Roadha Mihaaru
ބާންލީ އަތުން ވެސް ބަލިވެ ލަމްޕާޑަށް ހާސްކަން

ބާންލީ އަތުން ވެސް ބަލިވެ ލަމްޕާޑަށް ހާސްކަން

07 އެޕްރީލް 2022

ބާންލީ (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ބާންލީއާ ވާދަކުރި މެޗުން 3-2 އިން ބަލިވެ، ކޯޗު ފްރޭންކް ލަމްޕާޑަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާންލީ (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ބާންލީއާ ވާދަކުރި މެޗުން 3-2 އިން ބަލިވެ، ކޯޗު ފްރޭންކް ލަމްޕާޑަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސީޒަން ފެށުނުއިރު އެވަޓަންގައި ހުރި ކޯޗު ރަފައެލް ބެނިތޭޒްއާ އެކު ޓީމުގެ ނަތީޖާ ދަށްވެ، ރެލިގޭޝަންގެ ބިރު ހީވުމާ އެކު އޭނާ މަގާމުން ވަކިކުރި އެވެ. އަދި މި އަހަރު ޖެނުއަރީގައި ޓީމު ހަވާލުކުރީ މިދިޔަ ސީޒަނުގައި ޗެލްސީގެ ކޯޗުކަމުން ވަކިކުރި، އެ ޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑާ އެވެ.

ލަމްޕާޑާ ޓީމު ހަވާލުކުރިއިރު އެވަޓަން އޮތީ ޓޭބަލްގެ 16 ވަނައިގަ އެވެ. އޭނާއާ ކޯޗުކަން ހަވާލުކުރީ ސީޒަން ފެށުނުއިރު ހުރި ކޯޗު ރަފައެލް ބެނިތޭޒްއާ އެކު ނަތީޖާ ގޯސްވެގެންނެވެ. އެހެން ނަމަވެސް ލަމްޕާޑް ހަވާލު ވުމަށް ފަހު ވެސް ޓީމަށް އެދެވޭ ކުރިއެރުމެއް ނުލިބި މިހާރު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ޓޭބަލްގެ 17 ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 29 މެޗުން އެވަޓަން އަށް 25 ޕޮއިންޓް ލިބިފައިވާއިރު، 18 ވަނައިގައި އޮތް ބާންލީ ވަނީ ރޭ އެވަޓަން އަތުން ހޯދި ތިން ޕޮއިންޓާ އެކު 29 މެޗުން 24 ޕޮއިންޓް ހަމަކޮށްފަ އެވެ.

ބާންލީ މޮޅުވި ލަނޑަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާންލީ މޮޅުވި ލަނޑަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގައި ބާންލީން 12 ވަނަ މިނިޓުގައި ކޯނަރަކުން ޑިފެންޑަރު ނޭތަން ކޮލިންސް ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް ބްރެޒިލް ފޯވާޑް ރިޗާލިސަން ވަނީ އެވަޓަން އަށް ލީޑު ހޯދައިދީފަ އެވެ. ބާންލީން އެއްވަރުކުރީ ފަހު ހާފު ފެށިގެން 12 ވަނަ މިނިޓުގައި ފޯވާޑް ޖޭ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ.

ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށްވެފައި ވަނިކޮށް ބާންލީ މޮޅުވި ލަނޑު ޖަހައިދިނީ އައިވަރީ ކޯސްޓުގެ ވިންގާ މެކްސްވެލް ކޯނެޓެވެ. އޭނާ މި ލަނޑު ޖެހީ އެވަޓަންގެ ޑިފެންޑަރު ބެން ގޮޑްފްރޭ އާއި ކީޕަރު ޖޯޑަން ޕިކްފޯޑް އަތުން ހެދުނު ބޮޑު ގޯހަކުންނެވެ.

މެޗަށް ފަހު ލަމްޕާޑް ބުނީ، ބާންލީގެ ލަނޑުތައް ޖަހަން މަގުފަހިވި ގޯސްތަކުގެ ސަބަބުން ދެރަވި ކަމަށެވެ. އެޓީމު މޮޅުވި ލަނޑުގެ އިތުރުން، ކޯނަރަކުން ޖެހި ފުރަތަމަ ލަނޑުގައި ކޮލިންސް ވެސް ބޯޅަ ފޮނުވާލީ އޭރިއާ ތެރޭ މުޅިން ހުސްކޮށް ހުރެ އެވެ.

ރިޗާލިސަން ރޭގެ މެޗުގައި އެވަޓަން އަށް ޕެނަލްޓީ އެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ރިޗާލިސަން ރޭގެ މެޗުގައި އެވަޓަން އަށް ޕެނަލްޓީ އެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލަމްޕާޑް ހަވާލުވި ފަހުން އެވަޓަން ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ބާކީ ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފަ އެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު ކުޅެން ޖެހެނީ ވެސް ވަރުގަދަ މެޗުތަކެކެވެ.

އެވަޓަން ގޮވައިގެން ލަމްޕާޑް އެންމެ އަވަހަށް ނުކުންނާނީ ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެ ފަހުން ލެސްޓާ ސިޓީ އާއި ލިވަޕޫލާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ މަހުގެ 1 ވަނަ ދުވަހު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އަދި ހަފްތާއެއް ފަހުން އަނެއްކާވެސް ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭނެ އެވެ.

މީގެ އިތުރުން ވަޓްފޯޑާއި ބްރެންޓްފޯޑް އަދި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ ލީގުގެ ފަހު މެޗުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށް ރަށުން ބޭރުގަ އެވެ.