Roadha Mihaaru
ލުކާކޫ އަށް ހުށަހެޅި އަގުބޮޑު ބިޑަށް ދެކޮޅު ހަދައިފި

ލުކާކޫ އަށް ޗެލްސީން ހުށަހެޅި އަގުބޮޑު ބިޑަށް އިންޓަ ދެކޮޅު

04 އޯގަސްޓް 2021

ލަންޑަން (އޮގަސްޓް 4) - އިންޓަ މިލާންގެ ރޮމެލޫ ލުކާކޫ ގަންނަން ޗެލްސީން ހުށަހެޅި 118 މިލިއަން ޑޮލަރުގެ އަގުބޮޑު ބިޑަށް އިންޓަ އިން ދެކޮޅު ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (އޮގަސްޓް 4) - އިންޓަ މިލާންގެ ރޮމެލޫ ލުކާކޫ ގަންނަން ޗެލްސީން ހުށަހެޅި 118 މިލިއަން ޑޮލަރުގެ އަގުބޮޑު ބިޑަށް އިންޓަ އިން ދެކޮޅު ހަދައިފި އެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ލުކާކޫ ގެންނަން އަލުން އެ ޓީމުން ބޭނުން ވަނީ ސްޓައިކަރެއް ހޯދުމުގެ ގޮތުންނެވެ. ފޯވަޑުން ގިނަ ޗެލްސީ ޓީމަށް މިދިޔަ ސީޒަންގައި ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވި އެވެ. ސެންޓްރަލް ސްޓައިކަރެއް ނެތުމުން، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ޗެލްސީން ވަނީ ބޮރޫޝިއާ ޑޯޓްމަންޑުގެ އާލިން ހާލޭންޑް ނުވަތަ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ގެންދިއުމަށް މަސައްކަތް ފަށައިފަ އެވެ.

އެ ދެ ކުޅުންތެރިންގެ ޓްރާންސްފާ ވެސް ޗެލްސީ އަށް ކާމިޔާބެއް ނުވި އެވެ. ކޭން ބަދަލުވުން އެންމެ ކައިރީ މެންޗެސްޓާ ސިޓީ އަށެވެ. ޓޮޓެންހަމް ދޫކޮށްލަން ކޭން ބޭނުންވެ އެވެ. ހާލޭންޑްގެ އަގަކީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރެވެ. އެވަރުގެ އަގެއް ހޭދަ ކުރަން މި ވަގުތު ޗެލްސީން އޮތީ ތައްޔާރަކަށް ނޫނެވެ.

ލުކާކޫ ގެންދަން ހުށަހަޅާ އަގު ބޮޑު ފީގެ އިތުރުން ބަދަލުގައި ޑިފެންޑަރު މާކޯސް އެލަންސޯ ދިނުމަށް ޗެލްސީން ހުށަހެޅުމުން ވެސް އިންޓައިން އެ ބިޑާ ދެކޮޅު ހެދި އެވެ.

ލުކާކޫ ވެސް ހުރީ ކްލަބު ދޫކޮށްލާ ގޮތަކަށް ނޫނެވެ. މިދިޔަ ސިޒަންގެ ސެރީ އާގެ ޗެމްޕިއަންކަން އިންޓަ އަށް ހޯދައި ދިނުމަށް ފަހު، ލުކާކޫ ބުނެފައި ވަނީ އޭނާގެ ކެރިއާގައި އެންމެ މޮޅަށް ކުޅެވުނީ އިންޓަގައި މިދިޔަ ސީޒަންގައި ކަމަށެވެ.

އިންޓަ އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ފައިސާ ހޯދަން އެ ޓީމަށް ވަނީ ޖެހިފަ އެވެ. އިންޓަ އިން ވަނީ އަޝްރަފް ހަކީމީ ޕީއެސްޖީ އަށް ވިއްކައިލައިފަ އެވެ. އޭނާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 83 މިލިއަން ޑޮލަރު އިންޓަ އަށް ދޭން ޕީއެސްޖީން ވަނީ އެއްބަސްވެފަ އެވެ.