Roadha Mihaaru
ސަރުކާރުން ހިންގާ ގޮތަށް ހުޅުމާލެ ޕްރީ ސްކޫލު ހުޅުވަނީ

ސަރުކާރުން ހިންގާ ގޮތަށް ހުޅުމާލެ ޕްރީ ސްކޫލު ހުޅުވަނީ

04 ޖޫން 2021

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލުގެ ހިންގުމާ ސަރުކާރުން ހަވާލުވެ އަންނަ އޮގަސްޓް މަހު އެތަން ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލުގެ ހިންގުމާ ސަރުކާރުން ހަވާލުވެ އަންނަ އޮގަސްޓް މަހު އެތަން ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ އިމާރާތުގައި ކިޔަވައިދޭނީ އެލްކޭޖީ އަދި ޔޫކޭޖީއަށް ކަމަށެވެ.

"ކުރިއަށް އޮތް ދިރާސީ އަހަރު ސްކޫލު ހުޅުވުމަށް މަސައްކަތްކުރަމުން ދަނީ،" މުޖާހިދު ވިދާޅުވި އެވެ.

އެ މިނިސްޓްރީން ރޭ ވަނީ ޕްރީސްކޫލް ހުޅުވުމަށް ބޭނުންވާ ފޮޓޯކޮޕީ މެޝިނާއި އެޓެންޑަންސް މެޝިން ހޯދައިދޭނެ ބަޔަކު ހޯދަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިފަ އެވެ.

ޕްރޮޖެކްޓުގައި ރަޖިސްޓްރީވާން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މުއްދަތު ދީފައިވެ އެވެ.

ޕްރީ ސްކޫލު ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ. އެހެންވެ، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. އެކަމާ ގުޅޭ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ނަމަވެސް ޕްރީ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުނުކުރެވި އުޅެނިކޮށް ކޮވިޑު-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން މިއޮތް ހުރިހާ ދުވަހު އެތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގަން އެންމެ ފަހުން އިއުލާންކުރުމުން ހަތަަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ.

ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.