Roadha Mihaaru

ފެންނާނީ ކޮން އެއްޗެއް ކަމެއް ނޭނގެ؛ ކަނޑުގެ 1،000 މީޓަރު ފުނަށް!

03 ސެޕްޓެމްބަރ 2022

ރާއްޖޭގެ ކަނޑުތަކުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ސައިންސްވެރިންގެ ޓީމުގެ އިސްވެރިޔާ، ޝާފިއާ ނައީމް ވިދާޅުވި ގޮތުގައި ކަނޑުގެ 1،000 މީޓަރު ފުނަށް ދިއުމަށް ތައްޔާރުވަމުން އަންނައިރު، އެތަނުން ފެންނާނީ ސީދާ ކޮން އެއްޗެއް ކަމެއް ބުނާކަށް އަދި ނޭނގެ އެވެ؛ އެކަމަކު މީގެ ކުރިން ދުވަހަކު ވެސް، ދިވެހި ކަނޑުގެ އެހާ ފުނަށް ގޮސް، ދިރާސާއެއް ކޮށްފައެއް ނުވާތީ، ޝާފިއާ އާއި އޭނާގެ ޓީމު އެ ކުރިމަތިލަނީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ އުއްމީދީ މަސައްކަތެއް ކާމިޔާބުކުރުމަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"އެކުއަކަލްޗާ" ނުވަތަ ކަނޑުގެ ދިރުންތައް ވިއްސައި، އާލާކުރުމުގެ ދާއިރާގައި ޝާފިއާ މަސައްކަތްކުރައްވާތާ މިހާރު 22 އަހަރުވެއްޖެ އެވެ. އޭނާ މިހާރު ހުންނެވީ ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރުމަށް ހާއްސަކޮށް އުފައްދާފައިވާ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ސްކޫލް ދައުރު ނިންމަވާލެއްވި ގޮތަށް ޝާފިއާ 2000 ވަނަ އަހަރު، އެންމެ ފުރަތަމަ ވަޒީފާ އަށް ނުކުންނެވީ ފިޝަރީޒް މިނިސްޓްރީ އަށެވެ. އެ އޮފީހުގައި މަސައްކަތް ކުރައްވަނިކޮށް، އެކުއަކަލްޗާގެ ދާއިރާއިން ކިޔަވަން ފުރުސަތު ލިބިވަޑައިގަތުމުން އެ ދާއިރާއިން ކުރިއަށްދާން ނިންމެވި އެވެ. އޭގެ ފަހުން، މެރިން ރިސާޗު ސެންޓަރަށް ބަދަލުވެ، މިއަދާ ހަމަ އަށް ވެސް އޭނާ މަސައްކަތް ކުރައްވަމުން އަންނަނީ އެތަނުގަ އެވެ.

"އެކުއަކަލްޗާ" ނުވަތަ ކަނޑުގެ ދިރުންތައް ވިއްސައި، އާލާކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޝާފިއާ ނައީމް: ސާމްޕަލެއް ތަހުލީލުކުރެއްވުމުގެ މަސައްކަތުގައި.

"އެކުއަކަލްޗާ" ނުވަތަ ކަނޑުގެ ދިރުންތައް ވިއްސައި، އާލާކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޝާފިއާ ނައީމް: ސާމްޕަލެއް ތަހުލީލުކުރެއްވުމުގެ މަސައްކަތުގައި.

ޝާފިއާ ވިދާޅުވީ، ރާއްޖޭގައި މެރިން ރިސާޗު ސެންޓަރެއް އުފެދުމުގެ ކުރިން ވެސް ކަނޑުތަކުގެ ގިނަ ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ދިރާސާތަކުގައި ދިވެހިންގެ ބައިވެރިވުން ވަރަށް ކުޑަ އެވެ. ނަމަވެސް، މެރިން ރިސާޗު ސެންޓަރު އުފެދުމާ އެކު އެ މަންޒަރު މުޅިން ބަދަލުކޮށްލި ކަމަށެވެ. ދިވެހިންގެ ބައިވެރިވުން ނެތި މިހާރު ރާއްޖޭގައި އެވަރުގެ ދިރާސާއެއް ނުކުރެވެ އެވެ.

މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ ކިޔަވައިގެން އައިސް ތިބި، ޒުވާން ކުދިން މި ދާއިރާގައި މަސައްކަތްކުރާތަން. އެއީ ފެނުނު ވަރަށް ބޮޑު ކުރިއެރުމެއް -- ޝާފިއާ

"މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ ކިޔަވައިގެން އައިސް ތިބި، ޒުވާން ކުދިން މި ދާއިރާގައި މަސައްކަތްކުރާތަން. އެއީ ފެނުނު ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

އޭގެ ނަތީޖާ އަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާ، "ނެކްޓަން" ގުޅިގެން މާދަމާ ފަށާ، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ދަ ނެކްޓަން މޯލްޑިވްސް މިޝަން"ގައި ދިވެހި ސައިންސްވެރިން ވެސް ހިމެނޭ ގޮތަށް، 16 ދިވެހިން ބައިވެރިވުމެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް (ކ) އާ އެކު އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް (ކ) އާ އެކު އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން.

