Roadha Mihaaru
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަނެއް ބުރަށް

ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަނެއް ބުރަށް

27 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 27) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުުރުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ތިން ވަނަ ޑިވިޝަނުގެ ޝްރޫސްބަރީ ޓައުންއާ 2-2 އިން އެއްވަރުވިއިރު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (ޖެނުއަރީ 27) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުުރުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ތިން ވަނަ ޑިވިޝަނުގެ ޝްރޫސްބަރީ ޓައުންއާ 2-2 އިން އެއްވަރުވިއިރު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ޔުނައިޓެޑް މޮޅުވީ ތިން ވަނަ ޑިވިޝަނުގެ ޓްރަންމޭރޯ ރޯވާސްއާ ވާދަކޮށް 6-0 އިންނެވެ. އަދި ސިޓީ ވަނީ ދެ ވަނަ ޑިވިޝަނުގެ ފުލަމް އަތުން 4-0 އިން މޮޅުވެފަ އެވެ.

ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ކާޓިސް ޖޯންސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށި މިނިޓެއްގެ ތެރޭގައި ލިވަޕޫލުން ލީޑުފުޅާކުރީ ޝްރޫސްބަރީގެ ޑޮނާލްޑް ލަވް ޖެހި ބައިގޯލަކުންނެވެ. ޝްރޫސްބަރީން އެއްވަރުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ޖޭސަން ކަމިންސް ޖެހި ދެ ގޯލުންނެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

ލިވަޕޫލުން މެޗުން މޮޅުވާން ފަހުން ވަނީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އާއި މުހައްމަދު ސަލާހު އަދި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވައިފަ އެވެ. އެކަމަކު ލަނޑެއް ނުޖެހި ވަނީ ރީޕްލޭ މެޗަކަށް ދާން ޖެހިފަ އެވެ. ރީޕްލޭ މެޗު ރާވާފައި ވަނީ އަންނަ މަހުގެ ކުރީކޮޅަށެވެ. އެކަމަކު އެ ދުވަސްވަރަކީ އިނގިރޭސި ކްލަބްތަކަށް ފިނި މޫސުމުގެ ބްރޭކެއްދޭން ރާވާފައިވާ ވަގުތެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފިނި މޫސުމުގެ ބްރޭކުގައި ކުޅުންތެރިންނަށް ހުސް ވަގުތެއް ދޭނެ ކަމަށް މީގެ ދެ ހަފްތާ ކުރިން ކުޅުންތެރިން ގާތުގައި ބުނެފައިވާނެ ކަމަށާއި އަދި އެ ވަގުތު ކުޅުންތެރިންނަށް ދޭނެ ކަމަށެވެ. އަަދި މިހާރު އޮތް ގޮތަށް ކުރިއަށްދާއިރު ލިވަޕޫލް ދަނޑުގައި ޝްރޫސްބަރީއާ ދެކޮޅަށް ކުޅޭ ރީޕްލޭ މެޗުގައި ލިވަޕޫލުން ބޭނުންކުރާނީ ޒުވާން ޓީމު ކަމަށާއި ކޯޗަކަށް ހުންނާނީ ޒުވާން ޓީމުގެ ކޯޗު ނީލް ކްރިޗްލީ ކަމަށް އޭނާ ބުންޏެވެ.

ރޭ ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މިއީ 2001 ވަނަ އަހަރަށް ފަހު މެޗެއްގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑްގެ ލަނޑުތައް ޖެހީ ހެރީ މެގުއާ، ޑިއޯގޯ ޑަލޯ، ޖެސީ ލިންގާޑް، ފިލް ޖޯންސް، އެންތަނީ މާޝިއަލް އަދި މޭސަން ގްރީންވުޑް އެވެ.

ސިޓީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުލަމް ކޮޅަށް އެ ޓީމުގެ ލަނޑުތައް ޖެހީ ގަބްރިއެލް ޖީސޫސް ދެ ގޯލާއި އިލްކާއި ގުންޑޮގާން އަދި ބެނާޑޯ ސިލްވާ އެވެ. މި މެޗުގެ ހަ ވަނަ މިނިޓްގައި ފުލަމްގެ ރީމް އަށް ރަތް ކާޑު ދެއްކުުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.