Roadha Mihaaru
މި ހާސިލުވީ 17 އަހަރު ވަންދެން ކުރި އުންމީދެއް

މި ހާސިލުވީ 17 އަހަރު ވަންދެން ކުރި އުންމީދެއް: ލުކާކޫ

12 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 12) - ޗެލްސީގެ ހޯމް ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖުގައި ލަނޑު ޖެހުމަކީ 17 އަހަރުވަންދެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށް ރޭ އެ ދަނޑުގައި ލަނޑު ޖެހި ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ސެޕްޓެމްބަރު 12) - ޗެލްސީގެ ހޯމް ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖުގައި ލަނޑު ޖެހުމަކީ 17 އަހަރުވަންދެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށް ރޭ އެ ދަނޑުގައި ލަނޑު ޖެހި ރޮމެލޫ ލުކާކޫ ބުނެފި އެވެ.

އެސްޓަން ވިލާ އާ ދެކޮޅަށް 3-0 އިން ރޭ މޮޅުވި މެޗުގައި ޗެލްސީގެ ދެ ލަނޑު ޖެހީ ލުކާކޫ އެވެ. އަނެއް ލަނޑު ޖެހީ މަޓެއޯ ކޮވަސިޗް އެވެ. ތޯމަސް ޓުޗެލްގެ ޓީމުން ވަނީ މި ސީޒަންގައި ބަލި ނުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ.

ކުރިން ވެސް ޗެލްސީ އަށް ކުޅުނު ލުކާކޫ، އަލުން އެ ޓީމަށް ބަދަލުވީ މި ސީޒަންގައި އިންޓަ މިލާނުންނެވެ. ސެރީ އާ ގެ ޗެމްޕިއަންކަން 10 އަހަރު ފަހުން އިންޓަ އަށް ހޯދައިދިނުމުގައި ލުކާކޫ ވަނީ މިދިޔަ ސީޒަންގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރޭގެ މެޗުގައި ލުކާކޫ ޖެހި ލަނޑުތަކަކީ ސްޓެމްފޯޑްގައި އޭނާ ކުޅުނު 15 މެޗުގެ ތެރެއިން ލަނޑު ޖެހި ފުރަތަމަ މެޗެވެ.

"އަހަރެންގެ އުމުރުން 11 އަހަރުން ފެށިގެން ކުރަމުން އައި އުންމީދެއް މި ހާސިލުވީ. މިކަން ހާސިލު ކުރުމަށް އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން،" ރޭގެ މެޗަށް ފަހު ލުކާކު، 28، ބުންޏެވެ.

"އަހަރެންގެ ކެރިއާގެ ފުރަތަމަ ދުވަސް ކޮޅު ދިޔައީ އަޑި ގުޑަންތަކެއް ހެން. ނަމަވެސް މިދިޔަ ތިން އަހަރު އެއްވަރެއްގައި ކުޅެވޭ ކަމުގެ އިހްސާސް ކުރެވޭ."

އޭނާ ބުނީ ސީޒަންގެ ފެށުން ރަނގަޅު ކަމަށެވެ. އެކަމަކު އެހެން އަހަރުތަަކަށް ވުރެ ޗެލްސީން މި އަހަރު ކުރަން ޖެހޭ މަސައްކަތް ބުރަ ވާނެ ކަމަށް ބެލްޖިއަމްގެ ފޯވަޑް ބުންޏެވެ.

"މިފަހަރު ވަރަށް ގިނަ ޓީމުތަކުން އޮތީ ތައްޓަށް ވާދަކުރަން ތައްޔާރު ވެގެން،" ލުކާކޫ ބުންޏެވެ.

އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިތެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ލެސްޓާ ސިޓީ ބަލިކޮށް ޔުނައިޓެޑާއި ޗެލްސީގެ ފަހަތުން، އެއް ޕޮއިންޓްގެ ފަރަގަކާ އެކު ވިއްދައިފަ އެވެ.