Roadha Mihaaru
ބަސް ދުއްވާއިރު އެހެން މީހުން ވެސް ސަމާލުވާންޖެހޭ

ބަސް ދުއްވާއިރު އެހެން މީހުން ވެސް ސަމާލުވާންޖެހޭ

07 ޖެނުއަރީ 2020

ބަސް ދުއްވާފައި ދާއިރު އެހެން މީހުން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދޭ ވީޑިއޯއެއް އެމްޓީސީސީން މިއަދު އާންމުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބަސް ދުއްވާފައި ދާއިރު އެހެން މީހުން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދޭ ވީޑިއޯއެއް އެމްޓީސީސީން މިއަދު އާންމުކޮށްފި އެވެ.

ތިރީސް ސިކުންތުގެ ވީޑިއޯގައި ދައްކައިދެނީ ބަސް ދުއްވާފައިދާއިރު އޭގެ ޑްރައިވަރަށް މަގުމަތިން ނުފެންނާނެ ތަންތަނެވެ. މިއީ މަގުމަތީގައި ދުއްވާ އެހެން ވެހިކަލްތަކުގައި ތިބޭ މީހުން ސަމާލުވާންޖެހޭ ކަމެއްކަން ވީޑިއޯގައި ބުނެދީފައިވެ އެވެ.

އެމްޓީސީސީގެ ކެމްޕެއިން ވީޑިއޯ--

ޑްރައިވަރަށް ނުފެންނާނެ ހިސާބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބަހުގެ ފަހަތާއި ދެ އަރިމަތިން ބޮޑު ސަރަހައްދެއްގެ އިތުރުން ބަހުގެ ކުރިމަތިން ކައިރި ހިސާބެވެ. ވީޑިއޯގައި އެ ސަރަހައްދުތައް ފާހަގަކޮށް ދައްކައިދީފައިވެ އެވެ.

ބަސް ދުއްވާފައިދާއިރު ބަހާ ކައިރިން ދާ އެހެން އުޅަނދުތަކުން އެ ސަރަހައްދުތަކަށް ސަމާލުކަން ދިނުމަށާއި އެހެން ނޫން ނަމަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ވީޑިއޯ އިން ދައްކަ އެވެ.

ބަހުގެ ޑްރައިވަރަށް، ބަހުގައި އިންނަ އިރު މަގުމަތިން ނުފެންނާނެ ތަންތަން ފާހަގަކޮށްފައި.

ބަހުގެ ޑްރައިވަރަށް، ބަހުގައި އިންނަ އިރު މަގުމަތިން ނުފެންނާނެ ތަންތަން ފާހަގަކޮށްފައި.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މި ކެމްޕެއިނަކީ ދަތުރުފަތުރުގެ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުވަން އެކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ. އެއްގަމު ދަތުރުފަތުރުގެ އިތުރުން ކަނޑު ދަތުރުފަތުރުކުރާ ގުޅޭ ގޮތުން ވެސް އާއްމުން ހޭލުންތެރި ކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލައިފް ޖެކެޓް އެޅުމުގެ މުހިންމުކަން ފަދަ ކަންކަން އަޅުގަނޑުމެން ދައްކައިދޭނަން،" އޮފިޝަލް ވިދާޅުވި އެވެ.

ދާދި ފަހުން ހިނގި އެކްސިޑެންޓެއްގައޮ 13 އަހަރުގެ ކުއްޖަކު މަރުވެފައިވެ އެވެ. އެ އެކްސިޑެންޓް ހިނގީ މަރުވި ކުއްޖާގެ މަންމަ ދުއްވަން އިން ސައިކަލާއި ބަސް ޖެހިގެން ކަމަށް މަންޒަރު ދުށް މީހުން ބުނި ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ. އެ އެކްސިޑެންޓް ހިނގި ގޮތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.