Roadha Mihaaru
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި

ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި

01 ސެޕްޓެމްބަރ 2024

ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި އޭގެ މާހައުލު ރައްކާތެރިކުރުމާ ގުޅޭ އާ އުސޫލެއް ސަރުކާރުން ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި އޭގެ މާހައުލު ރައްކާތެރިކުރުމާ ގުޅޭ އާ އުސޫލެއް ސަރުކާރުން ހަދައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މި އުސޫލު އިފްތިތާހުކޮށް، އާންމުކުރީ ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު އދ. ދިގުރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ފެހުރިއްސާއި އެ ތަކެތީގެ މާހައުލުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އެންމެ ފުރަތަމަ އާންމުކުރީ ޖޫން 5، 2009 ގަ އެވެ. އެ އުސޫލަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެ އުސޫލަށް އަމަލުކުރަން ފަށާނީ މީގެ ތިން މަސްދުވަސް ފަހުންނެވެ.

ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އުސޫލުގައި ވަނީ ގުދުރަތީ މާހައުލުގައި ފެންނަ ފެހުރިހީގެ ތަބީއަތު ދަމަހައްޓައި އެ ތަކެއްޗަށާއި މާހައުލަށް ބުރޫނާރާނެހެން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި؛

• މޫދަށް އެރި އުޅޭއިރު ފެހުރިއްސާ ތިން މީޓަރަށް ވުރެ ކައިރި ނުވުމާއި އޭގެ ނިގޫކޮޅާ ދިމާލުން ހަތަރު މީޓަރަށް ވުރެ ކައިރި ނުވުން.

• ފެހުރިހީގައި އަތްލައި ގޯނާކޮށްގެން ނުވާނެ އަދި އޭގެ އުރަހައިގައި ހިފަހައްޓައިގެން ފަތާ ނުވަތަ ފީނާ ހަދައިގެން ނުވާނެ.

• ފެހުރިހި ދަތުރުކުރާ ދިމާލަށް ހުރަސްއަޅައިގެން ނުވާނެ.

• ފެހުރިހީގެ މައްޗަށްވާ ގޮތަށް ފީނާ ނަމަ، މަދުވެގެން 20 މީޓަރުގެ ދުރުމިން ބަހައްޓަން ވާނެ.

• ފެހުރިއްސަށް ކާންދިނުމަކީ މަނާކަމެއް.

• އެއްވެސް ބާވަތެއްގެ އައްޔެއް ނުވަތަ ފްލެޝްއެއް ބޭނުންކުރުމަކީ މަނާކަމެއް.

• ފެހުރިހި އުޅޭ ސަރަހައްދަށް އުޅަނދުތައް ކައިރިކޮށްގެން ނުވާނެ.

• ފެހުރިހީގެ ޑްރޯން ފޮޓޯ ނަގަން ވާނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 30 މީޓަރަށް ވުރެ މަތިން.

• ފެހުރިހި ފެންނަ ސަރަހައްދުގައި ސެލްފީ ސްޓިކް ބޭނުންކުރުން މަނާވާނެ.

ފެހުރިއްސާ ކައިރިވެ އުޅެވޭނެ ގޮތް ދައްކައިދޭ ކުރެހުން.

ފެހުރިއްސާ ކައިރިވެ އުޅެވޭނެ ގޮތް ދައްކައިދޭ ކުރެހުން.

އެ އުސޫލުގައި ވަނީ ފެހުރިހީގެ ތަބީއަތު ދަމަހައްޓައި އެ ތަކެއްޗަށާއި މާހައުލަށް ބުރޫނާރާނެހެން ކަނޑު އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ބަހައްޓަންވީ ގޮތް ވެސް ބަޔާންކޮށްފަ އެވެ.

ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ ކޮންޓެކްޓް ޒޯން ކަމަށާއި އެ ޒޯނުގައި ހަރަކާތްތެރިވެވޭނީ ފަހަރަކު ތިން އުޅަނދަށް ކަމަށް އެ އުސޫލުގައި ބުންޏެވެ.

