Roadha Mihaaru
ލަމްޕާޑުގެ އެވަޓަން އިން ޗެލްސީ ބަލިކޮށްފި

ރެލިގޭޝަނުގައި އޮތް އެވަޓަން އިން ޗެލްސީ ބަލިކޮށްފި

01 މެއި 2022

މާސީސައިޑް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގު ރެލިގޭޝަނުގައި އޮތް އެވަޓަން އިން އަމިއްލަ ދަނޑުގައި މިރޭ ޗެލްސީއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގު ރެލިގޭޝަނުގައި އޮތް އެވަޓަން އިން އަމިއްލަ ދަނޑުގައި މިރޭ ޗެލްސީއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.

އެވަޓަން އިން ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނިޓުގައި ރިޗާލިސަން ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ހެދުނު ގޯހަކުން ރިޗާލިސަން ހޯދައި، ޑާމިއަން ގްރޭ ގެ އެހީތެރިކަމާ އެކު އެވެ. އޭގެ އިރުކޮޅެއް ފަހުން އެޓީމުގެ ވިޓަލީ މައިކޮލެންކޯ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ޗެލްސީގެ މޭސަން މައުންޓް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. މާކޮސް އޮލޮންސޯ ނެގި ބޯޅައަކުން ކައި ހަވާޓްޒް ބޮލުން ދިން ބޯޅަ މައުންޓް ގޯލުގެ ތިރީ ކަނަށް ފޮނު ފޮނުވާލުމުން އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު ސޭވް ކުރުމުން ނިއާ ޕޯސްޓުގައި ޖެހިފައި ގޯލު ހުރަސްވެގެން ފާ ޕޯސްޓުގައި ވެސް ޖެހިފައި ލިބުނީ އަޒްޕިލިކުއެޓާ އަށެވެ. އެ ބޯޅަ ވެސް ގޯލަށް ވަނުމުގެ ކުރިން ޕިކްފޯޑް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ. ކޯނަރުން ހުރަސްވި ބޯޅައިން އެންޓޯނިއޯ ރޫޑިގާ ހުސްކޮށް ފޮނުވާލި ބޯޅަ އަމާޒުވީ ޕިކްފޯޑުގެ މޫނަށެވެ.

ރިޗާލިސަން އެވަޓަންގެ ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޗާލިސަން އެވަޓަންގެ ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕިކްފޯޑް ކުރިއަށް ޖެހިގެން ހުރި ވަގުތެއްގައި ރުބެން ލޮފްޓަސް ޗީކް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް އޭނާ ވަނީ ޕަންޗް ކޮށްފައި ގޯލު މަތިން ބޭރު ކޮށްލައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެވަޓަންގެ ގްރޭ އަށް ވެސް ލީޑު ފުޅާ ކުރަން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާފޮނުވާލި ބޯޅަ ބޭރުވީ ހުރަސް ދަނޑި ކައިރިން ގޮހެވެ. އަދި ފަހުން ކައުންޓާ އެޓޭކެއްގައި އެންތޮނީ ގޯޑޮން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު އެޑުއާޑް މެންޑީ އެވެ.

އިތުރު ވަގުތުގައި ވެސް ޕިކްފޯޑް ވަނީ ޗެލްސީ އިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކޮށްފަ އެވެ. މަޓެއޯ ކޮވަސިޗް އާއި މާކޮސް އޮލޮންސޯ އޭރިއާ ތެރެއިން ތަނަވަސްކުރި ފުރުސަތެއްގައި ކޮވަސިޗް ފޮނުވާލި ބޯޅަ ޕިކްފޯޑް ދިފާއުކުރީ ތިރީ ކަނާ ދިމާލުންނެވެ.

އެވަޓަންގެ ކީޕަރު ޕިކްފޯޑް. އޭނާ ވަނީ މި މެޗުގަި މުހިއްމު ސޭވްތަކެއް ކޮށްފައި.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ ކީޕަރު ޕިކްފޯޑް. އޭނާ ވަނީ މި މެޗުގަި މުހިއްމު ސޭވްތަކެއް ކޮށްފައި.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު 18 ވަނައިގައި އޮތް އެވަޓަން އަށް ވަނީ ކުޅުނު 33 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. އަދި އަދި އެންމެ ފަހުން އެވަޓަން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމުން ވަނީ ތިން މެޗު ކާމިޔާބު ކޮށް، އެއް މެޗު އެއްވަރު ކޮށްފަ އެވެ. އެވަޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި 16 ވަނައިގައި އޮތް ބާންލީ އަށް ވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ޗެލްސީ ތިންވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި މި ދެޓީމު ފުރަތަމަ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި މި ދެޓީމު ވާދަކުރި ނުވަ މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ ދެ މެޗުންނެވެ. އެއީ މިދިޔަ ސީޒަނުގައި ޓުޗެލް އާއެކު ކުޅުނު މެޗާއި، އޭގެ ކުރީ ސީޒަނުގައި ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅުނު މެޗެވެ.

ޗެލްސީ އެންމެ ފަހުން ލީގުގައި އެވަޓަންގެ ގޫޑިސަން ޕާކުގައި މޮޅުވީ ހޯޒޭ މޮރީނިއޯ އާއެކު 2014/15 ސީޒަނުގަ އެވެ. އެ މެޗުގައި ކުޅުނު ހަމައެކަނި ކުޅުންތެރިންނަށް މިރޭގެ މެޗުގައި ދަނޑުގައި ތިބީ ޗެލްސީގެ އަޒްޕިލިކުއެޓާ އާއި އެވަޓަންގެ ޑިފެންޑަރު ސީމަސް ކޯލްމަން އެވެ. ޗެލްސީން އެ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދި އިރު، އެވަޓަންގެ މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑް ކުޅުނީ މެންޗެސްޓާ ސިޓީ އަށެވެ.