Roadha Mihaaru
ހެޔޮ ހިތުން ދިން ހަދިޔާއަށް ހަދާނެ ގޮތެއް ނޭނގިފައި!

ހުޅުމާލެ ޕްރީ ސްކޫލު: ހެޔޮހިތުން ދިން ހަދިޔާއަށް ހަދާނެ ގޮތެއް ނޭނގިފައި!

09 ޖެނުއަރީ 2020

ހުޅުމާލޭގައި އާންމު މީހަކު ބޮޑު ހޭދައެއް ކޮށްގެން ޕްރީ ސްކޫލެއް ހަދާ، އެޗުޑީސީއާ ހަވާލުކުރީ އެންމެ ކަމަކަށް ޝަރުތުކޮށްފަ އެވެ: އޭނާގެ ބައްޕަގެ ނަން ބޭނުންކުރުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އާންމު މީހަކު ބޮޑު ހޭދައެއް ކޮށްގެން ޕްރީ ސްކޫލެއް ހަދާ، އެޗުޑީސީއާ ހަވާލުކުރީ އެންމެ ކަމަކަށް ޝަރުތުކޮށްފަ އެވެ: އޭނާގެ ބައްޕަގެ ނަން ބޭނުންކުރުމެވެ.

އެ ސްކޫލްގެ ނަމަކީ މުހައްމަދު ގާސިމް ޕްރީ ސްކޫލް ކަމަށް، މިހާރުގެ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު ސްކޫލް ހަވާލުކުރާނެ ފަރާތެއް ހޯދަން ހަތަރު ފަހަރު އިއުލާން ކުރުމުން ވެސް ގޮތެއް ނުނިމިގެން އުޅޭ ސަބަބެއް، އެޑިޔުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސްކޫލް ބޭނުންކުރީ ހުޅުމާލޭގައި ހުރި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ މައި ޖަގަހައިގެ ގޮތުގަ އެވެ. އެއީ އާންމު މީހަކު، ސިޔާސީ އެއްވެސް ވިސްނުމެއް ނެތި ތައުލީމަށް ހަދިޔާކުރި ތަނަކަށް ވިޔަސް، ޕީޕީއެމްގެ ކެމްޕޭން ޖަގަހަޔަކަށް ހެދުނީ އޭރުގެ އެޗުޑީސީގެ މެނޭޖްމަންޓުން އަޑިއަޑިން ހިންގި މުއާމަލާތެއްގެ ސަބަބުން ކަމަށް، ބެލެވެ އެވެ.

ސީދާ ޕީޕީއެމަށް ތަން ދިނުމުން ފާޑުކިއުންތަކެއް ކުރިމަތިވެދާނެތީ އެ ސްކޫލް ދިން ކަމަށް ވަނީ ހުޅުމާލޭގައި ފިހާރައެއް ހިންގާ ޕީޕީއެމަށް ސަޕޯޓްކުރާ ވިޔަފާރިވެރިއަކަށެވެ. ޕީޕީއެމަށް ތަން ދޫކުރީ އޭނާ އެވެ.

ޔާމީން ސަރުކާރު ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއް ވެގެންދިޔަ އިރު ވެސް ސްކޫލް ހުރީ ފަޅަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ބައެއް ވިޔަފާރިވެރިން ދޭ އެހީ ބޭނުންކުރުމުގައި ސަރުކާރުތަކުން ސަމާލުކަން ދޭ މިންވަރާ މެދު ވެސް މި ވަނީ ސުވާލު އުފެދިފަ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސްކޫލް ނިންމައި، އެޗްޑީސީއާ އެތަން ހަވާލުކުރީ 2017 ގެ ފަހުކޮޅެވެ. އެޗުޑީސީން އެ ސްކޫލް އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ މިދިއަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މިހާތަނަށް އެޑިޔުކޭޝަނަށް ކުރެވުނު ކަމަކީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ހަތަރު ފަހަރު އިއުލާންކުރުމެވެ. އެކަމަކު ތަން ދޭނެ ބަޔަކު ކަނޑައެޅޭ ގޮތެއް ނުވި އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގަން، އެންމެ ފަހުން އިއުލާންކުރުމުން، ހަތަަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ.

މީގެ ތެރެއިން އިލްމު އެޑިއުކޭޝަނަކީ އަލަށް އުފެއްދި ކުންފުންޏެކެވެ.

ސްކޫލް އިމާރަތްކުރި ފަރާތުން މީޑިއާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ސްކޫލްގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އެތަން ހަދަން ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

"އެތަން ހެދީ އަޅުގަނޑު ނަމަ ޔަގީންނުން ވެސް ވަރަށް ހިތްހަމަނުޖެހޭނެ މިވާ ގޮތުން،" އޭނާ ބުންޏެވެ

"ކުރީ ސަރުކާރުން އެތަން ބޭނުންކުރީ ވަރަށް ދެރަވަރު ގޮތަކަށް. އެތަނުގައި ސިޔާސީ ހަރަކާތްތައް ހިންގިގެންނުވާނެ. މިހާރު މި އުޅެނީ އެތަން ދޭނެ ގޮތެއް ނޭނގިގެން. ވަރަށް ދެރަ."

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނީ މި އަހަރުގެ ދިރާސީ އާ އަހަރާ އެކު އެ ޕްރީ ސްކޫލުގައި ވެސް ކިޔެވުން ފަށާނެ ކަމަށެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ ދެ ވަނަ ޓާމުގައި ކިޔަވައިދޭން ފަށާ ގޮތަށެވެ.

ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ އެއްވެސް މައުލޫމާތެއް އެޑިޔުކޭޝަނަކުން އަދި ނުދެ އެވެ.