Roadha Mihaaru
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު

މިނިސްޓަރު ޝައުނާ 270 މީޓަރު އަޑިއަށް؛ ހީކުރެއްވި ގޮތާ މުޅިން ތަފާތު

03 އޮކްޓޯބަރ 2022

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ކ. ތުމްބަފުށީގެ ބޭރުން ކަނޑުއަޑިއަށް، އޮމެގާ ސީމާސްޓާ 2 ސަބްމާސިބަލްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ހެނދުނު ކުރެއްވި ދަތުރުގައި 200 މީޓަރު ފުނަށް ދެވެންދެން ހުރީ އުޅަނދުގެ އެއްވެސް ބޮތްކެއް ނުދިއްލަ އެވެ. އެއީ ގާތްގަނޑަކަށް ކަނޑުގެ އަޑިއަށް އިރުގެ އަލިކަން ލިބުން ހުއްޓޭ ހިސާބަށެވެ. އެ އުޅަނދުގެ ބޮކިތައް ދިއްލާލީ 270 މީޓަރު ފުނަށް ދިޔަ ފަހުންނެވެ. އެ އަލިކަމާ އެކު ފެނިވަޑައިގަތް މަންޒަރުން ޝައުނާއަށް ލިބިވަޑައިގަތީ ބޮޑު ހައިރާންކަމެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ބޮކިތައް ދިއްލާލީމާ ވަރަށް ތަފާތު މާހައުލެއް ފެނުނީ. އަޅުގަނޑުމެންނަށް އާންމުކޮށް ރާއްޖޭގެ ފަރުތަކަށް ޑައިވްއަކަށް ދާއިރު ފެންނަ މާހައުލާ މުޅިން ތަފާތު މާހައުލެއް ފެނުނީ،" އެ ޑައިވް ފެށިތާ ބައި ގަޑިއިރެއްހާއިރު ފަހުން ފެނުނު މަންޒަރު މިނިސްޓަރު ސިފަކޮށްދެއްވި އެވެ.

"ހުރީ ކުދިކުދި ވަޅުގަނޑު ކަހަލަ ގޮތަކަށް ޖެހިފައި ހުރި ތަންތަން. ރޮކީ ސްޓްރަކްޗާއެއްގެ މައްޗަށް ސެޑިމެންޓް އެޅިފައި ހުންނަ ކަހަލަ ގޮތަކަށް. ފުރަތަމަ ބަލާލާއިރަކު ހިޔެއް ނުވޭ [އެތަނުގައި] އެއްވެސް ކަހަލަ ދިރުމެއް ހުރިހެނެއް. އެކަމަކު ސަބްމާސިބަލް ކައިރިކޮށްފައި، އަލި އަޅުވާލީމަ ވަރަށް ރީތިކޮށް ފެނޭ [ދިރުންވާކަން]."

މިނިސްޓަރު ވިދާޅުވި ގޮތުގައި އެތަނުގެ އެކި ދިމަދިމާލުގައި އެކިވަރުގެ ކަކުންޏާއި އިއްސާއި އަދި ވަރަށް ގިނަ ބޯވަ ވެސް އުޅުނެވެ.

ކަނޑުގެ 250 އަދި 270 މީޓަރު އަޑިން ސާމްޕަލްތަކެއް ނަގަން އިއްޔެ ކުރި އެ ދަތުރުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތީ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާކުރާ އިނގިރޭސިވިލާތުގެ "ނެކްޓަން" އިން ދެއްވި ދައުވަތަކަށެވެ. މިނިސްޓަރާ އެކު އެ ދަތުރުގައި ބައިވެރިވީ ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު އާއި ސަބްމާސިބަލް ޕައިލެޓް ބެރީ މެކްގޮވަން އެވެ.

