Roadha Mihaaru
އިންޓަވިއުގެ މައްސަލައިގައި ލުކާކޫ މާފަށް އެދިއްޖެ

އިންޓަވިއުގެ މައްސަލައިގައި ލުކާކޫ މާފަށް އެދިއްޖެ

04 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 4) - އިންޓަވިއުއެއްގައި ޗެލްސީގައި ހުރީ އުފަލުން ނޫން ކަމަށް ބުނުމުން، މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ޓީމުން ބާކީކުރި ފޯވާޑް ރޮމެލޫ ލުކާކޫ އޭނާގެ އެ އަމަލުތަކަށް މާފަށް އެދިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 4) - އިންޓަވިއުއެއްގައި ޗެލްސީގައި ހުރީ އުފަލުން ނޫން ކަމަށް ބުނުމުން، މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ޓީމުން ބާކީކުރި ފޯވާޑް ރޮމެލޫ ލުކާކޫ އޭނާގެ އެ އަމަލުތަކަށް މާފަށް އެދިއްޖެ އެވެ.

އުނދަގޫ ހާލަތެއްގައި ޗެލްސީ އޮއްވައި މުހިއްމު މެޗަކަށް ތައްޔާރުވަމުން ދަނިކޮށް ދެއްކި އިންޓަވިއުގެ ސަބަބުން ޓީމުގެ ހާލަތު އިތުރަށް ގޯސްވެދާނެތީވެ ލިވަޕޫލް މެޗަށް ލުކާކޫ ޓީމުން ބާކީ ކުރިއިރު، އޭނާއާ ވަކިން މަޝްވަރާ ކުރާނެ ކަމަށް ޓުޗެލް ވަނީ މީގެ ކުރިން ބުނެފަ އެވެ.

"ލުކާކޫ މާފަށް އެދި، މިހާރު ޓީމާ ވެސް ގުޅިއްޖެ،" މާދަމާ ރޭ ލީގު ކަޕް ސެމީ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ގައި ތޯމަސް ޓުޗެލް ބުންޏެވެ.

"އަހަންނަށް މުހިންމުވީ އެއީ ލުކާކޫ ގަސްދުގައި ކުރި ކަމެއް ނޫންކަން އެނގެން. މިއީ ކުޑަ ކަމެއް ވެސް ނޫން، އެކަމަކު މާފް ކުރެވިދާނެ. އޭނާއަށް އެެނގޭ އޭނާއަށް ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން، އަދި އޭގެ ފުރިހަމަ ޒިންމާ ނަގަން އޭނާ ހުރީ ތައްޔާރަށް. އުނދަގޫ ވެދާނެ. އެކަމަކު އޭނާއަށް އިތުރު ގޮތެއް ނެތް. އެއީ އަހަރެމެންގެ ކުޅުންތެރިއެއް."

ލުކާކޫ އަންނަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ވެސް މިހާރު ބައިވެރި ވަމުންނެވެ. ޓުޗެލް ބުނީ ލުކާކޫގެ ކޮމިޓްމަންޓާ މެދު ސުވާލު ނުއުފައްދާ ކަމަށާއި، އޭނާ އަކީ ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

މީގެ އިތުރުން، މި ޓްރާންސްފާގައި ޓީމު ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް ލުކާކޫ ނުގެންގުޅޭ ކަމަށް ބުނެފައިވާ ކަމަށް ވެސް ޓުޗެލް ބުންޏެވެ. އަދި ޗެލްސީން ވެސް އޮތީ، 97.5 މިލިއަން ޕައުންޑަށް މިސީޒަނުގައި ގެނައި ލުކާކޫ ޓީމުން ފޮނުވާލުމުގެ ވިސްނުމަކު ނޫނެވެ.

ޗެލްސީން މާދަމާރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދޮކޮޅަށް ލީގު ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ނުކުންނައިރު، ޓޮޓެންހަމްގެ ކޯޗަކީ ކުރިން ޗެލްސީއަށް ވެސް ކޯޗު ކޮށްދިން، އަދި ލުކާކޫއާ އެކު އިންޓަ މިލާނަށް މިދިޔަ ސީޒަނުގައި ލީގު ނަގައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ކޮންޓޭއާ އެކު އަދިވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ލުކާކޫ ވަނީ އިންޓަވިއުގައި ބުނެފަ އެވެ.