އެ ކޮންޓެކްޓް ޒޯނުގައި ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރުމިނުގައި އުޅަނދު ދުއްވައިގެން ނުވާނެ އެވެ. އަދި ފެހުރިހީގެ 50 މީޓަރު ބައުންޑްރީ ތެރޭގައި އުޅަނދުތަކުގެ ބާރުމިން ބަހައްޓަން ވާނީ ގަޑިއަކު ދެ ނޮޓުގަ އެވެ. ނަމަވެސް، ސަލާމަތީ ހާލަތްތަކުގައި ކޮންޓެކްޓް ޒޯނު ނުކުތުމަށް ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރަށް ދުއްވަން ޖެހިއްޖެ ހާލަތުގައި އެ ޒޯނުން ވީހާ ވެސް އަވަހަކަށް ނުކުމެވޭނެ އެވެ.

މޫދު ކުޅިވަރަށް ބޭނުންކުރާ އެއްވެސް އުޅަނދެއް އެ ޒޯނަށް ވަނުމަކީ މަނާކަމެކެވެ.

"ކޮންޓެކްޓް ޒޯން ތެރޭގައި އެންމެ ކައިރިވާ ގޮތަށް އޮންނަ ފެހުރިއްސާއި އުޅަނދާ ދޭތެރޭ 15 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭނެ އެވެ،" އެ އުސޫލުގައި ބުންޏެވެ.

މި އުސޫލު ހެދި އިރު، ފެހުރިހި ދައްކަން ޓޫރިސްޓުން ގެންގޮސް ތޮއްޖައްސާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. އެ ދެ ސަރަހައްދު ވެސް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި އެ ސަރަހައްދުތައް ރަނގަޅަށް މޮނީޓާ ނުކުރެވި، ފާއިތުވި އަހަރުތަކުގައި ވަނީ ފެހުރިހި ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތް ވެސް އެ އުސޫލުގައިވެ އެވެ. އެއީ؛

• ވަލެއްގައި ނުވަތަ މޫރިން ލައިނެއްގައި ނުވަތަ އޮއެވާލި ކަނދުފައްޗެއްގައި ޖެހިފައިވާ ދިރިއޮތް ފެހުރިއްސެއް ދިމާވެއްޖެ ނަމަ، އީޕީއޭއަށް އަވަހަށް އަންގަންވާނެ.

• ވަޅިއަކުން ނުވަތަ ތޫނު އާލާތެއްގެ އެހީގެ ފެހުރިހީގައި އޮޅިފައިވާ ވާ ނުވަތަ ދާ، އެއަށް ގެއްލުން ނުވާނެ ގޮތަކަށް ކަނޑައި ވަކިކުރުމަށް ފަހު މިނިވަންކުރަން ވާނެ.

• އޮއިވާލި އަނބުރާ މޫދަށް ދޫކޮށްނުލައި އެއްގަމަށް ގެންދަން ވާނެ.

• ބުރަފަތިން ޖެހި ނުވަތަ ގުދުރަތީ ހާދިސާއެއް ސަބަބުން އަނިޔާވެފައިވާ ފެހުރިއްސެއް ފެނިއްޖެ ނަމަ، އޭގައި އަތްނުލާ ނުވަތަ ތަނަކަށް ގެންދިއުމުގެ ބަދަލުގައި އެއަށް ލިބިފައިވާ ޒަހަމްތައް އަމިއްލައަށް އޭގެ ގުދުރަތީ މާހައުލުގައި އަމިއްލަށް ފަސޭހަވުމަށް ފުރުސަތު ދޭން ވާނެ.

ފެހުރިއްސާ އުޅަނދު ކައިރިވެ އުޅެވޭނެ ގޮތް ދައްކައިދޭ ކުރެހުން.

ފެހުރިއްސާ އުޅަނދު ކައިރިވެ އުޅެވޭނެ ގޮތް ދައްކައިދޭ ކުރެހުން.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އާންމުކުރި އުސޫލުގައި ވަނީ މަރުވެފައިވާ ނުވަތަ މަރާލާފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތާއި އެ ތަކެތީގެ މާހައުލުތަކުގައި އަމަލުކުރާނެ ބެސްޓް ޕްރެކްޓިސް ވެސް ހިމަނައިފަ އެވެ. އަދި މި އުސޫލާ ހިލާފަށް އަމަލުކޮށްފި ނަމަ، ހިމާޔަތްކޮށް، ރައްކާތެރިކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރާނެ ކަމަށް ބުންޏެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.