Roadha Mihaaru
ހިމާޔަތްކުރި ސަރަހައްދުތަކުގައި ވެލަ އާއި ކަހަނބު ގިނަ

ލ. އަތޮޅުން ހިމާޔަތްކުރި ސަރަހައްދުތަކުގައި ވެލަ އާއި ކަހަނބު ގިނަ

13 އެޕްރީލް 2022

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. ދިރާސާތަކަށް ފަހު، އެ ލިސްޓުގައި އެންމެ ފުރަތަމަ ހިމެނީ ވެލާގެ ބާވަތްތަކެވެ. ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު، ވަރަށް ބޮޑުވެފައިވާ ކަމަށް އެ ލިސްޓުގައި ބުންޏެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. ދިރާސާތަކަށް ފަހު، އެ ލިސްޓުގައި އެންމެ ފުރަތަމަ ހިމެނީ ވެލާގެ ބާވަތްތަކެވެ. ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު، ވަރަށް ބޮޑުވެފައިވާ ކަމަށް އެ ލިސްޓުގައި ބުންޏެވެ.

ސަރުކާރުން، މިދިޔަ ޑިސެމްބަރު މަހު 23 ގައި ލ. އަތޮޅު ހަ ސަރަހައްދެއް ހިމާޔަތްކުރި އެވެ. އޭގެ ތެރެއިން، ތިން ސަރަހައްދަކާ ގުޅޭ ތަފްސީލީ މައުލޫމާތު ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އާންމުކުރިއިރު، އެއީ ގިނަ އަދަދެއްގެ ވެލަ އާއި ކަހަނބު ދިރިއުޅޭ ތަންތަނެވެ. އަދި ގުދުރަތީ ގޮތުން ވަރަށް މުއްސަނދި ސަރަހައްދުތަކެވެ.

ލ. ގާދޫގެ އެއްގަމާއި ފަޅު

ގާދޫ އަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެކެވެ. އެ ރަށުގެ ޗަސްބިމާއި ވަށައިގެންވާ ފަރާއި، ފަޅު އަދި މޫދުވިނަ އޮންނަ ސަރަހައްދު ހިމާޔަތްކޮށްފައިވެ އެވެ. އެއީ 614 ހެކްޓަރުގެ ސަރަހައްދެކެވެ.

- ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދެ ބާވަތްކަމުގައިވާ ކަހަނބު އަދި ވެލާ ބިސްއަޅައި، ވިހާ އާލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދެއް.

- ރަށުގެ ވަށައިގެންވާ މޫދުވިނަ އާއި ފަރުގެ ސަރަހައްދަކީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ އަދި ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލެއް.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ގާދޫގެ އެއްގަމާއި ފަޅުގެ ސަރަހައްދު.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ގާދޫގެ އެއްގަމާއި ފަޅުގެ ސަރަހައްދު.

- ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކޮށްދޭ މޫދުވިނައިގެ ހަ ބާވަތަކާއި ފަރުމަހުގެ 91 ބާވަތް އެ ސަރަހައްދުން ފެނިފައިވޭ.

- ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ޗަސްބިން ސަރަހައްދުގައިވާ މީރު ފެންކުޅި އަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ތަނެއް.

- ފެންކުޅި އޮންނަ ސަރަހައްދަކީ މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދަމަހައްޓަން އެހީވެދޭ ތަނެއް.

ލ. ގާދޫ، ހިތަދޫ ކަނޑުގެ ސަރަހައްދު

ދިރޭ ތަކެތީގެ ނަސްލުތަކުން މުއްސަނދި، ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާ އެ ސަރަހައްދުގެ ބޮޑުމިނުގައި 777 ހެކްޓަރުގެ ހުރެ އެވެ.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ގާދޫ އަދި ހިތަދޫ ކަނޑުގެ ސަރަހައްދު.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ގާދޫ އަދި ހިތަދޫ ކަނޑުގެ ސަރަހައްދު.

- އެ ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ވެސް ވެލާ އާއި ކަހަނބު ހިމެނޭ.

- އެންމަޑި އާއި ފަރުމަހުގެ ބާވަތްތަކާއި މިޔަރާއި އަދި މަޑި އެ ސަރަހައްދުން ފެނޭ.

ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު

ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ، އެއީ 706 ހެކްޓަރުގެ ސަރަހައްދެކެވެ.

- އެންމަޑި އާއި ކަހަނބާއި ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު އެ ސަރަހައްދުން ފެނޭ.

- ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު.

ވެލަ އާއި ކަހަނބު ނެތިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އެހެނިހެން މަސްވެރިކަމުގެ ތެރޭގައި އެ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުމެވެ. އަދި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ތަޣައްޔަރުވުމާއި ގަވާއިދާ ހިލާފަށް ވެލާ ހިފުމާއި އޭގެ ވިޔަފާރިކުރުން ވެސް ސަބަބެއްގެ ގޮތުގައި ހިމެނޭ ކަމަށް ރެޑްލިސްޓުގައި ބުނެފައިވެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު "މިހާރު" އަށް ވިދާޅުވީ ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކުގެ ތަފުސީލީ މައުލޫމާތު އިއްޔެ އާންމުކުރީ، އެ ތަންތަން ހިމަޔާތްކުރި ސަބަބާއި އެ ތަންތަނުގެ މުހިންމު ކަން އާންމުންނަށް އަންގައިދީ، ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކަމަށެވެ. އެއީ އަބަދުވެސް ދެކެވެމުން އަންނަން ޖެހޭ ވާހަކައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ހަމައެކަނި، ހިމާޔަތްކޮށްފިއޭ ބުނެ ނިންމާލީމާ އެ ހިސާބުން ނިމުނީއެއް ނޫން. އެ މައުލޫމާތު އަބަދުވެސް ރައްޔިތުން ލިބިލިބި ހުރުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

"ކުރިއަށް މި އޮތީ އީދު ބަންދު. އެ ކަހަލަ ބަންދެއްގައި އާއިލާ ގޮވައިގެން ހިތްހަމަޖައްސާލަން އެ ތަންތަން ގޮސް ބަލައިލުމަކީ ވެސް ކުރެވޭނެ ކަންކަން. އަމިއްލަ އަށް އެ ތަންތަން ފެނުމުން ކުރެވޭ އިހުސުސާއި ތަޖުރިބާ އާއި ވިސްނޭ ވިސްނުން ވެސް ތަފާތުވާނެ."

ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމަޔާތްކުރަން ސަރުކާރުން ނިންމިއިރު، ދެން ހިމެނެނީ ލ. ގަމު ބޮޑަ ފެންގަނޑަ ސަރަހައްދާއި ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި އަދި ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. ށ. އަދި ނ. އަތޮޅުގެ 14 ސަރަހައްދަކާއި އައްޑޫގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު ސަރަހައްދަކާއި އަދި ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފައިވެ އެވެ.