ސަބްމާސިބަލްއެއްގައި ކަނޑުއަޑީގެ ބައެއް ސާމްޕަލްތައް ނެގުމަށް ކުރި ދަތުރެއްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ: މިނިސްޓަރާ އެކު އެ ދަތުރުގައި ބައިވެރިވި ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު އާއި ސަބްމާސިބަލް ޕައިލެޓް ބެރީ މެކްގޮވަން -- ފޮޓޯ: ނެކްޓަން

ތިރިން މައްޗަށް؛ ގުދުރަތީ ފުރިހަމަކަން

އެ ޑައިވްގައި ދާން ނިންމި އެންމެ ފުނަށް ދިއުމަށް ފަހު، މައްޗަށް ޖެހިލައި 120 މީޓަރަށް ދިއުމުން ފެނުނީ ކުރިއާ ތަފާތު މާހައުލެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިސާބު އޮތީ ތެދަށް ރާނާފައި އޮންނަ ބޮޑު ފާރެއްގެ ގޮތަށެވެ.

ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: 120 މީޓަރު އަޑީގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ރާނާފައި އޮންނަ ބޮޑު ފާރެއް ކަހަލަ ގޮތަކަށް އޮންނަ ތަނެއް.

"އެ ހިސާބުން ތަންކޮޅެއް ކުލަތަކާ އެއްޗެހި ފެންނަން ފެށި. ރަތް ކުލަ އާއި ހީވަނީ ސްޕޮންޖު ނުވަތަ އަލްގީ ކަހަލަ އެއްޗެއްހެން. އެތަނުން ފެނުނު ސޮފްޓް ކޮރަލްސްއާ އެއްޗެހި ވެސް ތަންކޮޅެއް ގިނައިން. އަދި ތަންކޮޅެއް އަޑިން ފެނުނު ވަރަށް ބޮޑު ރޮކީ ސްޓްރަކްޗާސް ނުވަތަ ވަރަށް ބޮޑެތި ގާތަކެއް ވެސް. އެެއީ އާންމުކޮށް ރާއްޖޭގައި [ތިލަ ހިސާބުތަކުން] މި ފެންނަ ގާތަކާ ވަރަށް ތަފާތު ގޮތަކަށް ހުންނަ ގާތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"ބައިވަރު މިޔަރާއި މަންޓާރޭއަކާއި ކަޅުބިލަ މަސް ވެސް ދުށިން."

ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މި ފޮޓޯގައި ފެންނަނީ ކަޅުބިލަ މަސްތަކެއް.

ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މި ފޮޓޯގައި ފެންނަނީ ކަޅުބިލަ މަސްތަކެއް.

އެތަނުން ބައެއް ސާމްޕަލްތައް ނެގުމަށް ފަހު، ތަންކޮޅެއް މައްޗަށް ޖެހިލުމުން ފެނުނީ "ޓެރަހެއް" ގޮތަށް އޮންނަ ބޮޑު ސަރަހައްދެކެވެ. އެތަނުގައި އެކި ވައްތަރުގެ މުރަކަތަށް ހެދިފައި އޮތެވެ. އެކި ބާވަތުގެ މަސްތައް ވެސް އެތަނުގައި އުޅެ އެވެ.

މީގެ 20،000 އަހަރު ކުރިން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ އުސްމިން ހުރި ހިސާބު ކަމަށް ބުރަވެވެނީ، މިހާރު ކަނޑުގެ 120 މީޓަރު އަޑި އެވެ. ނެކްޓަން މިޝަންގެ ބައެއް ދިރާސާވެރިންނާ ހަވާލާދެއްވައި މިނިސްޓަރު ވެސް ވިދާޅުވީ އެއީ ރާއްޖޭގެ ކުރީގެ އެއްގަމުގެ ސަރަހައްދަށް ވުން އެކަށީގެންވާ ކަމަށެވެ. މި ދިރާސާގައި އެ މައުލޫމާތު ޔަގީންކުރެވޭނެ އެވެ.

އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަކީ ފަރުބަދަތަކެއްގެ ގޮވައިގެން އޭގެ މަތީގައި އުފެދިފައި އޮތް ކުދިކުދި ރަށްތަކެއްކަން. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިއީ ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގެ ތިރީގައި އޮތް މާހައުލު އޮންނަ ގޮތަކީ: މިނިސްޓަރު ޝައުނާ
ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެންނަނީ "ޓެރަހެއް" ގޮތަށް އޮންނަ އެ ބޮޑު ސަރަހައްދުގައި ހެދިފައިވާ މުރަކަތައް.

