Roadha Mihaaru

ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ ފެށުން އުންމީދު ކުރި ގޮތަކަށް ނޫން

ލަންޑަން (އޮގަސްޓް 17) - މިދިޔަ މަހު މުޅި ދުނިޔެ ސިއްސުވާލައި ޕީއެސްޖީ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޗެލްސީ، އާ ސީޒަންގެ ފުރަތަމަ މެޗުގައި އުނދަގުލުން ޕޮއިންޓެއް ހޯދައިފި އެވެ.

ޗެލްސީގެ ފެށުން އުންމީދު ކުރި ގޮތަކަށް ނޫން

ލަންޑަން (އޮގަސްޓް 17) - މިދިޔަ މަހު މުޅި ދުނިޔެ ސިއްސުވާލައި ޕީއެސްޖީ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޗެލްސީ، އާ ސީޒަންގެ ފުރަތަމަ މެޗުގައި އުނދަގުލުން ޕޮއިންޓެއް ހޯދައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ޕެނަލްޓީ އޭރިއާ ކައިރިން ކްރިސްޓަލް ޕެލަސް އަށް ހިލޭޖެހުމެއް ލިބުމުން، އެބެރޭޗީ އެޒީ ވަނީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. ނަމަވެސް ޕެލަސްގެ ކެޕްޓަން މާކް ގޭއީ، ޗެލްސީގެ ވޯލަށް އެތުރިގެން ތިބި ކުޅުންތެރިންނާ ދެމެދު މީޓަރެއްގެ ދުރުމިން ނުބެހެއްޓުމުން ވީއޭއާރުން ވަނީ ފައުލެއް ކަމަށް ނިންމައި ގޯލު ބަލައި ނުގެންފަ އެވެ.

އެޒީ ހިލޭޖެހުން ގޯލަށް ފޮނުވާލަނިކޮށް ޕެލަސްގެ ކެޕްޓަން މާކް ގޭއީ، ޗެލްސީގެ ވޯލްގައި ތިބި ކުޅުންތެރިންނަށް ފައުލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެޒީ ހިލޭޖެހުން ގޯލަށް ފޮނުވާލަނިކޮށް ޕެލަސްގެ ކެޕްޓަން މާކް ގޭއީ، ޗެލްސީގެ ވޯލްގައި ތިބި ކުޅުންތެރިންނަށް ފައުލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވީއޭއާރު ރިވިއު އަށް ފަހު މެޗުގެ ރެފްރީ ޑެރެން އިންގްލެންޑް ވަނީ ސަޕޯޓަރުންނަށް އަޑު އިވޭނޭހެން، ގޯލު ބަލައި ނުގަންނަން ނިންމި ސަބަބު އޮޅުންފިލުވައިދީފަ އެވެ. ބައިނަލްއަގުވާމީ ފުޓްބޯޅަ އެސޯސިއޭޝަން ބޯޑުގެ 13 ވަނަ ގަވާއިދުގައި މިކަން ހިމަނާފައި ވަނީ 2019/2020 ސީޒަންގަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނު މި މެޗުގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ. ޗެލްސީ ފޮނުވާލި 19 ހަމަލާގެ ތެރޭން ތިން ހަމަލާ ޓާގެޓަށް އަމާޒުވި އިރު، ޕެލަސް އިން ފޮނުވާލި 12 ހަމަލާގެ ތެރެއިން ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ހަތަރު ހަމަލާ އެވެ.

ކޯލް ޕާމާ އާއި އެންޒޯ ފެނާންޑޭޒް އަދި ޕެޑްރޯ ނެޓޯ އާއެކު ޗެލްސީގެ އާ ފޯވާޑުން ކަމަށްވާ ޖާއޯ ޕެޑްރޯ އާއި ޖެމީ ގިޓެންސް ވަނީ މި މެޗުގައި ސްޓާޓް ކޮށްފަ އެވެ. ދެވަނަ ހާފުގައި އެސްޓެވާއޯ ވިލިއަމްސް އާއި ލިއަމް ޑިލެޕް ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. ނަމަވެސް ޗެލްސީން 250 މިލިއަނެއްހާ ޕައުންޑް ހޭދަ ކޮށްފައިވާ މި ހަ އެޓޭކަރުންނަށް ވެސް މިރޭ އެންމެ ރަނގަޅަށް ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ.

އެސްޓަވާއޯ، ދެވަނަ ހާފުގައި ގިޓެންސްގެ ބަދަލުގައި ކުޅެން އަރަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަވާއޯ، ދެވަނަ ހާފުގައި ގިޓެންސްގެ ބަދަލުގައި ކުޅެން އަރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، މެޗަށް ނުކުތީ އުނދަގޫ ވާނެކަން ދަނެގެން ކަމަށާއި ކްރިސްޓަލް ޕެލަސް އަކީ މޮޅު ޓީމެއް ކަމަށެވެ. އަދި ކުރު ޕްރީސީޒަނަކާ އެކު ޗެލްސީ އާ ސީޒަން ފަށައި ފުރަތަމަ މެޗުގައި ބައިކޮޅަށް ގޯލެއް ނުވަނުމުން އެކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އަލަށް ގުޅުނު ބައެއް ކުޅުންތެރިން އަންނަނީ މަޑުމަޑޫން މާހައުލަށް ހޭނެމުން ކަމަށް ވެސް މަރެސްކާ ބުންޏެވެ.

"ޕްރީސީޒަންގައި ޕެލަސް ވަނީ އަށް މެޗު ކުޅެފަ، އަހަރެމެން މި އައީ ދެ މެޗު ކުޅެލާފަ. ކުޅުންތެރިން ވަރަށް ހިތްވަރު ކުރި، ކްލީންޝީޓު ގެއްލުވާނުލީމަ އުފާވޭ. އަލަށް އައި ބައެއް ކުޅުންތެރިން ތިބީ ހަމަ ރަނގަޅަށް ތައްޔާރުވެފަ، އަނެއްބައި ކުޅުންތެރިން އަންނަނީ ރަނގަޅަށް ހޭނެމުން. އެކަމަކު ހުރިހާ ކުޅުންތެރިންގެ ކުޅުމާ މެދު ވެސް ހިތްހަމަ ޖެހޭ،" މަރެސްކާ ބުންޏެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު މަރެސްކާ (ވ) އާއި ޕެލަސްގެ ކޯޗު އޮލިވާ ގްލެޒްނާ (ކ).-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޗެލްސީގެ ކޯޗު މަރެސްކާ (ވ) އާއި ޕެލަސްގެ ކޯޗު އޮލިވާ ގްލެޒްނާ (ކ).-- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަންގެ ލީގް ކަޕް ކާމިޔާބުކުރި ކްރިސްޓަލް ޕެލަސް ވަނީ މި ސީޒަންގެ ފުރަތަމަ މެޗު ކަމަށްވާ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި، އެންމެ ފަހުގެ އިނގިރޭސި ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފަ އެވެ.

ޕެލަސް އަށް މިދިޔަ ސީޒަންގެ ނަތީޖާއާ އެކު މި ސީޒަންގެ ޔޫރޮޕާ ލީގުގެ ޖާގައެއް ލިބެން އޮތް ނަމަވެސް، އޯނާޝިޕްގެ މައްސަލައެއްގައި އެ ޓީމަށް ވަނީ ކޮންފަރެންސް ލީގު ކުޅެން ޖެހިފަ އެވެ.