އެ ދިރާސާ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކަނޑަށް ފައިބާ އެކުއަނޯޓްގެ ޓީމުގައި ވެސް، ދެ ދިވެހިން ހިމެނެ އެވެ. އެއީ ޝާފިއާގެ އިތުރުން، ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓެއް ކަމަށްވާ ފަރާހް އަމްޖަދެވެ. އަދި އެ ދެ ބޭފުޅުންނާ އެކު އެ މިޝަންގައި ދެން ބައިވެރި ވާނީ ސަބްމާސިބަލްގެ ޕައިލަޓް، ކިމްލީ ޑޯ އެވެ.

އެއީ އަދި މިހާތަނަށް މުޅި ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރުމަށް ކަނޑަށް ފައިބާ ފުރަތަމަ ފަހަރެވެ.

ރާއްޖެ އަށް ވަރަށް ފައިދާކުރާނެ ދިރާސާއެއް

މީގެ ކުރިން ރާއްޖޭގައި ކޮށްފައިވާ ކަނޑުތަކުގެ ބައެއް ދިރާސާތަކުގައި، 150 މީޓަރު ފުނުން ވެސް ވަރަށް ގިނަ އާ ބާވަތްތަކުގެ އެއްޗެއްސާއި މުހިންމު މައުލޫމާތުތައް ހޯދާފައިވެ އެވެ. މިފަހަރު ވެސް އުއްމީދަކީ އެއީ އެވެ.

"ދުވަހަކު ވެސް އަދި ނުދާހާ ފުނަށް ދާތީ އެ ކަހަލަ އާ އެއްޗެހި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު،" ޝާފިއާ ވިދާޅުވި އެވެ.

ރާއްޖޭގައި އަދި އެނގެން ހުރީ ފަރުތައް ކައިރީގައި ނުވަތަ އާންމުކޮށް އެންމެ ފަސޭހައިން ދެވޭ ހިސާބުތަކުގައި ހުރި އެއްޗެހީގެ މައުލޫމާތެވެ. ކަނޑުތަކުގެ ފުނުގައި ހުރީ ކޯއްޗެއް ކަމެއް އަދި ހޯދިފައެއް ނުވެ އެވެ.

ކަނޑު އަޑީގެ ދިރާސާކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް ކަމަށްވާ ސަބްމާސިބަލްއެއް ކަނޑުއަޑީގައި -- ފޮޓޯ: ނެކްޓަން

ކަނޑު އަޑީގެ ދިރާސާކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަ އުޅަނދެއް ކަމަށްވާ ސަބްމާސިބަލްއެއް ކަނޑުއަޑީގައި -- ފޮޓޯ: ނެކްޓަން

މީގެ 20،000 އަހަރު ކުރިން، "ލާސްޓް ގްލޭޝިއަލް މެކްސިމަމް"ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން، ރާއްޖޭގެ ބީޗްލައިން އޮތް ހިސާބު ކަނޑުގެ 120 މީޓަރު އަޑިން ފެންނާނެ ކަމަށް އެ ދިރާސާގެ ސައިންސްވެރިން ލަފާކުރައްވަ އެވެ. އެ ބީޗްލައިން ބަލައި ކުރާ ތަހުލީލުތަކުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އައި ބަދަލުތަކަށް، އެ އެއްޗެހި ހޭނެމުންދިޔަ ގޮތް ދެނެގަނެވޭނެ އެވެ.

ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މިހާރު ވެސް ވަރަށް ބާރަށް އުފުލެމުންދާއިރު، އެއީ މުސްތަގުބަލުގައި ވަރަށް ބޭނުންތެރި މައުލޫމާތަކަށް ވާނެ އެވެ.

ދުނިޔެ ހޫނުވުމުން، ކަނޑުގެ އެންމެ މަތީ ފަށަލައިގައި ދިރިއުޅޭ ދިރުންތައް ހިމާޔަތް ހޯދުމަށް ދާނެ ކަމަށް ބެލެވޭ "ރެރިފޯޓިކް ޒޯން"އާ ގުޅޭ މައުލޫމާތުތައް ވެސް މި ދިރާސާގައި އެއްކުރާނެ އެވެ. ފުން ކަނޑުގެ އެ ސަރަހައްދާ ގުޅޭ ގޮތުން ސައިންސްވެރިންނަށް އަދި ހޯދިފައި ވަނީ ވެސް ވަރަށް މަދު މައުލޫމާތުތަކެކެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭއިރު، ރަށްތައް ހިމާޔަތްކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭނެ އެއްޗަކަށް ފަރުތައް ވާނެއިރު، ކަނޑުގެ ފުނުގައިވާ ފަރުތަކާއި މުރަކަތަކުގެ ހާލަތު ދެނެގަތުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އެއްކުރެވޭނެ މުހިންމު މައުލޫމާތަކަށް ވާނެ އެވެ. މި ދިރާސާގެ ސްކޯޕުގައި ވެސް އެކަން ކުރުން ހިމެނެ އެވެ.

