އެކަން ކުރުވާނީ،" އުޝާމް ވިދާޅުވި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ އަލީގައި އުޝާމް ވިދާޅުވީ، ވަރަށް ހާލުގައި މީހުން އެބަތިބި ކަމަށެވެ.

"ގޭގެ ފުރާޅު ތިރިކަމުން ބޯ ޖެހޭ ހިސާބުގައި އިމާރާތް ހުންނަ ގޭގެ އަދިވެސް އެބަހުއްޓޭ. މިއީ އެތައް އަހަރެއް ކުރިން ހަދާފައިވާ އިމާރާތްތައް. ވަރަށް ކުރީ ޒަމާނުގައި ހަދާފައި ހުރި ގެތައް ހަލާކުވެގެން މަރާމާތު ނުކުރެވިފައި އެބަތިބި އެތައް ބަޔަކު. ރަށްރަށުގެ ވަރަށް ގިނަ އާއިލާތަކަށް މި މައްސަލަ އެބައުޅޭ. ލިބޭ އާމްދަނީ ގެ މަރާމާތު ކުރެވޭކަށް ވެސް ނެތް. ބޭންކަށް ގޮސްގެން ލޯނު ލިބޭކަށް ނެތް. ރާއްޖޭގެ ބޭންކުތަކުން ލޯނު ވެސް މި ދެނީ އެންމެ މުއްސަނދި މީހުންނަށް،" އުޝާމް ވިދާޅުވި އެވެ.

"ގެ ހުރެފައި ގެ ނުހެދުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެއް."

ބިން ހިލޭ ދޫކުރުމަކީ ހައްލެއް ނޫން

ހިލޭ ބިން ދޫކުރުމަކީ އުޝާމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސިޔާސަތެއް ނޫނެވެ.

"ހިލޭ ބިން ދީގެން ހައްލު ވަންޏާ މި ރާއްޖޭގައި މިހާރު ފަޅު ގޯއްޗެއް އޮވެގެން ނުވާނެ ނޫންތޯ؟ އެކަމަކު، ބިން ދީފައި އެ ތަނުގައި ގެ ހެދޭނެ ގޮތެއް ނެތީމާ ފަޅު ގޯތިތާ ގިނަ ވާނީ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ބޭނުންވަނީ އޭނާގެ ވެރިކަމުގައި އެފޯޑަބްލް ހައުސިންގެ މަޝްރޫއުތައް ވަރަށް ފުޅާކޮށް ހިންގުމެވެ.

އުޝާމް ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ކަންކަން ބޮޑުކަމުން އަމިއްލަ ކުންފުނިތަކަށް ވެސް އާބަންކޯ މެދުވެރިކޮށް ވެސް ހައުސިންގެ މަޝްރޫއުތައް ހޯދަން ދަތި ކަމަށެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ހުޅުމާލޭގައި ނިމުނީ މަދު ތަނެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާ އަކީ ހައުސިން މާކެޓަށް އިމާރާތްތައް ނުނެރެވުމެވެ.

އެހެންވީމާ އެމްއެންޕީން މިކަން ކުރާނެ ގޮތަކީ އެ 35 ޕަސެންޓަކީ ސަރުކާރުން ގެރެންޓީ ކޮށްދޭ އެއްޗަކަށް ހަދައި ދޭނީ. ކީއްވެހޭ ބޮޑެތި ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ސޮވެރިން ގެރެންޓީ ދެވޭއިރު ނިކަމެތި މީހަކު ގެދޮރު ހެދުމަށްޓަކައި އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ނުކޮށްދެވެންވީ. އެ 35 ޕަސެންޓަށް ވާ އަދަދު ސަރުކާރުން ގެރެންޓީ ކޮންދެވޭ ނަމަ ވަރަށް ގިނަ ބަޔަކަށް ލޯނު ލިބޭނެ.--- އުޝާމް

"އެހެންވީމާ އެމްއެންޕީން މި ހުށަހަޅާ ހައްލަކީ ފްލެޓްތަކާއި ގެތައް ސަރުކާރުން ހަދައި ދީފައި ދޫކުރުން. ދެން ނުހެދި ހުރި ތަންތަން ހަދަން ލޯނު ލިބޭނެ ގޮތެއް ހެދުން. ސަރުކާރުން ހަދައިދޭ ގެތަކަށް މަހަކު ވަކި ވަރަކަށް ޕޭ ކުރަމުން ގެންދެވޭނެ. ޕޮއިންޓަކީ ގެ ހަދައި ދީގެންނޭ ޖުމުލަ ހައްލެއް އެ އާއިލާ އަށް ލިބޭނީ. އެ ނޫނީ ބިމެއް އޮވެގެން ކީއްކުރާނީ؟ ހެދޭނެ ގޮތެއް ނޯންނާނެ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ފްލެޓެއް ނުވަތަ ބިމެއް އަމިއްލަ ކުރުމުގެ ވިސްނުން ސަރުކާރުތަކުން މީހުންނަށް ވިސްނައިދޭން މަސައްކަތްކުރާ ކަމަށެވެ. އޭގެ ބަދަލުގައި 3،000ރ. ނުވަތަ އެހާވަރުގެ ކުޑަ ކުއްޔަކަށް އުޅެވޭނެ ގޮތް ފަހިކޮށްދެވޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ވިދާޅުވީ، އާއިލާ ބޮޑު ވާ ވަރަކަށް އެ އަށް ވުރެ ބޮޑު އެޕާޓްމަންޓަކަށް ދެވޭނެ މެކޭނިޒަމެއް ވެސް ސޯޝަލް ހައުސިންގެ ތެރޭގައި ރާވަން ޖެހޭ ކަމަށެވެ.

"ސިންގަޕޫރު ތަންތަނުގައި އެ ކަން ކުރާނީ އެހެން. އާއިލާ ބޮޑުވާ ވަރަކަށް އެއް ކޮޓަރީގެ އެޕާޓްމަންޓް ދޫކޮށްލާފައި ތަނަވަސް ތަނަކަށް ދާން ފުރުސަތު ދޭނެ. އެ ސިސްޓަމް އެބަޖެހޭ ރާއްޖޭގައި އޮންނަން. އެ އާއިލާ އަޕްގްރޭޑްވީތާ އޭރުން،" އުޝާމް ވިދާޅުވި އެވެ.