Roadha Mihaaru
ދުބާއީގެ ބްރައިޑް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ހަނީމޫނަށް ޚާއްސަ ފެއާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

06 ފެބުރުއަރީ 2020

ދުބާއީގައި މިހާރު ކުރިއަށް ގެންދާ ބްރައިޑް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުބާއީގައި މިހާރު ކުރިއަށް ގެންދާ ބްރައިޑް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޝޯގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެކި ކުންފުނިތަކުން ބައިވެރިވެ އެވެ. މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރާނީ ހަނީމޫނަށް ހާއްސަ މަންޒިލެއްގެ ގޮތުގަ އެވެ.

މިއީ، ހަނީމޫން މާކެޓަށް ހާއްސަ ކޮށްގެން ބާއްވާ ޓޫރިޒަމް ހަރަކާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ކޮންމެ އަހަރަކު އޮންނަ މި ފެއާ ޚާއްސަ ކޮށްފައި ވަނީ ދުބާއީގައި އަލަތު ކައިވެނި ކުރާ އަދި ފެޝަނަށް ލޯބި ކުރާ މީހުންނަށެވެ. މިދިޔަ އަހަރު ވެސް މި ފެއާ އަށް 23،000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

އެހެންވެ، ރާއްޖެ އަކީ ހަނީމޫން މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މި ފެއާ އަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީން ދެކެ އެވެ.

ރާއްޖެއިން މި ފެއާގައި 60 އަކަފޫޓުގެ ސްޓޭންޑެއް ބަހައްޓާފައި ވެ އެވެ. މި ސްޓޭންޑު ތައްޔާރު ކޮށްފައި ވަނީ ރާއްޖެއަށް ހަނީމޫނަށް އަންނަ މީހުން ތަޖުރިބާ ކުރާ ތަފާތު ކަންތައްތައް ދައްކުވައިދޭ ގޮތަށެވެ. އެ ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ރާއްޖޭގެ އެކި މަންޒިލްތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި، ރާއްޖެ އަކީ ބޭރުގެ މާކެޓުގައި ހަނީމޫން މަންޒިލެއް ގޮތުގައި މަޝްހޫރު ގައުމަކަށް ވާއިރު އެ މާކެޓު ފުޅާ ކުރުމަކީ މުހިންމު ކަމެކެވެ.