Roadha Mihaaru

ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ

މުހިއްމު ބަޔަކަށް ވުމަށްޓަކައި "ހުތުރު ކޮށް" ވެސް މޮޅުވާން މަޖުބޫރު ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ

މުހިއްމު ބަޔަކަށް ވުމަށްޓަކައި "ހުތުރު ކޮށް" ވެސް މޮޅުވާން މަޖުބޫރު ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

މަރެސްކާ މިހެން ބުނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު ލަންޑަން ޑާބީ މެޗު 1-0 އިން ކާމިޔާބު ކުރުމަށް ފަހު އެވެ.

"ސީޒަން ނިމުމަކާ ދިމާއަށް ދާއިރު މި މޮޅު ވަރަށް މުހިއްމު. އަދި އަހަރެމެން ބޭނުން ވާ ގޮތަށް ކުޅެގެން ނަތީޖާ ނެރުން ވެސް މުހިއްމު،" މަރެސްކާ ބުންޏެވެ.

"ބައެއް ވަގުތުތަކުގައި ވަރަށް ރަނގަޅަށް ކުޅުނު، އެކަމު ފަހު ފަސްވަރަކަށް މިނިޓު ދިޔައީ އަހަރެމެން އެންމެ ބޭނުންވި ގޮތަކަށް ނޫން. އަހަރެމެންނަކީ މުހިއްމު ބަޔަކަށް ވާން ބޭނުން ނަމަ ހުތުރު ގޮތްގޮތަށް ވެސް މޮޅުވުން މަޖުބޫރު، އެހެންވެ އަހަރެން މިހުރީ އުފަލުން."

ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. ޗެލްސީ އަށް މި ލަނޑު ޖަހަން އެސިސްޓް ކޮށްދިނީ ކޯލް ޕާމާ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު ޕާމާ އެސިސްޓް ކުރި ފުރަތަމަ ގޯލެވެ.

ޗެލްސީ އަށް ލީޑު ފުޅާ ކޮށްދޭން މޮއީސެސް ކައިސެޑޯ ގޯލެއް ޖެހި ނަމަވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި ޓޮޓެންހަމަށް ނަތީޖާ އެއްވަރު ކޮށްދޭން ޕާޕޭ ސާ ވެސް ލަނޑެއް ޖެހި އެވެ. ނަމަވެސް އޭނާ ބޯޅަ ހޯދި އިރު ކައިސެޑޯ އަށް ފައުލް ކޮށްފައި ވާތީ ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ އެ ގޯލު ވެސް ކެންސަލް ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ ހަތަރުވަނައިގައި އޮތީ 30 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތީ 51 ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ސިޓީ އެވެ. ހަވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 50 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ކުޅުނު ލަންޑަން ޑާބީގައި އާސެނަލް އަތުން ހަމަ މި ނަތީޖާއިން ޗެލްސީ ވަނީ ބަލިވެފަ އެވެ. އަދި މި ފަހުން ޗެލްސީން އެ ކްލަބްގެ ޒުވާން ޓީމަކާ ދެކޮޅަށް ކުޅުނު ޓްރޭނިން މެޗަކުން ބަލިވެގެން ޗެލްސީގެ ކުޅުންތެރިންގެ އޮފް ދުވަހެއް ވެސް ކޯޗު އެންޒޯ މަރެސްކާ ކެންސަލް ކުރި ކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ޓޮޓެންހަމްގެ މި ބައްޔާ އެކު އެ ޓީމުގެ ކޯޗު އެންޖީ ޕޮސްޓެކޮގްލޫ އަށް ވަނީ މަގާމުގެ ޕްރެޝަރާ ކުރިމަތިވެފަ އެވެ. ލީގުގައި ބާކީ އަށް މެޗު އޮތް އިރު މިހާތަނަށް ލިބުނު 34 ޕޮއިންޓާ އެކު އޮތީ 14 ވަނައިގަ އެވެ.