Roadha Mihaaru
ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި

ލަމްޕާޑް އެވަޓަން ސަލާމަތް ކޮށްދީފި

20 މެއި 2022

މާސީސައިޑް (މެއި 20) - ރެލިގޭޓްވާން ދިޔަ އެވަޓަން ފަހު މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށް އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ދެމިއޮތުން އެޓީމުން ޔަގީން ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (މެއި 20) - ރެލިގޭޓްވާން ދިޔަ އެވަޓަން ފަހު މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ކްރިސްޓަލް ޕެލަސް ބަލިކޮށް އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ދެމިއޮތުން އެޓީމުން ޔަގީން ކޮށްފި އެވެ.

ލީގުގައި ބާކީ ތިން މެޗަށް ވެފައި ވަނިކޮށް އެވަޓަން އަށް ރެލިގޭޝަނުން ސަލާމަތްވާން ބޭނުންވީ ތިން ޕޮއިންޓެވެ. މިރޭގެ މެޗުގެ ކުރިން ބްރެންޓްފޯޑާ ދެކޮޅަށް ނުވަ ކުޅުންތެރިންނާ އެކު 3-2 އިން ބަލިވި އިރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ފަހަރުގައި އޮވެގެންނެވެ. ނަމަވެސް ފަހު ހާފުގައި ތިން ލަނޑު ޖަހައި އެޓީމުން ވަނީ 3-2 އިން މެޗު ކާމިޔާބު ކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ.

ރެލިގޭޝަނުން ސަލާމަތްވުމުން މެޗު ނިމުމާ އެކު އެވަޓަންގެ ސީމަސް ކޯލްމަން އަދި ސަޕޯޓަރުން ދަނޑުމަތީގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެލިގޭޝަނުން ސަލާމަތްވުމުން މެޗު ނިމުމާ އެކު އެވަޓަންގެ ސީމަސް ކޯލްމަން އަދި ސަޕޯޓަރުން ދަނޑުމަތީގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ ރިޗާލިސަން ފުރަތަމަ ހާފުގައި ފޮނުވާލި ހިލޭޖެހުމެއް ގޯލު ހުރަސް ދަނޑިއަށް އަމާޒުވިއިރު އޭގެ ފަސް މިނިޓު ފަހުން ކްރިސްޓަލް ޕެލަސްގެ ފްރީކިކަކުން ހުރަސްކޮށްލި ބޯޅައަކުން އެޓީމަށް ލީޑު ނަގައިދިނީ ޖިއާން ފިލިޕޭ މަޓޭޓާ އެވެ. އަދި 15 މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ޖޯޑަން އަޔޫ އެވެ.

ލަމްޕާޑް ދެވަނަ ހާފު ފެށީ އެނަޓަންގެ އަންޑްރޭ ގޮމޭޒްގެ ބަދަލުގައި ޑެލޭ އަލީ ކުޅެން އަރުވައިގެންނެވެ. އަދި މި ހާފުގެ ނުވަވަނަ މިނިޓުގައި ލަނޑުޖަހައި އެޓީމުން ފަރަގު ކުޑަކުރި އެވެ. ވިޓަލީ މައިކޮލެންކޯ ނަގައިދިން ހިލޭޖެހުމަކުން ޑިފެންޑަރު މޭސަން ހޯލްގޭޓް ބޮލުން ޖައްސާލައި ދިން ބޯޅައިން މި ލަނޑު ޖެހީ ޑިފެންޑަރު މައިކަލް ކީން އެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް ރިޗާލިސަން ވަނީ އިތުރު ލަނޑެއް ޖަހައި އެޓީމަށް އުންމީދު ހޯދައިދީފަ އެވެ.

ރިޗާލިސަން އެއްވަރުކޮށްދިން ލަނޑު ޖެހުމަށް ފަހު ކޯޗު ލަމްޕާޑާ އެކު.-- ފޮޓޯ: އޭއެފްޕީ

ރިޗާލިސަން އެއްވަރުކޮށްދިން ލަނޑު ޖެހުމަށް ފަހު ކޯޗު ލަމްޕާޑާ އެކު.-- ފޮޓޯ: އޭއެފްޕީ

އެވަޓަން މޮޅުވި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ޑޮމިނީކް ކެލްވާޓް ލެވީން އެވެ. ޑެމަރާއީ ގްރޭ ނަގައިދިން ފްރީކިކަކުން ބޮލުން ޖަހައި ކާމިޔާބު ކޮށްދިން ލަނޑާ އެކު އެޓީމު ވަނީ ލީގު 16 ވަނައިގައި ހަމަޖެހިލައިފަ އެވެ.

ލީގުގައި ބާކީ އެއް މެޗު އޮއްވައި އެވަޓަން ސަލާމަތްވީ 39 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަންގެ ކުރީގައި 15 ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދާފައިވާ ސައުތެމްޓަން އެވެ. ފަހު މެޗުގައި އެވަޓަން ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

ސީޒަން ފެށުނުއިރު ހުރި ކޯޗު ރަފައެލް ބެނިޓޭޒް އާއެކު ނަތީޖާ ނުނެރެވި، ޓީމު ރެލިގޭޝަނާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް، ޓީމު ސަލާމަތްކުރަން ލަމްޕާޑާ ހަވާލުކުރި މިދިޔަ ޖެނުއަރީ މަހުގެ ފަހު ދުވަހު އެވެ. ފުރަތަމަ މެޗުގައި ޓީމު ހަވާލުކުރި އިރު ވެސް ޓީމު އޮތީ 16 ވަނައިގަ އެވެ.

