Roadha Mihaaru
ލަމްޕާޑާ އެކު ޗެލްސީ ވިދިވިދިގެން ފަސް މެޗުން ބަލި

ލަމްޕާޑާ އެކު ޗެލްސީ ވިދިވިދިގެން ފަސް މެޗުން ބަލި

27 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވެއްޖެ އެވެ.

މިއާ އެކު ކޯޗު ފްރޭންކް ލަމްޕާޑާ އެކު ޗެލްސީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިވީ އެވެ. ލަމްޕާޑް މި މަހު ޗެލްސީއާ ވަގުތީގޮތުން ހަވާލު ވުމަށް ފަހު ފުރަތަމަ މެޗުން ވަނީ ލީގުގައި ވުލްވްސް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ބްރައިޓަން އަތުން ވެސް ވީ ބައްޔެވެ.

ލީގުގައި މިވަގުތު 11 ވަނައިގައި އޮތްއިރު، އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކުން ޗެލްސީ ފެނުން ދުރެވެ. ލަމްޕާޑް ޗެލްސީއާ ހަވާލުވި އިރު ވެސް އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވާން އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް ކުއާޓާ ފައިނަލުގެ ދެ ލެގުން ވެސް ރެއާލް މެޑްރިޑް ވަނީ ޗެލްސީ ބަލިކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ޗެލްސީ އިން ގިނަ ވަގުތު ކުޅުނު ނަމަވެސް ގޯލަށް ނުރައްކާ ވާ ވަރުގެ ހަމަލާއެއް ނުއުފެއްދެ އެވެ. އެކަމަކު ބްރެންޓްފޯޑުން ވަނީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ނަގައިފަ އެވެ.

ބްރެންޓްފޯޑަށް ލީޑު ލިބުނީ ފުރަތަމަ ހާފުގައި އެޓީމަށް ލިބުނު ފުރަތަމަ ކޯނަރުން، ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ދެ ވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރަޔަން އެމްބުއެމޯ އެވެ.

މިނަތީޖާ އާއެކު ޗެލްސީ ކުޅުނު 32 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ބްރެންޓްފޯޑް ކުޅުނު 33 މެޗުން 47 ޕޮއިންޓް ހަމަކޮށްގެން އެޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.

ޗެލްސީގެ ކޯޗުކަމަށް މައުރީސިއޯ ޕޮޗެޓީނޯ ގެންނަން މަޝްވަރާތައް ކުރަމުން އަންނަ ނަމަވެސް މި ސީޒަންގެ ނިޔަލަށް ލަމްޕާޑް އެ މަގާމުގައި ދެމި ހުންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރެކޯޑް ޓްރާންސްފާ ފީ ތަކަކާ އެކު ޗެލްސީ އިން އާ ކުޅުންތެރިން ގަންނަން 600 މިލިއަން ޑޮލަރަށް ވުރެ ގިނައިން މި ސީޒަންގައި ހަރަދު ކުރި ނަމަވެސް ނަތީޖާއިން ކުރިއެރުމެއް ނުލިބެ އެވެ. ޗެލްސީ އަށް ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ގަދަ ހަތަރެއްގައި މިވަގުތު އޮތް އާސެނަލް އާއި މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެން އެބަ އޮތެވެ.