Roadha Mihaaru
ޔުނައިޓެޑް ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއް: ލުކާކޫ

ޔުނައިޓެޑް ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއް: ލުކާކޫ

26 ޖެނުއަރީ 2020

މިލާން (ޖެނުއަރީ 26) – އާ ޗެލެންޖެއް ނެގުމަށް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިންޓަ މިލާނަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

މިލާން (ޖެނުއަރީ 26) – އާ ޗެލެންޖެއް ނެގުމަށް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިންޓަ މިލާނަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ޗެލްސީން ފާހަގަވި ލުކާކޫ ވިދާލީ އެވަންޓަން އަށް ލޯން އުސޫލުން އަދި ފަހުން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޅުނުއިރެވެ. އެއާ އެކު މެންޗެސްޓާ ޔުނައިޓެޑުން 2017 ވަނަ އަހަރު އޭނާ 98 މިލިއަން ޑޮލަރަށް ގަތެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ފުރަތަމަ ސީޒަނުގައި 27 ގޯލް ޖަހައި ޔުނައިޓެޑަށް ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިދިނެވެ. އެކަމަކު ދެ ސީޒަނުގައި އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ޕްލޭނުގައި ނުހިމެނޭތީ ކްލަބް ބަދަލުކުރީ އެވެ.

މި ސީޒަނުގައި އިންޓަ އަށް ބަދަލުވެ މިހާތަނަށް 18 ގޯލް ވަނީ ޖަހައިފަ އެވެ. އެ ޓީމު ލީގުގެ ދެ ވަނައިގައި އޮވެ ޗެމްޕިއަންކަމަށް ކުރަމުން އަންނަ ވާދައިގައި ލުކާކޫގެ ހިއްސާ ބޮޑެވެ.

"ޕްރޮފެޝަނަލް ކެރިއަރުގައި މިދިޔަ އަހަރު ދިޔައީ އުދަނގޫކޮށް. އެއީ އަހަރެން ބޭނުންވާ ގޮތަށް ކަންތައްތައް ނުދިއުމުން. އަދި އަހަންނަށް ރަނގަޅަށް ނުވެސް ކުޅެވުނު. އެހިސާބުން އަހަރެން ނިންމީ މިއީ މާހައުލު ބަދަލުކުރަންވީ ވަގުތު ކަމަށް،" ލުކާކޫ ބުންޏެވެ.

ލުކާކޫ ބުނީ މާޗު މަހު ގޮތެއް ނިންމައި އާ ކްލަބެއް ހޯދާ ވާހަކަ ކޯޗު ސޯލްޝެއާ ގާތު ބުނި ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެންގެ ނިންމުން ރަނގަޅު. އަދި އަހަންނަށް ހީވާ ގޮތުން އަހަރެން ދިއުމުން މެންޗެސްޓާ ޔުނައިޓެޑުން ޒުވާން ކުޅުންތެރިން ޓީމުގެ ތެރެއަށް އަންނަން ޖާގަ ވެސް ހަދައިފި. އެހެންވެ މިއީ ދެ ފަރާތަށް ވެސް ފައިދާކުރި ނިންމުމެއް،" ލުކާކޫ ބުންޏެވެ.

ސޯލްޝެއާ މިދިޔަ ސީޒަނުގައި ބޮޑަށް ފުރުސަތު ދިނީ އިނގިރޭސި ޒުވާން ފޯވާޑް މާކަސް ރެޝްފޯޑަށެވެ. އޭނާ އަންނަނީ އޭގެ ބޭނުން ހިފައި ފެންވަރު ދައްކަމުންނެވެ. އެއާ އެކު ރެޝްފޯޑް ވެފައިވަނީ ޔުނައިޓެޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަށެވެ.