Roadha Mihaaru

ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި، ބަޔަކަށް އަނިޔާ
އިފްރާޒް އަލީ
އިފްރާޒް އަލީ

07 ޖުލައި 2025

ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ތިނަދޫ ފެރީ ޓާމިނަލްގެ ޖެޓީއަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި، އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 1:50 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއްގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި ތިން އަންހެނަކާއި އެއް އަހަރުގެ ކުއްޖެއް ލޯންޗްގައި އިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެ ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށާއި ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ ދިވެހި ދެ ފިރިހެނުން (50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާ) އާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ފުލުހުން ބުނީ އެ މީހުންނަށް ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.