ކަނޑުއަޑިއަށް ކުރެއްވި ޑައިވްގައި މިނިސްޓަރު ޝައުނާ ނަންގަވާފައިވާ ފޮޓޯއެއް: މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފެންނަނީ "ޓެރަހެއް" ގޮތަށް އޮންނަ އެ ބޮޑު ސަރަހައްދުގައި ހެދިފައިވާ މުރަކަތައް.

"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެ އަކީ ފަރުބަދަތަކެއްގެ ގޮވައިގެން އޭގެ މަތީގައި އުފެދިފައި އޮތް ކުދިކުދި ރަށްތަކެއްކަން. އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިއީ ކަމެއް އަޅުގަނޑުމެންގެ ރަށްތަކުގެ ތިރީގައި އޮތް މާހައުލު އޮންނަ ގޮތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކަނޑުއަޑިން ކުނިބުނި

އެ ޑައިވްގައި މިނިސްޓަރު އަމިއްލަ އަށް ނެންގެވި ބައެއް ފޮޓޯތައް ޓުވިޓާގައި ހިއްސާކުރެއްވި އެވެ. އޭގެ ތެރެއިން، 250 މީޓަރު އަޑިން ނަންގަވާފައިވާ ފޮޓޯއެއްގައި ފެންނަނީ ވަޅުޖެހިފައި އޮތް ނެސްލޭ ކޮފީ ދަޅެކެވެ.

"120 މީޓަރު އަޑިން އަޅުގަނޑު ދެކުނިން ގޯންޏެއްގެ ކުޑަކުޑަ ތަންކޮޅެއް ވެސް، ފޮއިލްކޮޅެއްގެ ތަންކޮޅެއް ވެސް،. ހުދު ކުލައިގެ ޕްލާސްޓިކް ކޮތަޅަކާއި އަދި ދެ ނާށި ވެސް ދެކުނިން،" މިނިސްޓަރު ވިދާޅުވި އެވެ.

ކަނޑުއަޑިން ފެނުނު އެ ކުނިބުނީގެ ސަބަބުން ހަނދާން އާކޮށްދިނީ އޯޝަން ޕޮލިއުޝަންގެ ސަބަބުން ކަނޑުގެ ދިރުންތައް ހަލާކުވެގެންދާ ދިއުން ކަމަށް ވިދާޅުވި އެވެ. އެ ފޮޓޯތަކަށް ބަލައި، އެއީ އެންމެން ވެސް ވަރަށް ފުންކޮށް ވިސްނާލަންވީ ކަމެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ރިސާޗު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނެކްޓަން

ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ރިސާޗު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނެކްޓަން

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އަދި ފެށުމެކެވެ. އަންނަ ހުކުރު ދުވަހު މި ދިރާސާގެ އަމަލީ މަސައްކަތް ނިމުނަސް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވެސް، މި ހޯދުނު މައުލޫމާތުތަކާއި އެއްކުރެވުނު ސާމްޕަލްތައް ތަހުލީލުކުރުން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑާ ގުޅޭ ގޮތުން މީގެ ކުރިން އެނގިފައި ނުވާ ވަރަށް ގިނަ މައުލޫމާތުތައް މި ދިރާސާގެ އަލީގައި އެނގިގެންދާނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [މި ދިރާސާއަކީ] ވަރަށް ބޭނުންތެރި ކަމެއް. އެ ބޭފުޅުން އަޅުގަނޑަށް މިހާތަނަށް ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި، މިހާރު ހަމައެކަނި ލޮލަށް ފެންނަ މައުލޫމާތުތަކަށް ބެލިޔަސް ރާއްޖޭގެ ކަނޑުތަކުގެ ދިރުން ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

"އެޓްލާންޓިކް ކަނޑުން ފެންނަ ބައެއް ދިރުންތައް، ރާއްޖޭގެ ކަނޑުން ވެސް ހޯދިފައި އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވޭ. އެހެންވީމަ އޭގެ މާނައަކީ ވަރަށް ބޮޑަށް ގުޅި، ލާމެހިފައި އޮތް އެއް ސިސްޓަމެކޭ ދުނިޔޭގެ ކަނޑަކީ."

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމަށް އެންމެ މުހިންމީ ކަނޑުގެ ވަސީލަތްތައް ކަމަށް ވާތީ، މި ކަނޑުގެ މާހައުލު އޭގެ ގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. މި ދިރާސާ އަކީ އެ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ.