Roadha Mihaaru
ހއ. އިން ލ. ހަމައަށް ކަނޑުގެ ދިރާސާ ނިންމާލައިފި

ހއ. އިން ފެށިގެން ލ. އަތޮޅާ ހަމައަށް ކަނޑާއި ފަޅުގެ ދިރާސާ ނިންމާލައިފި

09 ފެބުރުއަރީ 2020

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން ކުރިއަށް ގެންދާ ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ކަނޑުފަޅުތައް ދިރާސާކޮށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން ކުރިއަށް ގެންދާ ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ކަނޑުފަޅުތައް ދިރާސާކޮށް ނިންމައިފި އެވެ.

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދާ ދިރާސާގެ ބޭނުމަކީ ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ކުރުމެވެ. އެ ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި ވައިޓް އިންސްޓިޓިއުޓް އާއި ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓިން ސީސް އާއި ނެކްޓޮން ޑީޕް އެކްސްޕްލޮރޭޝަން ހިމެނެ އެވެ.

އެ ދިރާސާގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ފަރުތަކުގެ ދިރުންތަކާއި މަހުގެ އާބާދީ އާއި މޫދު ފެނުގެ ހާލަތު އެއް ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން 900 އަށް ވުރެ ގިނަ ސައިންޓިފިކް ޑައިވް ނިންމައި، 48 ފަރުގެ ތްރީ ޑީ ފޮޓޯ ނެގުމާއި 690 ގަޑިއިރުގެ ފެނު އަޑީގެ ވީޑިއޯ ނެގުމުގެ އިތުރުން މަހުގެ 330 ވައްތަރެއް ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން 80 ބާވަތަކީ ނެތިދިއުމުގެ ބީރުހީވެފައިވާ ބާވަތްތަކެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ދިރާސާގައި ސާމްޕަލް ނެގުމުގައި 3ޑީ އިމޭޖިން އާއި އީ ޑީއެންއޭ ސާމްޕަލިން އާއި މަހާއި އެހެނިހެން ދިރުންތައް ބެލުމާއި ފެނުގެ އަޑީގެ ވީޑިއޯ ސިސްޓަމްސް ބޭނުން ކޮށްގެން ފެނުގެ ފެންވަރު ބެލުން ހިިމެނެ އެވެ.

އެ ދިރާސާގެ ދެވަނަ ބުރު އަންނަ މާޗް މަހު ފަށާނެ ކަމަށާއި އެ ބުރުގައި ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ވެސް އެ ސާވޭގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ދިރާސާގެ މަސައްކަތް ކުރިއަށް ދިޔައިރު، މިދިޔަ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ހދ. އަތޮޅުގައި އެ ދިރާސާ ކުރިއަށް ގެންދިޔަ ބޯޓަށް ވަޑައިގެން، އެ ދިރާސާގެ މައުލޫމާތު ހޯއްދަވައިފަ އެވެ.