Roadha Mihaaru
ބަހުގައި ޖެހި މިރޭ ވެސް ދެ އެކްސިޑެންޓް

ބަހުގައި ޖެހި މިރޭ ވެސް ދެ އެކްސިޑެންޓް

05 ޖުލައި 2022

އެމްޓީސީސީ ބަހުގައި ޖެހިގެން މާލޭގައި މިރޭ ވެސް ދެ އެކްސިޑެންޓް ހިނގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޓީސީސީ ބަހުގައި ޖެހިގެން މާލޭގައި މިރޭ ވެސް ދެ އެކްސިޑެންޓް ހިނގައިފި އެވެ.

އެ ތަނުން އެއް އެކްސިޑެންޓް ހިނގީ ރަސްފަންނު ސަރަހައްދު ޕެވީލިއަން ކުރިމަތީގައި އެމްއެންޑީއެފް ވެހިކަލަކާ ޖެހިގެންނެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބުނަސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގެނީ ސިފައިންގެ ވޭންގެ ކުރީކޮޅުން، ހުޅުމާލެ ކޮޅަށް ދިއުމަށް ނައްޓާލި ބަހުގެ ފަހަތު ކޮޅުގައި ޖެހިފައި ހުރި ކަމެވެ.

ބަހުގެ ނަމްބަރު ޕްލޭޓާ ދިމާލުން ބަނޑި ވެސް ވެފައި ހުއްޓެވެ.

ދެ ވަނަ އެކްސިޑެންޓް ހިނގީ އެކުވެނި ޓްރެކް ސަރަހައްދު ބޭރުގައި ސައިކަލެއް ޖެހިގެންނެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ބަހުގައި ޖެހިގެން އެކްސިޑެންޓު މިރޭ ދެ އެކްސިޑެންޓް ހިނގިއިރު، ރޭ އިރާކޮޅު މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒުވާން އަންހެނަކު ވަނީ މަރުވެފަ އެވެ.

ބަހެއްގައި ސައިކަލު ޖެހިގެން މިރޭ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އެމްޓީސީސީގެ މުވައްޒަފުންނާއި އާއްމުން މަޑުކޮޑްލައިގެން.-- ފޮޓޯ: އެމްވީކްރައިސިސް

ބަހެއްގައި ސައިކަލު ޖެހިގެން މިރޭ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އެމްޓީސީސީގެ މުވައްޒަފުންނާއި އާއްމުން މަޑުކޮޑްލައިގެން.-- ފޮޓޯ: އެމްވީކްރައިސިސް

އެކްސިޑެންޓުވި ވަގުތުގެ ވީޑިއޯ އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ރަތް ކުލައިގެ ކާރު އައީ މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ދުއްވައިފަ އެވެ. އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއް ދަތުރުކުރި ނަމަވެސް ދެ ވެހިކަލް ވެސް އޮތީ ކުރިމައްޗަށް ދިމާނުވާ ގޮތަށް މަގުގެ ދެ ފަޅީގަ އެވެ.

އެކަމަކު ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބަހުގައި ޖެހުނީ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ތިން މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.