Roadha Mihaaru
ތޮޅިއެއް، އިންޑޮނީޝިއާ ކުއްޖެއްގެ ކަނދުރާފޫދުއްވާލައިފި

ތޮޅިއެއް، އިންޑޮނީޝިއާ ކުއްޖެއްގެ ކަނދުރާ ފޫދުއްވާލައިފި

25 ޖެނުއަރީ 2020

އިންޑޮނީޝިއާގައި މޫދަށް އެރި އުޅެނިކޮށް ތޮޅިއެއްގެ ތުންގަނޑު ކަރަން ހެރުނު ކުއްޖަކު ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑޮނީޝިއާގައި މޫދަށް އެރި އުޅެނިކޮށް ތޮޅިއެއްގެ ތުންގަނޑު ކަރަން ހެރުނު ކުއްޖަކު ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

މި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މުހައްމަދު އިދޫލް، 16، އަށް ތޮޅި ދިން ހަމަލާގައި އޭނާގެ ކަނދުރާގެ ވާތް ފަރާތުން އޭގެ ތުނގަނޑު ވަދެގެން ގޮސް އެ ނުކުމެފައި ހުރީ ބޮލާ ދިމާލުން ކަނދުރާގެ ފަހަތުންނެވެ.

މީގެ ހަ ދުވަސްކުރިން ހިނގި މި ހާދިސާގައި މުހައްމަދުގެ ފުރާނަ ސަލާމަތްވެފައި ވަނީ އޮޕަރޭޝަނެއްކޮށްގެންނެވެ. އޭނާ ކިޔައި ދިން ގޮތުގައި ސްކޫލް ރައްޓެއްސެއް ކަމަށްވާ ސަރުދީއާ އެކު ރޭގަނޑު ދެ މީހުން ވަކިވަކި ކުޑަ ދެ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ތޮޅި ދިން ހަމަލާ އެކު އޭނާ މޫދަށް ވެސް ވެއްޓުނުވެ. އޭނާ ސަލާމަތްކުރީ އެކުވެރިޔާ އެވެ. އެގޮތުން އެއްގަމާ ހަމައަށް ގޮސް، މުހައްމަދު ހޮސްޕިޓަލަކާ ހަމައަށް ގެންދަން 90 މިނިޓް ނެގި އެވެ.

"ދެ މީހުން ގާތްގާތުގައި މަސް ބާނަން ތިބެފައި، ސަރުދީ ބައްތި ދިއްލާލި ވަގުތު ތޮޅި ފުންމައިގެން އައިސް ކަނދުރާ އަށް ހަމަލާ ދިނީ. އެއާ އެކު އަހަރެން މޫދަށް ވެއްޓުނީ،" މުހައްމަދު ބުންޏެވެ. "ނަސީބަކުން ދެ މީހުންނަށް ތަންކޮޅެއް ގާތުގައި ތިބެވުނީ. އެ ހިސާބުން އެކުވެރިޔާ މޫދަށް ފުންމާލައި އަހަރެން އެއްގަމާ ހަމައަށް ގެންދިޔައީ."

އޭނާ ކިޔައިދިން ގޮތުގައި ތޮޅި ދިން ހަމަލާ އެކު ފުރާނަ ސަލާމަތްވާނެ ކަމުގެ އުންމީދު ގެއްލުނެވެ. އެއީ އޭގެ ތުންގަނޑު އެކީއެކަށް ކަރަށް ހެރި، މޫދަށް ވެއްޓިފައި އޮތް އިރު އެގޮތް މިގޮތަށް ތެޅުމުންނެވެ.

"ދެން އަހަރެން އޮތީ މަހުގައި ހިފަހައްޓައިގެން. މިއީ އަސްލު ސިފަކޮށްދޭން ވެސް ދަތި ކަމެއް،" 75 ސެންޓިމީޓަރުގެ ތޮޅިއާ ބެހޭ ގޮތުން މުހައްމަދު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އިރުދެކުނު ސުލަވޭސީގެ ހޮސްޕިޓަލެއްގަ އެވެ. އޭގެ ފަހުން މަކަސައްރުގެ ޕްރޮވިޝަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، އޮޕަރޭޝަންކުރީ ވަހިއްދީން ސުދިރޯހުސޯޑޯ ހޮސްޕިޓަލްގަ އެވެ.

އެތަނުގެ ޑިރެކްޓަރު ޚާލިދު ސަލާހް ވިދާޅުވީ މުހައްމަދުގެ ފުރާނަ ސަލާމަތްކުރެވުނީ ފަސް ޑޮކްޓަރުންގެ ޓީމަކުން ކުރި މަސައްކަތުން ކަމަށެވެ.

"މިއީ މިކަހަލަ ކޭސްއަކާ ކުރިމަތިވި ފުރަތަމަ ފަހަރު. މުހައްމަދު ކަރުން ތޮޅީގެ ތުންގަނޑު ނެރުނީ ގަޑިއެއްހާ އިރުގެ ސާޖަރީއަކަށް ފަހު،" އޭނާ ވިދާޅުވި އެވެ.

ފަރުވާ އަށް ފަހު، މުހައްމަދު ގެއަށް ދޫކޮށްލި ނަމަވެސް ޑޮކްޓަރުންގެ ޓިމުން އަންނަނީ އޭނާގެ ހާލަތު ވަރަށް ގާތުން މޮނިޓަކުރަމުންނެވެ.

މުހައްމަދު ބުނީ ކަރު ކަނާތްފަރާތަށް އެނބުރުމުގައި ހުރި ދަތިކަމެއް ފިޔަވައި އޭނާ އަށް އިތުރު އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި ހިތުން ނުފިލާވަރުގެ ބޮޑު އަނިޔާއެއް މަހެއްގެ ފަރާތުން ލިބުނު ނަމަވެސް މަސްވެރިކަން ދޫކޮށްނުލާނެ ކަމަށް ބުންޏެވެ.

"މަސް ބޭނުމަކީ އަހަރެން އެންމެ ކުރާ ހިތްވާ ކަންތައް. އެހެންވީމާ މިކަމެއް ހުއްޓައެއްނުލާނަން. މި ހާދިސާ އިން އެނގުނު އެއްޗަކީ ކުރިއަށް ވުރެ ފަރުވާތެރި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭކަން،" އޭނާ ބުންޏެވެ.