ލަމްޕާޑަށް ވެސް ވަނީ ޓީމު ސަލާމަތްކުރަން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭނާއާ އެކު ލީގުގައި ފުރަތަމަ މެޗުން ބަލިވިއިރު ފުރަތަމަ މޮޅުވީ ދެވަނަ މެޗުގައި ލީޑްސް އަތުންނެވެ. އެއަށް ފަހު ކުޅުނު ހަތަރު މެޗުގައި ވެސް ބަލިވީ ލަނޑެއް ނުޖެހި އެވެ. ޖެހިގެން އައި މެޗު ކާމިޔާބު ކުރި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ.

އެކަމަކު ފޯމަކަށް އެޅި ފަހުން ވަނީ ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމު މޮޅުވީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ލެސްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުންނެވެ. ވަޓްފޯޑް އަދި އަމިއްލަ ދަނޑުގައި ލެސްޓާއާ ކުޅުނު މެޗު އެއްވަރުވިއިރު، ބަލިވީ ލިވަޕޫލާއި ބްރެންޓްފޯޑް އަތުންނެވެ.

ބާންލީގެ ފޯވާޑް ވައުޓް ވެގޯސްޓް، އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބާންލީގެ ފޯވާޑް ވައުޓް ވެގޯސްޓް، އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލީގު 18 ވަނައިގައި އޮތް ބާންލީ ވަނީ މިރޭ އެސްޓަންވިލާ އަތުން ޕޮއިންޓެއް ހޯދައި، 17 ވަނައަށް ޖެހިލައިފަ އެވެ. އެހެން ނަމަވެސް އެޓީމު އޮތީ 18 ވަނައިގައި މިހާރު އޮތް ލީޑްސް ޔުނައިޓެޑާ އެއްވަރަށް 35 ޕޮއިންޓް ހޯދައިގެންނެވެ. ބާންލީ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރަށުން ބޭރުގައި ބާންލީ ކުޅުނު މި މެޗް އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އޭޝްލީ ބާންސް ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް އެސްޓަން ވިލާއިން އެއްވަރުކުރީ ދެވަނަ ހާފުގެ ތިންވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެމީ ބުއެންޑިއާ އެވެ. މެޗުގެ އިތުރު ވަގުތުގައި ބާންލީގެ ޑިފެންޑަރު މެތިއު ލޯޓަން އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މިއާ އެކު ރެލިގޭޓްވާ ތިންވަނަ ޓީމެއް ޔަގީން ވާނީ މި ސީޒަނުގައި ޕްރިމިއާ ލީގު ފަހު ރޭ؛ އާދިއްތަ ދުވަހުގެ ރެއެވެ. އެރޭ ބާންލީން އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ލީޑްސް ނުކުންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ.

މާކޮސް އޮލޮންސޯ ޗެލްސީ އަށް އެއްވަރުކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މާކޮސް އޮލޮންސޯ ޗެލްސީ އަށް އެއްވަރުކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ އެއްވަރުކޮށް، ޗެލްސީން ޕްރިމިއާ ލީގުގެ ތިންވަނަ ޔަގީން ކޮށްފަ އެވެ. އެމެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ލެސްޓަ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޭމްސް މެޑިސަން އެވެ. އަދި މިއީ މުޅި މެޗުގައި ވެސް އެޓީމުން ފޮނުވާލި ދެ ހަމަލާގެ ތެރެއިން ގޯލާ އަމާޒުވި ހަމައެކަނި ހަމަލާ އެވެ.

ޗެލްސީން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ރީސް ޖޭމްސް ނެގި ހުރަހަކުން މާކޮސް އޮލޮންސޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ދެވަނަ ހާފުގައި ޗެލްސީން ލެސްޓާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ނަމަވެސް އެންޓޯނިއޯ ރުޑިގާ އާއި ކްރިސްޓިއަން ޕުލިސިކް އަދި ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ލީޑު ނެގޭ ގޮތެއް ނުވި އެވެ.

މި ނަތީޖާއާ އެކު ވެސް ޗެލްސީ އަށް ވަނީ 71 ޕޮއިންޓާ އެކު ލީގު ތިންވަނަ ޔަގީން ވެފަ އެވެ. ލެސްޓާ ސިޓީ އޮތީ 49 ޕޮއިންޓާ އެކު ލީގު ނުވަވަނައިގަ އެވެ. ޗެލްސީގެ ފަހަތުން ހަތަރުވަނައިގައި 68 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ފަހު މެޗު ކާމިޔާބު ކުރެވުނަސް ޗެލްސީ ހޯދާފައިވާ 18 ފައިދާ ގޯލާ ހަމަކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ.

ލީގު ފަހު މެޗުގައި ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި 19 ވަނައިގައި އޮތް ވަޓްފޯޑާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ނުކުންނާނީ ރަށުން ބޭރުގައި، ފުލުގައި އޮތް ނޯރިޗް ސިޓީއާ ދެކޮޅަށެވެ.