ސަބްމާސިބަލްއެއްގައި ކަނޑުއަޑީގައި ދިރާސާއެއް ކުރުން ކުރިއަށް ދަނީ: ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާއެއް ކުރަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ނެކްޓަން

ސަބްމާސިބަލްއެއްގައި ކަނޑުއަޑީގައި ދިރާސާއެއް ކުރުން ކުރިއަށް ދަނީ: ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާއެއް ކުރަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ނެކްޓަން

ދިރާސާގެ އިތުރު ތަފުސީލު

• ކަނޑުގެ 1،000 މީޓަރު އަޑީގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާނެ މައުލޫމާތު ހޯދޭނެ.

• ރާއްޖޭގެ ކަނޑުތަކުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރު މަޑި، ފުޑްޗެއިންގެ އެންމެ މަތީގައި އުޅޭއިރު، މި ދިރާސާއާ އެކު ފުރަތަމަ ފަހަރަށް ކަނޑުގެ ފުނުގައި އެ ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ. އެެއީ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހޯދޭނެ ވަރަށް މުހިންމު މައުލޫމާތެއް.

• ދުނިޔޭގައި 1،000 މީޓަރަށް ވުރެން އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް މިހާތަނަށް ނެގިފައި ވަނީ އަދި އެންމެ 300 ފަރުބަދައިން. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް ހުންނަ 34 ފަރުބަދަ ހުންނައިރު މި ދިރާސާގައި އެ ތަންތަން މެޕްކޮށް، ޑޮކިއުމެންޓް ކުރާނެ.

• އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ޑޮކިއުމެންޓްކުރާ މިއީ ފުރަތަމަ ފަހަރަށް ވެސް ވާނެ.

• ދިރާސާގެ ޓީމުގައި ދިވެހިންނާ އެކު އިނގިރޭސިވިލާތް، ސީޝެލްސް، އިންޑިއާ، ސައުތު އެފްރިކާ، ސްރީ ލަންކާ އަދި ޔޫރަޕްގެ ސައިންޓިސްޓުން ބައިވެރިވާނެ.

• މި ދިރާސާގެ ތަހުލީލަށް ކަނޑު އަޑިން ނަގަން ޖެހޭ ސާމްޕަލްތަކާއި ފޮޓޯ އަދި ވީޑިއޯ ނެގުމަށް ބޭނުންކުރާނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އުޅަނދެއް ކަމަށްވާ "ސަބްމާސިބަލް". ސައިންސްވެރިން ކަނޑުގެ ފުނަށް ދަތުރުކުރާނީ އެ އުޅަނދުގައި.

"އެކުއަކަލްޗާ" ނުވަތަ ކަނޑުގެ ދިރުންތައް ވިއްސައި، އާލާކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޝާފިއާ ނައީމް: ސާމްޕަލެއް ތަހުލީލުކުރެއްވުމުގެ މަސައްކަތުގައި.

"އެކުއަކަލްޗާ" ނުވަތަ ކަނޑުގެ ދިރުންތައް ވިއްސައި، އާލާކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޝާފިއާ ނައީމް: ސާމްޕަލެއް ތަހުލީލުކުރެއްވުމުގެ މަސައްކަތުގައި.

"އަޅުގަނޑު ވަރަށް އެކްސައިޓެޑް. ކަނޑުގެ އަޑީގައި އަލި ވެސް ނުލިބޭ ހިސާބުގައި ހުރީ ކޯއްޗެއްތޯ ބަލަން އަޅުގަނޑުމެން މި ދަނީ. އަދި ދުވަހަކު ވެސް ރާއްޖޭގައި މިވީހާ ތަނަކަށް ބެލިފައި ނެތް ހިސާބަކަށް މި ދެވެނީ. އެހެންވެ، މިއީ ވަރަށް ފަހުރުވެރިވާ ވަގުތެއް. ޕާސަނަލީ އަޅުގަނޑަށް ވެސް އަދި ރާއްޖެ އަށް ވެސް ކޮށްދެވޭ ވަރަށް ބޮޑު ހިދަމަތެއް ކަމަށް ދެކެނީ،" ޝާފިއާ ވިދާޅުވި އެވެ.

"މިއީ މުޅި ރާއްޖެ އަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ މަސައްކަތެއް. ފުން ކަނޑުތަކުގެ ހުރި އެއްޗެހި ދެނެގަނެވުމުން، އަޅުގަނޑުމެންނަށް އޭގައި ހުރި ރިސޯސަސްތަކުން އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނީ ކޮން ކަހަލަ އެއްޗެއްސެއްތޯ ވެސް ދެނެގަނެވޭނެ. ހިމާޔަތްކުރަން ޖެހޭ ހާއްސަ ސަރަހައްދުތައް ވެސް ދެނެގަނެވޭނެ."

އެ ދިރާސާގައި އެއްކުރާ މައުލޫމާތުގެ ވެރިފަރާތަކަށް ވާނީ ދިވެހި ސަރުކާރެވެ. އަދި އެ ދިރާސާގެ އާ ހޯދުންތަކަށް ނަން ދޭނީ ވެސް ދިވެހިން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.