Roadha Mihaaru
އެކްސިޑެންޓުތައް އިތުރުވެއްޖެ، މިއަހަރު 1907 ހާދިސާ

އެކްސިޑެންޓުތައް އިތުރުވެއްޖެ، މި އަހަރުގެ މިހާތަނަށް އެކަނިވެސް 1،907 އެކްސިޑެންޓު!

07 ސެޕްޓެމްބަރ 2024

މި އަހަރު މިހާތަނަށް ރާއްޖޭގައި 1،907 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރު މިހާތަނަށް ރާއްޖޭގައި 1،907 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮގަސްޓު މަހާ ހަމައަށް 1،476 އެކްސިޑެންޓެއް ހިނގި އެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ ފަސް މީހަކު މަރުވި ކަމަށް އެ ހިސާބުން ދައްކަ އެވެ.

އެކަމަކު، މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 431 އެކްސިޑެންޓުގެ އިތުރުވުމެކެވެ.

މި އަހަރު އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 301 އެކްސިޑެންޓެއް ރާއްޖޭގައި ހިނގި އެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ހިނގައިފަ އެވެ.

އޭގެ ތެރެއިން ގިނައީ މާލެ އާއި ހުޅުމާލެ އަދި ސިނަމާލެބްރިޖު މަތީ ހިނގާ އެކްސިޑެންޓުތަކެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ. މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ހުޅުމާލެ 2 ގައި ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި އަނިޔާ ވި އެވެ. އަދި މިއަދު ހެނދުނު ވެސް ހުޅުމާލެ 2 ގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގި އެވެ. އެ ސައިކަލް ދުއްވަން އިން ޒުވާނާ އަށް ވެސް ސީރިއަސް އަނިޔާތަކެއް ވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅުއްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.